ކެލާ ވޯޓުގައި ގިނަ ބައެއްގެ ހައްގު ގެއްލުނު ކަމަށް ބުނާ މައްސަލަ އަށް އިލެކްޝަންސް އިން އިންކާރުކޮށްފި

ހއ. ކެލާގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ ގޮތުން އެ ރަށުގެ ގިނަ ރައްޔިތުންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ، އެމްޑީޕީން ހައި ކޯޓުގައި ކުރި ދައުވާ އަށް އިލެކްޝަންސް ކޮމިޝަނުން އިންކާރުކޮށްފި އެވެ.
ކެލާ ވޯޓް ފޮށީގެ މައްސަލައާ ގުޅިގެން ތިން ފަރާތަކުން ހައިކޯޓުގައި ކުރި ދައުވާގެ ސީޣާ އަކީ އެއް ދައުވާއަކަށް ވުމާ އެކު، އެ ތިން މައްސަލަ އަށް ވެސް ޝަރީއަތެއްގައި ޖަވާބު ދާރީވަމުން އިލެކްޝަންސް ކޮމިޝަންސްގެ ވަކީލު ހުސައިން އާމިރު މިއަދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓު ލުމުން އެ ރަށުގެ ރައްޔިތުން މަހުރޫމްކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް އެ ވޯޓް ފޮށީގެ ވޯޓުލުން ހުއްޓާލަން ޖެހުނީ އެތަނަށް ވޯޓުލުމަށް ގޮސްތިބި ބަޔަކު، އިލެކްޝަންސްގެ އޮފިޝަލުންގެ މަސައްކަތަށް ހުރަސްއަޅައި، ވޯޓުލުން ހުއްޓާލައި ޖެހިގެން އަންނަ ދުވަހު ވޯޓުލުން ބޭއްވުމަށް ބުނަމުންދިޔުމުން ކަމަށް އިލެކްޝަންސްގެ ވަކީލު ވިދާޅުވި އެވެ.
"ވޯޓު ލުމުގެ ހައްގު ކެލާގެ ރައްޔިތުންނަށް ދީފައިވާނެ. އެކަމަކު އެ ވޯޓުލުން ހުއްޓާލަން ޖެހުނީ އެތަނަށް ގޮސްތިބި ބަޔަކު ވޯޓު ލުމަށް ހުރަސްއަޅައި އޮފިޝަލުންނަށް ވެސް އެކަމުގެ އަސަރު ފޯރުމުން. އެ މީހުން ބުނީ މިއަދު (ފެބްރުއަރީ 5) ވޯޓް ނުލެވޭނެ ކަމަށް. އަދި ވޯޓްލާން ޖެހޭނީ އަންނަ އާދީއްތަ ދުވަހު(ފެބްރުއަރީ 6) ކަމަށް." އިލެކްޝަންސްގެ ވަކީލު ހުސައިން އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓްލުމަށް ހުރަސްއެޅި މީހުންގެ ތެރެއިން އެމްޑީޕީ މީހުން ވޯޓުލުން ހުއްޓާލަން އަޑު އުފުލި ކަމަށާއި ނަމަވެސް ޑީއާރްޕީ މީހުން ވޯޓުލުން ކުރިއަށް ގެންދިއުމަށް އެދުނު ކަމަށެވެ.
ހައި ކޯޓްގެ މިއަދުގެ ޝަރީއަތުގައި ދައުވާ އިއްވަމުން ސަރުކާރު ހިންގާ އެމްޑީޕީގެ ވަކީލް ވިދާޅުވީ ވޯޓްލުމުގެ ކަންތައް ކެލާގައި އިލެކްޝަންސްގެ އޮފިޝަލުން ކުރިއަށް ގެންގޮސްފައި ވަނީ އިންތިހާބާ ބެހޭ ގާނުނާއި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނާ ހިލާފަށް ކަމަށެވެ.
ކެލާގެ ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ތިން ބައި ކުޅަ ދެބައި މީހުންނަށް ވޯޓް ލުމުގެ ހައްގުން މަހުރޫމްކޮށްފައިވާ ކަމަށް ވިދާޅުވި އެމްޑީޕީގެ ވަކީލު ވިދާޅުވީ ކެލާގައި އިންތިހާބުގެ ކަންތައްތައް އިލެކްޝަންސްގެ އޮފިޝަލުން ކުރިއަށް ގެންގޮސްފައި ވަނީ ވަކި ފަރާތަކަށް ޖެހިގެން ކަމަށެވެ. އަދި އިންތިހާބާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތަށް ވޯޓް ކަރުދާސް ގުނާފައި ވަނީ ވެސް ވޯޓްލާ މަރުކަޒުގައި ނޫން ކަމަށާއި ވަގުތީ ނަތީއްޖާ އިއުލާންކޮށްފައި ވަނީ ވެސް ވޯލާ މަރުކަޒުގައި ނޫން ކަމަށެވެ. އެހެން ކަމަމުން ކެލާގައި އަލުން އިންތިހާބު ބާއްވައިދިނުމަށް އެމްޑީޕީގެ ވަކީލް ކޯޓުގައި އެދިފައިވެ އެވެ.
މިއަދުގެ ޝަރީއަތުގައި ހައި ކޯޓްގެ ފަނޑިއާރުންގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ ސުވާލުތައް އަމާޒުވެގެން ދިޔައީ އިލެކްޝަންސް ކޮމިޝަންގެ ވަކީލާ ދިމާއަށެވެ.
ކެލާ ވޯޓުލުން ހުއްޓާލަން ޖެހުނީ ރަށުގެ ހާލަތު ކިހާވަރަކަށް ގޯސްވެގެންތޯ އާއި އިލެކްޝަންސްގެ ވޯޓް ކަރުދާސް ހުރި ހިސާބަށް ހަމަނުޖެހުން ހިންގި މީހުންނަށް އާދެވުނުތޯ ގާޒީން ސުވާލު ދެއްނެވުމުން އިލެކްޝަންސްގެ ވަކީލު ވިދާޅުވީ "އެތަނުގެ ހާލަތު އެހާ ބޮޑަށް ގޯސްވެގެން ނެތް ނޫން ވޯޓްލުން ހުއްޓާލީ" އަދި "ވޯޓް ކަރުދާސް ހުރި ހިސާބަށް ވެސް އަދި ވޯޓް ފޮއްޓާ ހަމައަށް ވެސް އެމީހުންނަށް ނާދެވޭ" ކަމަށެވެ.
ޝަރީއަތުގެ މަޖިލިސް ނިންމާލީ ދެން އޮންނަ އަޑު އެހުމަކަށް އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވާ ގޮތާ ބެހޭ ގޮތުން އިލެކްޝަންސްގެ އޮފިޝަލުން ތައްޔާރުކޮށްފައިވާ ރިޕޯޓް ހުށަހެޅުމަށް އިލެކްޝަންސްގެ އޮފިޝަލަށް ފުރުސަތު ދެއްވަމުންނެވެ.
ކެލާގެ ވޯޓް ފޮށީގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ރަށު ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު ޑީއާރުޕީންނެވެ. އަދި ސަރުކާރު ހިންގާ އެމްޑީޕީ އަށް ލިބިފައި ވަނީ އެންމެ ގޮނޑިއެކެވެ.
ކެލާގެ އާބާދީގެ ތެރެއިން 1400 އަށްވުރެ ގިނަ މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވާއިރު، ނިމިގެން ދިޔަ އިންތިހާބުގައި ކެލާގައި ވޯޓްލާފައި ވަނީ 361 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ