ކޮވިޑް19: 1000 އަށްވުރެ ގިނަ ސާމްޕަލް ނަގައިފި، ނަތީޖާ ނުލިބެނީ 139 ސާމްޕަލްއެއްގެ

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެން މިހާތަނަށް 1000 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ދަރުބާރުގޭގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް19 ގެ އަލާމާތްތަކެއް ހުރެގެން 1089 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 933 ސާމްޕަލް ނެގެޓިވް ވެފައިވާއިރު ޕޮޒިޓިވް ވެފައިވަނީ 17 މީހެއްގެ ސާމްޕަލް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާތަނަށް ލެބޯރިޓީގައި 139 ސާމްޕަލްގެ ނަތީޖާ ނުލިބިވާކަމަށް މަބުރޫކް ވިދާޅުވިއެވެ. ކަރަންޓީން ފެސިލިޓީސްތަކުގައި މިހާރު ތިބި މީހުންގެ ޖުމްލަ ޢަދަދަކީ 867 މީހެއްކަމަށް މަބުރޫކް ވިދާޅުވިއެވެ.
މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 17 މީހުންގެ ތެރެއިން މިހާރު އެ ބައްޔަށް ފަރުވާ ދެމުން ދަނީ ދެ މީހަކަށެވެ. އެއީ ދެ ދިވެހިންނެވެ. ބާކީ ތިބި 15 މީހުންނަކީ ބިދޭސީންނެވެ. އެމީހުންގެ ތެރެއިން ބައެއް މީހުންނަކީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައިސްފައި ތިބި މީހުންނެވެ. އަދި އަނެއްބައި މީހުންނަކީ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ