ކާފިއު ނުހިންގާ ވަގުތުތަކުގައިވެސް ތިން މީހުންނަށްވުރެ ގިނައިން މަގުތަކަށް ނުނިކުތުމަށް އަންގައިފި

ކޮވިޑް19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން އެކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ތިން ގަޑިއިރަށް ކާފިއު ހިންގި ނަމަވެސް އެ ނޫން ވަގުތުތަކުގައި ވެސް އެންމެ ގިނަވެގެން މަގުތަކަށް ނިކުމެވޭނީ ތިން މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިދިޔަ މަހުގެ 12ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އެންގުންތައް އަންގާފައެވެ. އެގޮތުން އަންގާފައިވާ އެންގުމެއްގައި ބުނެފައިވަނީ، މާދަމާގެ މެންދުރު 12:00 ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލުމަށް އަންގާ ކަމަށެވެ.
އޭގެ އިތުރުން އެ ގަޑިތަކުގައި، ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ)ގެ ހިދުމަތް ހުއްޓާލުމަށާއި އެހެނިހެން ގަޑިތަކުގައި ވެސް އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް އެންގުމުފައިވެއެވެ.
އެންގުމުގައި ބުނެފައިވަނީ، މާލޭ ސަރަހައްދަށް ކާފިއު އިއުލާން ކޮށްފައިވާ ވަގުތުތަކުގައި ބައެއް ފަރާތްތަކާއި އުޅަނދުފަހަރު ދުއްވުން ހުއްދަވާނެ ކަމަށެވެ. އަދި ކާފިއު ހިންގާ ވަގުތު ނޫން ވަގުތުތަކުގައި ވެސް ތިން މީހުންނަށްވުރެ ގިނައިން މީހުން މަގުތަކަށް ނުނިކުތުމަށް އަންގާ ކަމަށްވެސް ބުނެފައިވެއެވެ.
އިސްތިސްނާވާ ފަރާތްތަކާއި އުޅަނދުފަހަރު:
– ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
– ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
– ވެމްކޯގެ ޔުނީފޯމު އެޅި މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
– އުރީދޫ، ދިރާގު، ބޭންކްތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
– ދައުލަތުގެ (ޖީ ބޯޑު) ހަރުކޮށްފައިވާ އުޅަނދުފަހަރު
– ޑިޕްލޮމެޓިކް އުޅަނދުފަހަރު
– އެމްބިއުލަންސް
– އެންއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތައް.
– ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްްވާ އުޅަނދުފަހަރު.
– އެޗްޕީއޭއިން ދޫކުރާ ހާއްސަ ސްޓިކާ ޖަހައިފައިވާ އުޅަނދުތައް.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ