ބީއެމްއެލްގެ ލޯނުތަކަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އޮންލައިންކޮށް ލޯނުތަކަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ އިރު، ބީއެމްއެލުން އެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 19ގެ ކުރިން އެ ބޭންކުން ލޯނު ނަގާފައިވާ މީހުންނަށެވެ.
ބީއެމްއެލުން ބުނީ https://moratorium.bankofmaldives.com.mv/login އިން ލޯނަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އޮންލައިންކޮށް އެކަމަށް އެދުމަށް ބޭނުންވަނީ ބޭންކް އެކައުންޓް ނަންބަރާއި އެމީހެއްގެ އައިޑީ ކާޑް ނަންބަރެވެ. ބޭންކް އެކައުންޓް ނަންބަރު ޖަހައި ލޮގިންވުމުން އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލުން އެމީހެއްގެ ލޯނުގެ ތަފުސީލުތައް ދައްކައެވެ. ނަގާފައިވާ ލޯނުގެ ތަފުސީލުގެ އިތުރުން ހަ މަސް ފަހުން ދައްކަން ޖެހޭ އަދަދުތައް ވެސް ޕޯޓަލުން ދައްކައެވެ.
އެ ލޯނުތައް ފަސްކޮށްދިނުމަށް އެދޭ ފަރާތްތަކުން ކުރިއަށްއޮތް ހަ މަސް ދުވަހު ބޭންކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. އަދި ފުރަތަމަ ހަ މަސް ދުވަހަށްފަހު ދެވަނަ ހަ މަސް ދުވަހު ދައްކަންޖެހޭނީ ކުރިން ދައްކާ އަދަދުގެ 20 އިންސައްތަ މަދުންނެވެ.
ބީއެމްއެލުން ބުނީ ލުއިތައް ދޭ 12 މަސް ދުވަހަށްފަހު ލޯނު އަނބުރާ ދައްކަން ފަށައިގަންނަ އިރު، ކަސްޓަމަރުންނަށް ވީހާވެސް ލުއި ދިނުމުގެ ގޮތުން ދެ ކަމެއް ހިމަނާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ކޮމްޕައުންޑް އިންޓަރެސްޓް ނުނެގުމެވެ. އަދި ދެވަނަ ކަމަކީ ލޯނުގެ މުއްދަތު މިހާރު އޮތް މުއްދަތަށްވުރެ އިތުރު ހަ މަސް ދުވަސް އިތުރުވެގެންދިއުމެވެ.
ބީއެމްއެލުން ލޯނުތަކަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިމިވަނީ ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ވެސް އަސަރުކުރަމުންދާތީ އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ