ބައިނަލްއަގުވާމީ މުޖުތަމައު ކައިރިއަށް އަބަދު ހައިރާތަށް އެދެންދާ ބަޔަކަށްވާކަށް ނުޖެހޭ: ޔާމީން

ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައު ކައިރިއަށް އާދަކަށް ހަދައިގެން ހައިރާތަކަށް އެދެންދާ ބަޔަކަށް ވާން ނުޖެހޭ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗްގައި މިރޭ އެ ޕާޓީގެ ފަރާތުން ބޭއްވި މާހެފުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އިގްތިސާދު ވަރުގަދަކުރުމަކީ ރާއްޖެ އަށް ދޭދޭ ގައުމުތަކުގެ ފަރާތުން އަދި ބައިނަލްއަގުވާމީ މުޖުތަމުގެ ފަރާތުން ގަދަރު އުފުލޭނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ އަޅުގަނޑުމެންގެ ފަރުދުން ވަކި ވަކިން މީހުން ކައިރިއަށް ސަދަގާތަށް ނުވަތަ ހައިރާތައްދާ ފަދައިން ދައުލަތަކީ އެކި ގައުމުތަކުގެ ކައިރިއަށް. ބައިނަލްއަގުވާމީ މުޖުތަމު ކައިރިއަށް އާދައަކަށް ހަދައިގެން ސަދަގާތަކަށް ނުވަތަ ހައިރާތަކަށް އެދެންދާ ބަޔަކަށް. ދިވެހި ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމަކަށް ވީނަމަވެސް ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ އިހުތިރާމާއި ކަރާމާތް އަދި ގަދަރު ލިބިގެންވާ ގައުމަކަށް ހެދުމަކީ އަޅުގަނޑުމެންގެ އެއް އަމާޒު. މި މަސައްކަތް އަޅުގަނޑުމެން ކުރާނީ އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތާއެކީ ސެޕްޓެމްބަރު 7ގައި ނަގާ ވޯޓު ކާމިޔާބުވެގެން،" އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މިދިޔަ ދެ ތިން އަހަރެއްގައި އަޅުގަނޑުމެންގެ ދީނަށް ވަރަށް އިހާނެތި ކަންތައްތަކެއް ވެގެން ދިޔަތަން ފެނިއްޖެ ކަމަށެވެ. އަދި މިޙާރު ވެސް ބައެއް ސިޔާސީ ލީޑަރުންގެ ފަރާތުން އެކަން ފެންނަމުން އެބަދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އެއީ އިސްލާމީ ދައުލަތެއްގައި ގަބޫލްކުރެވޭނެ ކަމަކަށް ނުވާތީ އަޅުގަނޑުމެން ބޭނުންވޭ ﷲގެ މަގުގައި އެކަލާނގެ ހިދާޔަތުގައި އަޅުގަނޑުމެން ތިބުމަށް އިތުރު ހިތްވަރަކާއެކީ މަސައްކަތްކުރަން،" އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރާއްޖޭގެ އިޖުމާއީ ހަމަޖެހުން ގެއްލިފައިވާ ކަމަށެވެ. އަދި ރައްޔިތުން އުޅެނީ ވަރަށް ނިކަމެތިކޮށް ކަމަށާއި ކޮންމެހެން ލިބެންވާ އެކި އެކި ހިދުމަތްތައް ލިބެމުންނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިރިއުޅުން ދެކޮޅު ނުޖެއްސިގެން މިދަނީ. ވަޒީފާ އަށް ބޭނުންވާ އެތައް ޒުވާނުނެއް އެބަތިބި. އެ މީހުންގެ ހުވަފެން ހަގީގަތަކަށްވާ ތަނެއް ނުފެނޭ. ފުރުސަތު ލިބުނީމާ އެ ފުރުސަތުގެ ބޭނުން ނުހިއްޕަވައި މިހާރު 3،000 ނުވަތަ 5،000 ވަޒީފާ އުފައްދާ ވާހަކަ އަޑު އެބަ އިވޭ. އޭރު އެ ފުރުސަތުގެ ބޭނުން ހިއްޕެވި ނަމަ މިއަދު ދައްކަން ޖާގަ އޮތް ވާހަކައެއް ނޫން އެއީ،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހިންނަކީ ފަރުދުންނާއި، ހުރިހާ ފަރުދުން ހިމެނޭ ގޮތުގައި މުޅި ރާއްޖެ މުއްސަނދި ރާއްޖެ އަކަށް ވާން އެބަޖެހޭ ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ އެދުމެއް. މި އަމާޒަށް މަސައްކަތްކުރަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް." ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ އޭނާ އާއި ރަނިންމޭޓް އަދި އެ ޓީމުގައި ހިމެނިވަޑައިގެންނަވާ ބޭފުޅުން ގުޅިގެން ކުރާ ކެމްޕޭންގައި އެދެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އަމާޒު ޔަގީން. އަޅުގަނޑުމެން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންތައްތައް އަޅުގަނޑުމެންނަށް ކަށަވަރު. އަދި އެ ރައްޔިތުން އަޅުގަނޑުމެން ކިބައިން އެދޭ ކަންތައްތަކުގެ ފުރިހަމަ ތަސައްވުރެއް ލިބޭ. އަޅުގަނޑުމެންގެ އެންމެ އާއްމު އާދައިގެ ރައްޔިތުން މިއުޅެނީ ކަރަންޓް ބިލް ނުދެއްކިގެން. އެހެންވެ އެހާ ގިނައިން އިގްތިސާދުގެ ވާހަކަ މިދައްކަނީ،" އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރުގައި ކޮންމެ ލީޑަރަކު އަޔަސް އޭނާގެ ގާބިލްކަން ދައްކަން ޖެހޭނެ ކަމަށާއި ނޫން ނަމަ ދާނީ ފެއިލްވެގެން ކަމަށެވެ.
"އެމްޑީޕީ ސަރުކާރު ފެއިލްވެގެން ދިޔައީ އޭރު ހުރި އިގްތިސާދީ ބޮޑެތި މައްސަލަތަކަށް ހައްލު ނުހޯދުނީމާ. އެ މައްސަލަތަކަށް ހައްލު ނުހޯދި ސިޔާސީ މީހުން ކަންކަމަށް އަޑު އުފުލައި ކުރެވޭ ގޯސްކަންތައްކުގެ ވާހަކަ ދެއްކީމާ ރައްޔިތުން ހައްޔަރުކޮށް، ސިޔާސީ ލީޑަރު ހައްޔަރުކުރުމާއި އަދި އެ މީހުންނާ ދޭތެރޭ ހުކުމްކުރަން ތިބި ފަނޑިޔާރުންނަށް އެކި ކަހަލަ ހުށަހެޅުންތައް ހުށަހަޅައި ބިރު ދެއްކުމުގެ ތެރެއިން، އެބޭފުޅުންނަށް އެކަންކޮށް ނުދެއްވުނީމާ ފަނޑިޔާރުން ހައްޔަރުކޮށް ކޯޓުތަކުގައި ތަޅުވައި މިކަހަލަ ހިތްދަތި އެތައް ކަމެއް، ތަހުޒީބީ މުޖުތަމައެއްގައި ފެނިގެންނުވާނެ އެތައްކަމެއް ފެނިގެންދިޔައިމާ އާހިރުގައި ]ވެރިކަމުގެ[ ނިމުގެ ސިއްކަ ޖެހިގެންދިޔައީ،"ނަޝީދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތް ގޮތް ޔާމީން ސިފަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ