ޝަރުއީ ކޯޓުތަކުގެ މިނިވަންކަން ނިގުޅައިގަނެފި: އުއްތަމަ ފަނޑިޔާރު

ޝަރުއީ ކޯޓުތަކުގެ މިނިވަންކަން ނިގުޅައިގަނެފައިވާކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޝަންގެ ޑިރެކްޓަރގެ މަގާމުގައ ހުންނެވި އާތިކާ އިބްރާހީމްގެ މައްސަލަތަކެއް ތަހުގީގުކުރާ ކަމަށް ބުނެ އެކަށީގެންވާ ސަބަބުތަކެއް ނާންގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އޭނާ ސަސްޕެންޑް ކުރުމާއި ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ. އުއްތަމަ ފަނޑިޔާރު ދީދީ ވަނީ ޑީޖޭއޭ އިން ދުސްތޫރީ އަދި ގާނޫނީ ނައްސުތަކުގެ ބާރު ކަނޑުވާލައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ޚިލާފަށް އަމަލު ކުރަމުން ގެންދާކަން ހާމަކުރައްވާފައެވެ. އަދި ޑީޖޭއޭއިން ޣައިރު ގާނޫނީ އަމަލުތައް ހިންގުމުގެ ސަބަބުން އުއްތަމަ ފަނޑިޔާރުގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބުތަކާއި ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސްއެޅިފައިވާކަމަށްވެސް އެ ބަޔާނުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ޑީޖޭއޭއިން ހިންގި ދަށު ދަރަޖައިގެ އެ އަމަލުތައް އުއްތަމަ ފަނޑިޔާރު ދީދީ ސިފަކުރައްވަނީ ކޯޓުތަކުގެ އެތެރޭގައި ނުފޫޒާއި ބާރު ހިންގުމުގެ ސަގާފަތެއް އުފައްދައި ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވައި، ފަނޑިޔާރުންނަށް މަސައްކަތް ނުކުރެވޭނެ ފަދަ މާހައުލެއް އުފެއްދުމަށް ހިންގޭ ޣައިރު ގާނޫނީ އަދި ޣައިރު ދުސްތޫރީ، އެހާމެ ލަދުވެތި ދަށު ދަރަޖައިގެ އަމަލުތަކެއްގެ ގޮތުގައެވެ. އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓާއި ރާއްޖޭގެ އެހެނިހެން ކޯޓުތަކަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކުރުމުގައި ދައުލަތުގެ އެންމެހާ ފަރާތްތަކުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ސުޕްރީމް ކޯޓުގެ އެއްވެސް މުވައްޒަފަކާއިމެދު ޣައިރު ގާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ އެއްވެސް ކޯޓަކުންވެސް އެފަދަ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބުނާގޮތުން އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވައި ހެދުމަކީ ޣައިރު ގާނޫނީ އަމަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ