ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ އިސްލާހަށް އާއްމުންގެ ހިޔާލު ހުށަހެޅުން މިއަދު 6:00އަށް ހަމަވާނެ

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ފުރުސަދު މިއަދު ހަވީރު 6:00 އަށް ހަމަވާނެއެވެ.
އެބިލް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްގެންދާ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެ ބިލް ދިސާރާކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު އާއްމުންގެ ހިޔާލުގެ އިތުރުން ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ހިޔާލު ހޯދަމުން އަންނަ ކަމަށެވެ.
އެގޮތުން ޓެރަރިޒަމްގެ އެކްސްޕާޓުންނާއި ކައުންޓާ ޓެރަރިޒަމްގެ އޮފިޝަލުންނާ ކޮމިޓީން ބައްދަލު ކޮށްފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"އެކްސްޕާޓުންގެ އޮޕީނިއަންތައް ނަގަމުން މިދަނީ، މިއަދު ހައެއް ޖަހަންދެން ޕަބްލިކަށްވެސް ހުޅުވާލައިފައިވަނީ، މި މަސައްކަތަށް ޓެރަރިޒަމް އެކްސްޕާޓުންނާއި ކައުންޓާ ޓެރަރިޒަމްގެ އޮފިޝަލުންނާ މަޝްވަރާ ކުރެވިއްޖެ ރެއާ ހަމައަށް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވި ބިލާ ބެހޭގޮތުން އަދި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭ ކަމަށާއި، ބިލް ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވޭނީ އެކަންތައްތައް ވެސް ނިމިގެން ކަމަށެވެ.
ޝަރީފް ވިދާޅުވީ ކޮމިޓީން މަސައްކަތް ކުރިއަށް ގެންދަނީ ވީއެންމެ އަވަހަކަށް ބިލްގެ މަސައްކަތް ނިންމުމަށް ކަމަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދުމުގެ މުއްދަތު މިއަދު 6:00 އަށް ހުޅުވާލާފައިވާއިރު، މަޖިލިސް މެއިލްއަށް މެއިލް ކޮށްގެންނާއި މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިގެން އެ ބިލަށް ހިޔާލު ހުށަހެޅޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ