ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލުކުރަނީ

"ރަސްރަނި ބަގީޗާ"ގެ ނަން، ކުރިން ވެސް އެ ތަނަށް ކިޔަމުން އައި، "ސަލްޓަން ޕާކަށް" ބަދަލު ކުރުމަށް މާލޭ ސިޓީ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާ ކުރަން އެޖެންޑާކޮށްފި އެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރަސްރަނި ޕާކްގެ ނަން ބަދަލުކޮށް ސަލްޓަން ޕާކްގެ ނަން އަލުން ދިރުވުމުގެ ގޮތުން، އެ މައްސަލަ އަންނަ އަންގާރަ ދުވަހުގެ ސިޓީ ކައުންސިލް ބައްދަލުވުމެއް މިހާރު އެޖެންޑާކޮށްފައިވާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޓީ ކައުންސިލްތަކަށް އަލުން ދިން ބާރުތަކުގެ ތެރޭގައި އެ ކައުންސިލެއް ނިންބަތްވާ ސަރަހައްދުގައި ހުންނަ ޕާކްތައް ބެލެހެއްޓުމާއި، އެ ތަންތަން ބަންދު ކުރުމާއި ތަރައްގީ ކުރުން އަދި ނަން ދިނުމުގެ އެންމެހާ ކަންކަން ވެސް ވަނީ ސިޓީ ކައުންސިލްގެ ބާރުތަކުގެ ގޮތުގައި ހަމަޖައްސަވައިފަ އެވެ.
ސަލްޓަން ޕާކްގެ ނަން، ރަސްރަނި ބަގީޗާއަށް ބަދަލުކޮށް ހުޅުވީ، އޮގަސްޓް 21، 2017 ގަ އެވެ. ކުރީގެ ރަސްކަމުގެ ގަނޑުވަރު ހުރި ބިމުގައި ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ހަދާފައިވާ އެ ޕާކުގެ ނަން ބަދަލު ކުރި އެއީ ފުރަތަމަ ފަހަރެވެ. ހައުސިން މިނިސްޓްރީ އިން އޭރު ބުނި ގޮތުގައި އެ ޕާކަށް ރަސްރަނި ބަގީޗާ ކީ ކުރީގެ ރަސްރަސްކަލުންނާއި ރަނިންނަށް އެ ތަން ނިސްބަތްކޮށް ކަމަށެވެ. އަދި ރަސްރަނި ބަގީޗާއަށް އެތަނުގެ ނަން ބަދަލުކޮށް ހުޅުވިއިރު، އެތަނަށް ވަނީ ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
އެ ޕާކް ތަރައްގީކޮށް ހުޅުވީ، އެންޓަޓައިންމަންޓް އެންޑް ހެރިޓޭޖް ކޮންސެޕްޓަށެވެ. އެގޮތުން އެޑިއުކޭޝަނަލް ބައިތައް ވެސް ހިމެނޭ ގޮތަށް މުނިފޫހި ފިލުވުމުގެ ކަންކަން ކުރެވޭ ގޮތަށް އެތަން ވަނީ ރާވައިފަ އެވެ. އަދި ކުރީގެ ގަނޑުވަރެއް ކަމަށްވާ، އުސްގެކޮޅު ހުރި ހިސާބުގައި ހެރިޓޭޖް ޕްލާޒާއެއް ގާއިމްކޮށް، ދެބުރީގެ ފެންއަރުވާ ވަޑާމަކާއި ކުޑަކުދިންގެ ކުޅޭ ސަރަޙައްދާއި ގްރީން ވޯކް ޓަނަލާއި ސްޓޭޖް ޑްރާމާ ތިއޭޓަރާއި ޕްލޭ އޭރިއާއެއް ވެސް ވަނީ ހިމަނައިފަ އެވެ. އަދި ވިންޓާ ތީމް ޕާކެއް ވެސް އެތަނުގައި ހިމެނެ އެވެ.
ސަލްޓަން ޕާކް ހަދާފައިވާ ތަނަކީ 1968 ވަނަ އަހަރު ރާއްޖޭގައި އޮތް ރަސްކަން ނިމުނު އިރު އޭރުގެ ގަނޑުވަރު ހުރި ތަނެވެ. ރަސްކަން ނިމުމުން އެތަން ޕާކަކަށް ބަދަލުކުރީ އެވެ. އެ ޕާކަށް މިހާރު ވަނީ 50 އަހަރު ފުރިފަ އެވެ. މި ޕާކަކީ މާލޭގެ ހަތަރު އަވަށް ކަމަށްވާ ހެންވޭރާއި މާފަންނާއި މަންޗަންގޮޅި އާއި ގަލޮޅު ގުޅޭ ތަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ