ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ޑަބްލިއުއެޗްއޯގެ ދައުރާ ބެހޭގޮތުން މަޝްވަރާ ކޮށްފި

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިއުއެޗްއޯ)ގެ ދައުރާ ބެހޭގޮތުން މަޝްވަރާ ކޮށްފިއެވެ.
ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖެއަށް ކަނޑައެޅި އާ މަންދޫބު، ޑރ. ނާޒްނީން އަންވަރު، މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާ މިއަދު ބައްދަލުކުރެއްވުމުގައި ޑރ. ނާޒްނީން ވަނީ އެކަމަނާގެ ލެޓާ އޮފް އެޕޮއިންޓްމަންޓް މިނިސްޓަރު ޝާހިދަށް އަރުވާފައެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު އާއި ޑރ. ނާޒްނީން ވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ޑަބްލިއުއެޗްއޯގެ ދައުރާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ދިވެހި ސަރުކާރާއި ޑަބްލިއުއެޗްއޯގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ދިމާވި އެތަކެއް ދަތިތަކާއި، ބަލިމަޑުކަމުން އަރައިގަތުމަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަޅަމުން ގެންދާ ފިޔަވަޅު ތަކާބެހޭގޮތުން ވެސް މިނިސްޓަރު ޝާހިދާއި ޑރ. ނާޒްނީން މަޝްވަރާ ކުރެއްވިއެވެ.
ކޮވިޑް-19 ދިމާވުމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ދެއްވި އެހީއަށް މިނިސްޓަރު ޝާހިދުވަނީ ޑަބްލިއުއެޗްއޯއަށް ޝުކުރު ދަންނަވާފައެވެ.
އަދި މިނިސްޓަރު ޝާހިދުވަނީ މިވަގުތު އޮތް ސިއްހީ ހާލަތުން އަރައިގަތުމަށާއި ބަލިމަޑުކަމުގެ ސަބަބުން ދިމާވާނެ އިޖުތިމާއީ އަދި އިގްތިސާދީ ހީނަރުކަން ކުޑަކުރުމަށް ޑަބްލިއުއެޗްއޯއިން އަދާ ކުރާ ދައުރު ފާހަގަ ކުރައްވާފައެވެ.
1965 އިން ފެށިގެން ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއާއި ކުރިއެރުމުގައި ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ