ރޮނާލްޑޯގެ ރެކޯޑަކާއިއެކު ޔުވެންޓަސް އަށް ފަސޭހަ މޮޅެއް

ޔުވެންޓަސްއަށް ކުޅެމުންއަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރެކޯޑް ހެދި މެޗުގައި އެޓީމުން ސްޕެޒިއާގެ މައްޗަށް ފަސޭހަކަމާއިއެކު ކުރިހޯދައިފިއެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން އެޓީމު މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ޔުވެންޓަސްގެ ތިންވަނަ ލަނޑު މެޗުގެ ފުރިހަމަވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ރޮނާލްޑޯ ކާމިޔާބުކޮށްދިންއިރު މިލަނޑާއެކު އޭނާ ވެގެންގޮސްފައިވަނީ ފާއިތުވި 12 ސީޒަނުގައި ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ކޮންމެ ސީޒަނެއްގައި މަދުވެގެން 20 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަދި މިވަގުތު އޭނާ އަކީ މިސީޒަނުގައި ސެރިއާ އޭގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާވެސް މެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންގޮސްފައި ނުވާއިރު، ޔުވެންޓަސް އިންވަނީ ދެވަނަ ހާފުގައި ބޮޑަށް އެޓޭކްކުރުމަށް ވިސްނާ ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ނަތީޖާ އަކަށްވީ ދެވަނަ ހާފުގެ 17 ވަނަ މިނެޓުގައި އިތުބާރު ފޯވާޑް ޔުވެންޓަސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ އެޓީމަށް ލީޑުނަގައިދިނުމެވެ. މިއީ ފެޑެރިކޯ ބެރްނަރްޑެސްކޯގެ ނަގައިދިން ހުރަސް ގޯލްގެ ތެރެއަށް ވައްދަާލައިގެން މޮރާޓާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޔުވެންޓަސްގެ ދެވަނަ ލަނޑަކީ އޭގެ ނުވަމިނެޓުފަހުން ފެޑެރީކޯ ކިއޭސާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ރޭގެމެޗުން މޮޅުވެ ޔުވެންޓަސްއިން އިންވަނީ ލީގުގެ ޕޮއިންޓް ތާވަލުގެ ދެވަނައިގައި އޮތް އޭސީ މިލާނާއި ދެމެދުއޮތް ފަރަގު ތިންޕޮއިންޓަށް ކުޑަކޮށްފައެވެ. ކުޅުނު 24 މެޗުން 56 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އިންޓަ އޮތްއިރު، ރޭގެ މޮޅާއެކު ތާވަލުގެ ތިންވަނައިގައި އޮތް ޔުވެންޓަސް ވަނީ 24 މެޗުން 49 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި 24 މެޗުން 52 ޕޮއިންޓް ހޯދައިގެން އޮތީ އޭސީ މިލާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ