އޭސީސީ އަކީ ކޮރަޕްޝަންގެ ޕާކިން ޒޯނެއް: ބޮންޑޭ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ "ކޮރަޕްޝަންގެ ޕާކިން ޒޯނެއް" ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ކުރީގެ ސަރުކާރުގައި ވެސް "މޯލްޑިވް ގޭސް" ކުންފުންޏަށް ތުހުމަތުކުރާ ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވި ކަމަށެވެ. މި ވެރިކަމަށް ވެސް އެ ކުންފުނީގެ އެ ޚިޔާނާތް ވާރުތަވެފައިވާ ކަމަށެވެ. އަދި މިކަމަށް ފާޑެއްކިޔާނަމަ ކިޔަން އޮތީ އޭސީސީ ވެސް ހިމެނޭ ގޮތުން ކަމަށެވެ.އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި މޯލްޑިވް ގޭހުން ހިންގި ޚިޔާނާތުގެ މައްސަލަތައް ބަލަން އެސްއޯއީ ކޮމިޓީން ނިންމައި އޭސީސީއަށް ވަނީ ހުށަހަޅައިފަ އެވެ."އެކަމަކު އޭސީސީއަކީ މިހާރު ކޮރަޕްޝަން ޕާކިން ޒޯނެއްގެ ގޮތަށް އަޅުގަނޑަށް ސިފަވަނީ. އެއީ ކޮރަޕްޝަން ހިންގާފައި ޕާކުކޮށްފައި ބެހެއްޓޭ ޒޯނެއް،" އޭނާ ވިދާޅުވި އެވެ.މޯލްޑިވްސް ގޭސް ކުންފުނިން އޮކްސިޖަން ސިލިންޑަރުތަކެއް ގަތުމުގައި ހިންގިކަމަށް ތުހުމަތުވާ 16 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީގައި އިތުރަށް ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ  އޭސީސީ ހިނގަނީ ކޮރަޕްޝަންގެ ޕާކިން ފީ ދައްކާ ގޮތަށެވެ. އަދި އޭސީސޭގެ އިތުރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އުފައްދަވައި މިހާރުގެ ރައްޔިތުންގެ މަޖިލިހުން ޤާނޫނީ ބާރު ދީފައިވާ އެސެޓް ރިކަވަރީ ކޮމިޝަންވެސް ޒިންމާކުރުވަން ޖެހޭ ކަމަށެވެ.  ބޮންޑޭ ވަނީ ދައުލަތުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް އިތުުރުވާ ސަބަބުތަކާއި އެ ސަބަބުތައް ނައްތާލުމަށް ކުރެވޭ މަސައްކަތްތައް ލަސްވާ ސަބަބުތަކާއި ގުޅޭގޮތުންވެސް ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކަވާފައެވެ. ސަރުކާރުން ވަނީ "ޒީރޯ ޓޮލަރެންސް" ނަމުގައި ކޮރަޕްޝަން ހުއްޓުވުމަށް ކެމްޕޭން އެއް ފަށައިފަ އެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެޔޮ ނަތީޖާތައް ފެންނަމުން ދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިފަހުން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ