ގިނަ ޝަކުވާތައް އެބަހުރި، އެކަމަކު ވޯޓު ލާން ނިކުންނަވާ: ނަޝީދު

ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރިކަން އެނގިވަޑައިގަންނަވާކަމަށާއި އެހެންނަމަވެސް ވޯޓު ލެއްވުމަށް ވީހާވެސް ގިނަ ރައްޔިތުން ނިކުތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފި އެވެ.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ވޯޓުނުލުމަކީ ޙައްލެއް ނޫން ކަމަށެވެ. އަދި ޤައުމެއް ބިނާކުރުމުގައި ރައްޔިތުންގެ ވޯޓަކީ މުހިއްމު އެއްޗެއް ކަމަށާއި ވޯޓަކީ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާއެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
މިއަދަކީ ޑިމޮކްރަސީގެ ޙަޔާތުގައި މުހިއްމު އުފައުވެރި ދުވަހެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
މިއަދު ހެނދުނު 7 ޖެހިއިރު ވޯޓުލުން ފެށުނު ފަހުން ނަޝީދު ވަނީ މާލޭގައި ވޯޓުލުން ކުރިއަށްދާ ބައެއް މަރުކަޒުތަކަށް ވަޑައިގެން ވޯޓުލުން ކުރިއަށް ދާގޮތް ބައްލަވާލައްވައިފަ އެވެ. އަދި ބައެއް މަރުކަޒުތަކަށް ވަޑައިގެން މީހުންނާއި ވާހަކަ ދެއްކުމުން އެމަނިކުފާނު ކެމްޕެއިން ކުރައްވަނީ ކަމަށް ތުހުމަތު ކުރައްވައި ބައެއް ފަރާތްތަކުގެ ފާޑުކިޔުންވެސް ނަޝީދަށް އަމާޒުވި އެވެ.
މިއިންތިހާބަކީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ މަދު މީހުން ވޯޓު ލާން ނިކުނާނެ ކަމަށް ބެލެވޭ އިންތިހާބެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް ވޯޓު ލީ މީހުންގެ ނިސްބަތަށް ބަލާއިރު މިއިންތިހާބުގައި ވޯޓު ލާނެ ކަމަށް ބެލެވެނީ 40 އިންސައްތަ ކަމަށެވެ.
ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ އިރުއޮއްސި 6 ޖަހަންދެނެވެ. ހަވީރު 5 ގެ ފަހުން ކުރިއަށް ދާނީ ކޮވިޑް-19 ގެ ސަބަބުން ކަރަންޓީނުގައި ތިބި މީހުންނާއި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓު ލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ