ރައީސް ޔާމީން ރައްޔިތުން ދޫކުރައްވައި ވަޑައިނުގަންނަވާނެ: އިދިކޮޅު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ރައްޔިތުން ދޫކުރައްވައި ވަޑައިނުގަންވާނެ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުޞަތު ރައީސް ޔާމީނަށް ދެއްވުމުން އެކަން ގަބޫލު ނުކުރެއްވީ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީނަކީ ޖަލު ޙުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންނެވި އެހެން ސިޔާސީ ލީޑަރުންނާ ތަފާތު ބޭފުޅެއް ކަމަށެވެ. އެގޮތުން ރައީސް މުޙައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ޙުކުމެއް އިއްވުމުން އިނގެރޭސިވިލާތަށް ވަޑައިގެންނެވިއިރު، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ޖަރުމަނަށް ވަޑައިގެންނެވިނަމަވެސް، ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންނަމަވެސް ރައީސް ޔާމީން ދޮޅު އަަހަރުވާން ކައިރިވީއިރު، ބޭނުންފުޅުވަޑައިނުގަންނަވާ، ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެމަނިކުފާނަކީ ފިއްލަވާނެ ބޭފުޅެއް ނޫނޭ. ރައްޔިތުން ދޫކުރައްވައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫނޭ" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީންވެސް، އަދި އެމަނިކުފާނަށް ތާއީދު ކުރާ ރައްޔިތުންވެސް، އެމަނިކުފާނަކީ ޖަލުގައި ހުންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ކިތަންމެ ބޭނުންވިޔަސް ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ