އިޒްރޭލްގެ އިސްތިޢްމާރާ ދެކޮޅަށް ތެދުވާ ފަލަސްތީނުގެ ކުޑަކުދިންގެ އިންސާނީ ޙައްޤުތަކަށް އިޒްރޭލް އަރައިގަނޭ: ރިޕޯޓް

ޓެލްއަވީވް (ޖުލައި 19) : އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ތެދުވާ ފަލަސްތީނުގެ ކުޑަކުދިން ހައްޔަރުކޮށް އެކުދިންގެ ޙައްޤުތަކަށް އިސްރާއީލު އަރައިގަންނަމުންދާ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޔަހޫދީ ޖަމާޢަތަކުން ބުނެފިއެވެ.
"ބިތަސްލީމް" ނަމަކަށްކިޔާ މި ޖަމާޢަތުން ނެރުނު ރިޕޯޓެއް ބުނާގޮތުން ވޭތުވެދިޔަ ފަސްއަހަރު ތެރޭގައި އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ތެދުވުމާއި ފަލަސްތީނުގެ ބިންތައް ހިފައިގެންތިބޭ އިސްރާއީލުގެ އިސްތިޢްމާރީ ސިފައިންނާ ދިމާއަށް އޮށްގާ އުކުންފަދަ ޙަރަކާތްތައް ހިންގި ކަމުގެ ތުހުމަތުގައި އިސްރާއީލުން ފަލަސްތީނުގެ 835 ކުއްޖަކު ހައްޔަރުކޮށްފައިވެއެވެ. މީގެތެރެއިން 834 ކުއްޖަކު އެކި މުއްދަތުތަކުގައި ޖަލުގައި ބަންދުކޮށްފައިވާއިރު ޖަލުގައި ހައްޔަރުނުކޮށް ދޫކޮށްލާފައިވަނީ އެންމެ ކުއްޖެއް ކަމަށްވެސް މިރިޕޯޓްބުނެއެވެ.
މީގެއިތުރުން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް އިސްރާއީލުން ވަޒަންވެރި ކުރުވާފައިވާ އެކިޤައުމުތަކުގެ ޔަހޫދީންވެސް ފަލަސްތީނުގެ ކުޑަކުދިންނަށް ޙަމަލާދީ އެކުދިންނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ކުރަމުން ގެންދާ ކަމަށާ މިއަނިޔާތައް ކުރާ ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށް އިސްރާއީލުގެ ސަރުކާރުތަކުން ފިޔަވަޅުނާޅާ މައްސަލަވެސް މިރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. ޔަހޫދީ ވަޒަންވެރިންގެ ޙަމަލާތަކުގައި ފަލަސްތީނުގެ ކުޑަކުދިންގެ އަތްފައި ބިންދައިގެންގޮސް ބައެއްކުދިން ނުކުޅެދޭ ކުދިންނަށް ބަދަލުވެފައިވާ ކަމަށްވެސް މިރިޕޯޓް ބުނެއެވެ.
އަޅުވެތިކަމާއި އިސްތިޢްމާރާ ދެކޮޅަށް ތެދުވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ޙައްޤެއް ކަމަށާއި ފަލަސްތީނުގެ ކުޑަކުދިން މިޙަޢްގު ބޭނުންކުރުމުން އެކުދިންނާ ދެކޮޅަށް އިސްރާއީލުން ހިންގަނީ ލާއިންސާނީ ޢަމަލުތަކެއް ކަމަށްވެސް މިރިޕޯޓް ބުނެއެވެ. އިސްރާއީލުން ހައްޔަރުކޮށް ޖަލަށްލާ ފަލަސްތީނުގެ ކުދިންނަކީ ޢުމުރުން 15 އަހަރުން ދަށުގެ ކުދިންކަންވެސް މިރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. -- އަލްޖަޒީރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ