ވިކްޓްރީ ޓީމު ހަމަނުވި މެޗުގެ އަދަދު ހަޔަކަށް

ވިކްޓްރީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފ. ނިލަންދޫއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވެސް ޓީމު ހަމަނުކުރެވުމާ އެކު ދެ ސީޒަނުގެ ތެރޭގައި ޓީމު ހަމަނުވެގެން އެ ޓީމަށް ނުކުޅެވި ދިޔަ މެޗުގެ އަދަދު ހަޔަކަށް އަރައިފި އެވެ.
މިދިޔަ ސީޒަނުގައި ދެ މެޗަށް އަދި މި ސީޒަނުގައި ހަތަރު މެޗަށް ހަމަނުވެ ދިޔައިރު، މިއަދުގެ މެޗަކީ މި ސީޒަނުގައި ޖެހިޖެހިގެން ޓީމު ހަމަނުވެ ދިޔަ ތިން ވަނަ މެޗެވެ.
ލީގުގައި މިހާތަނަށް ވިކްޓްރީން ހާޒިރުނުވެ އޮތް މެޗުތަކަށް އެ ޓީމު ޖޫރިމަނާ ކޮށްފައިވާއިރު، އެންމެ ފަހުން ކުޅެން އޮތް ދެ މެޗަށް ހާޒިރުނުވުމުން އެފްއޭއެމުން ވަނީ ކުށް ތަކުރާރުކުރުމުން އަދަދު ބޮޑުވާ އުސޫލުން ޖޫރިމަނާކޮށްފަ އެވެ. އެކަން އިއުލާނުކުރަން އެފްއޭއެމުން އާންމުކުރި ބަޔާނުގައި ވިކްޓްރީ ޖޫރިމަނާކުރި އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ. މީގެ ކުރިން ކްލަބްތަކަށް އެ ގޮތަށް ފިޔަވަޅު އަޅާއިރު ޖޫރިމަނާކުރާ އަދަދު ހާމަކޮށްފައިވެ އެވެ.
ވިކްޓްރީ ހިންގުމަށް މިދިޔަ ޑިސެމްބަރު މަހު މިހާރުގެ ޗެއާމަން މުހައްމަދު ނާޝިދު (ނާޝް) އާއި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ) ހަވާލުވެ ވަޑައިގެން ކްލަބް ހިންގުމުގެ މޮޑިއުލް ބަދަލުކޮށް ރަނގަޅު ކަންތައްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މެނޭޖްމަންޓުގެ އެއްބާރުލުމެއް ނުލިބި ގޮތް ހުސްވެ، ވިކްޓްރީގެ ކޯޗުކަމުގައި ހުރި މުހައްމަދު އާދަމް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.
ވިކްޓްރީ އަށް ދިމާވެފައިވާ މާލީ މައްސަލަތަކާއި އެ ނޫން ވެސް ކަންތައްތަކުން ހައްލެއް ހޯދުމަށް ދާދި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އެ ޓީމުގެ ބައެއް ވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކަންތައްތަކަށް ވަރަށް އަވަހަށް ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ. އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް ވިކްޓްރީން މި އަހަރު ކުރީކޮޅުގައި މަސައްކަތް ކޮށްފައިވުމުން އެ ކްލަބަށް އެފްއޭއެމުން ދަތިކުރަމުން އަންނަ ކަމަށް އެ ޓީމުން ވަނީ މީގެ ކުރިން ތުހުމަތުތަކެއް ކޮށްފަ އެވެ.
ވިކްޓްރީން މީގެ ކުރިން ބުނަމުންދިޔައީ ޓީމު ހަމަވުމުގައި ދަތިތަކެއް ހުރީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް އެ ޓީމުގެ ކުޅުންތެރިން ތިބިއިރު، އެ ކުޅުންތެރިން ބޭރުގެ މުބާރާތްތަކަށް ގައުމީ ޓީމާ އެކު ގޮސްފައިވުމުންނެވެ. އެކަމަކު ޒުވާން ގައުމީ ޓީމު އެނބުރި ރާއްޖެ އައި ފަހުން ވެސް މިދިޔައީ ކުޅުންތެރިން ހަމަނުވެ އެވެ.
ވިކްޓްރީ އަށް މި ސީޒަނުގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ އެ ކްލަބުން މިދިޔަ އަހަރު ކުޅުންތެރިންނަށް ދޭން ހުރި ފައިސާ ދޭން އެއްބަސްވުމުންނެވެ. ކްލަބުގެ ޗެއާޕާސަން ނާޝިދު ވިދާޅުވެފައިވަނީ އެ ކްލަބަށް މި އަހަރު ލިބުނު ހުރިހާ ފައިސާއެއް ވެސް ހޭދަކުރަނީ މިދިޔަ އަހަރުގެ ދަރަނިތައް ހަލާސްކުރަން ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތިން މިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 1.5 މިލިއަން ރުފިޔާ ދައްކައި ނިންމާފައިވާ ކަމަށާއި މި އަހަރުގެ ދަރަންޏަކީ މިއަދު ކުރި ޖޫރިމަނާ ނުލާ އެންމެ 20،000ރ. ކަމަށެވެ. ނާޝިދު އެހެން ވިދާޅުވި ނަމަވެސް މިދިޔަ އަހަރުގެ މުސާރަ ނުލިބިގެން ބައެއް ކުޅުންތެރިން ވަނީ އެފްއޭއެމަށް ސިޓީ ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ