ޔާމީން ފުލުހަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ މައްސަލައިގައި، މިއީ ގައުމު ހަލަބޮލިކުރަން ކުރާ ކަމެއް: ޖަމީލު

ފުލުހުންގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުހަށް ހާޒިރުކުރީ، އެމްއެމްޕީއާރްސީގެ މައްސަލައިގެ ހަވާސާގެ ތެރެއިން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ފުލުހުން ތަހުގީގުކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން އެމަނިކުފާނު ފުލުހަށް ހާޒިރުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:00 ހާއިރެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، ރައީސް ޔާމީން ފުލުހަށް ހާޒިރުކުރެވުނީ އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގަށް ކަމަށާއި އިތުރު މައްސަލައެއް ފާހަގަ ނުވާ ކަމަށެވެ.
"ރައީސް ޔާމީން މިއަދުވެސް ހާޒިރުކުރެވުނީ ހަމަ ހަގީގަތުގައި މިހާރުވެސް ހިނގަމުންދާ މައްސަލައިގެ ތެރެއަށް. އިތުރު އާ މައްސަލައެއް އަޅުގަނޑުމެންނަށް ފާހަގައެއް ނުވޭ. މިހާރު ދައުވާކޮށް، ޝަރީއަތުގެ މަރުހަލާގެ ތެރޭގައި ހަމަ އިސްތިއުނާފުވެސް ކުރާ ކަންތައްތަކުގެ ހަވާސާގެ ތެރޭގައި ހަމަ މިއަދުގެ ތަހުގީގުވެސް ކުރިއަށް ދިޔައީ،" ޖަމީލު ވިދާޅުވިއެވެ.
27 ފެބްރުއަރީ 2020، މާލެ، ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރި މައްސަލައާ ގުޅޭގޮތުން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ -- ވަން ފޮޓޯ/ މުހައްމަދު ހައްޔާން
ޖަމީލު ވިދާޅުވީ ތަހުގީގަށް މިއަދު ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެވުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފަހަތުގައިވާ މީހުންގެ މައްސަލަތައް އޮއްބާލުމަށް ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުލަތުން ޑީލެއް ދީ މައްސަލަ ފުރޮޅާލުމުގެ ފުރުސަތު އޮތް ކަމަށްވެސް ޖަމީލް ފާހަގަކުރެއްވިއެވެ.
"މި މައްސަލައިގެ ތެރޭގައި އަހުމަދު އަދީބާއި ޒިޔަތަކީ ހަގީގަތުގައި މީގެ މައިގަނޑު މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްކަމުގައިވާ ހިނދުގައި، ފުރުސަތު އެބައޮތް ދައުލަތުގެ ފަރާތުން އެފަރާތްތަކަށް ޑިީލެއް ދީ، ޑީލުގެ ދަށުން އެފަރާތްތައް ގޭގައި ބޭތިއްބުމަށް ފަހުގައި މުޅި މައްސަލައި އޮއްބާލުމުގެ ގޮތުން ކުރާ ކަމެއް،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ، ރައީސް ޔާމީން އިރުކޮޅުކޮޅާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ގައުމު ހަލަބޮލިކުރުމަށް ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ، ޖަމީލް ވިދާޅުވީ ގައުމު ހަލަބޮލިކުރަން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވަނީ ޕީޕީއެމްގެ މަގުބޫލުކަން އިތުރުވެ އެޕާޓީގެ ފަހަތަށް ގިނަ ރައްޔިތުން އެރުން ކަމަށެވެ.
އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މެންބަރުން މިހާރުގެ ރައްޔިތުންގެ މަޖިލީހުގައިވެސް ހިމެނޭކަން ޖަމީލް ފާހަގަކުރެއްވިއެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމާނާ ކުރީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ