ކޯޗުގެ ތަހުގީގަށް ހުރަސްއަޅާކަމަށް ކުރާ ތުހުމަތުތައް ޕާކިސްތާން އެމްބަސީން ދޮގުކޮށްފި

ކުޅުންތެރިތަކަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން ދާ ގައުމީ ކުރިކެޓް ޓީމްގެ ކުރީގެ ކޯޗު އާސިފް ޚާންގެ ތަހުގީގަށް ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީ އިން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް އެ އެމްބަސީ އިން ދޮގުކޮށްފި އެވެ. ކުރިކެޓް ޓީމްގެ ކުރީގެ ކޯޗް އާސިފް ޚާން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ މި މަހުގެ ފަސް ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ)ގައި ފުރަން ގޮސް ހުއްޓަ އެވެ. އެހެން ނަމަވެސް، އޭނާ ކޯޓަށް ހާޒިރުކުރުން ލަސްވެގެން އޭނާ ވަނީ ބަންދުން ސަލާމަތްވެފަ އެވެ. އެކަމާ ގުޅިގެން ވެސް އާއިލާތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. ނަމަވެސް ޕާކިސްތާން އެމްބަސީގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ދޮގުކޮށް އެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަރުނައިން އަހުމަދު މިރޭ ވިދާޅުވީ ކޯޗު އާސިފްއަކީ ޕާކިސްތާނުގެ ރައްޔިތެއް ވެސް ނޫން ކަމަށާއި އޭނާއަކީ ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިޔާސީ، އިގްތިސާދީ އަދި ދިފާއީ ކަންތައްތައްތަކުގެ ތެރެއަށް ވަނުމުގެ ސިޔާސަތެއް ޕާކިސްތާނުގެ އެމްބަސީން ނުގެންގުޅޭ ކަމަށާއި އެހެންކަމުން އެފަދަ ނޭއްގާނީ ކަމެއްގައި ޕާކިސްތާނު އެމްބަސީން ޝާމިލްވާން އެއްވެސް ވިސްނުމެއް ވެސް ނެތް ކަމަށެވެ. ޕާކިސްތާން އެމްބަސީން ބުނީ އެ އެމްބަސީގެ އެެއްވެސް އޮފީޝަލެއް އާސިފްގެ މައްސަލައަށް ހުރަސް އަޅަން މަސައްކަތް ނުކުރާ ކަމަށާއި އެފަދަ ވާހަކަތަކަކީ އެ އެމްބަސީގެ އަގު ވައްޓާލުމަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށެވެ. އާސިފްއަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން، ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވެސް ވިދާޅުވީ އެފަދަ މައްސަލަތަކެއް އާއިލާގެ ފަރާތުން މިނިސްޓްރީގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ. އަދި އެކަން ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޯޗުގެ ފުރައްސާރައިގެ ޝިކާރައަކަށްވީ ކުދިންނަށް އިންސާފު ހޯދައިދިނުމަކީ މިނިސްޓްރީ އިން އިސްކަން ދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ