ފުލުހުން މެދުވެރިކޮށް ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރުކުރަން އުޅުނު މައްސަލަ ބަލައި ދިނުމަށް މަދަނީ ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މ. މުލަކު މެމްބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރުވެ ވަޑައިނުގަތުމުން ފުލުހުން މެދުވެރިކޮށް އެ ކޮމިޝަނަށް ޔާމީން ހާޒިރު ކުރެއްވުމަށް އެންގެވި މައްސަލަ ބަލައިދިނުމަށް އޭނާ އިއްޔެ މަދަނީ ކޯޓަށް ހުށަހަޅުއްވައިފި އެވެ.
ރިޔާސީ ކޮމިޝަނަށް ޔާމީން ހާޒިރުވެ ވަޑައިނުގެންނެވި މައްސަލައިގެ ތަހުގީގަށް އިއްޔެ ހަވީރު ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގެންނެވުމަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޔާމީންގެ ގާނޫނީ ވަކީލާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ރިޔާސީ ކޮމިޝަނަށް ގަދަކަމުން އެއްވެސް މީހަކު ހާޒިރު ކުރުމަށް އެންގުމަކީ ޣައިރު ދުސްތޫރީ އަމަލެއް ކަމަށްވާއިރު އެ އަމަލު ތަންފީޒު ކުރުމަށް ފުލުހުންނަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
"އެހެންވީމަ އެ ގޮތަށް ފުލުހުން ޣައިރު ދުސްތޫރީ، ޣައިރު ގާނޫނީ ކަންތައްތަކެއް ތަންފީޒު ކުރުމަށްޓަކައި އެ ކުރައްވާ މަސައްކަތާ ބެހޭ ގޮތުން ހުށަހެޅީ. ފުރަތަމަ ނުކުތާ އަކީ ރިޔާސީ ކޮމިޝަނަކަށް މީހަކު ގަދަކަމުން ހާޒިރެއް ނުކުރެވޭނެ. ދެވަނަ ނުކުތާ އަކީ އެގޮތަށް އޮތް ޣައިރު ދުސްތޫރީ ޣައިރު ގާނޫނީ އަމުރެއް އިތުރަށް އެންފޯސް ކުރުމަށް ފުލުހުންނަށް ގާނޫނީ ބާރެއް ލިބިގެން ނުވާކަން،" ޑީއާރުޕީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ ކޮމިޝަނަށް ގަދަކަމުން މީހުން ހާޒިރުކުރުމަށް ގާނޫނީ އެއްވެސް ހުދޫދެއް ނޯންނާނެ ކަމަށާއި ހާޒިރުވުމާއި ނުވުމުގެ އިހުތިޔާރު ކޮންމެ މީހަކަށް އޮންނާނެ ކަމަށެވެ.
ރޭގެ ނިއުސް ކޮންފަރެންސްގައި ޔާމީން ވިދާޅުވީ ރިޔާސީ ކޮމިޝަނަށް ހާޒިރުވެ ވަޑައިގަތުމަށް އެންގެވި އެންގެވުމަކީ ގާނޫނީ ގޮތުން ބޯލަނބަން ޖެހިވަޑައިގަންނަވާ އަމުރެއް ކަމަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އެހެންވީމަ ކޯޓުން މިއަށް ގޮތެއް ނިންމަވައި ދެއްވާށޭ. ބަންޑާރަ ނާއިބު ރިޔާސީ ކޮމިޝަނަށް ދެއްވާފައި އޮންނަނީ ގާނޫނީ ރައުޔެއް، ނޫނީ ލަފައެއް. އަޅުގަނޑުގެ ލޯޔަރުން ]ވިސްނަވައިފާނެ[ އެއާ ތަފާތު ގޮތަކަށް. އެހެންވީމަ މިދޭތެރޭގައި ފަނޑިޔާރަކަށް ވާނީ ކޯޓު. އެހެންވީމަ ކޯޓުގައި އަޅުގަނޑު މި ދަންނަވަނީ ރިޔާސީ ކޮމިޝަނަށް އަޅުގަނޑު ހާޒިރުކުރަން އަންގަވައިގެން އެއީ އަމުރަކަށް ވާ ކަމަށް ވަންޏާ ހާޒިރުވާން އަޅުގަނޑަށް ނުފެންނަ ކަމަށް ވަނީ ނަމަ އަޅުގަނޑު ހާޒިރުވާން ޖެހޭނެހޭ ނުވަތަ ނޫންހޭ؟ މިއަށް ގޮތެއް ނިންމަވައި ދެއްވާށޭ،" ކުރީގެ ރައީސް މައުމޫނުގެ ކޮއްކޯފުޅު ޔާމީން ވިދާޅުވި އެވެ. "އަނެއް މައްސަލަ އަކީ ]ރިޔާސީ ކޮމިޝަނަށް[ އަޅުގަނޑު ހާޒިރު ނުވީމަ ފުލުހުންގެ ގާނޫނުގެ ދަށުން ރިޔާސީ ކޮމިޝަނުގެ ބޭނުމަށް ފުލުހުންނަށް އަޅުގަނޑު ހައްޔަރު ކުރެއްވިދާނެ ހެއްޔޭ؟ ފުލުހުންގެ ތަހުގީގެއް ވެއްޖިއްޔާ އަޅުގަނޑު މިހިރީ ދާން. ދާނަން ވެސް މެ. އެއީ ކޮންމެ ދިވެއްސަކަށް ލާޒިމްވާ ކަމެއް. އެކަމަކު ގާނޫނީ އަމުރެއް ފުލުހުންނަށް ނުނެރެވޭނެ. އަޅުގަނޑުމެން ޗެލެންޖްކުރާ ބައެއް ނެރޭ އަމުރަކަށް ފުލުހުން ނުޖެހޭ އެއަށް ތަބާވާކަށް. ފުލުހުން ޖެހެނީ މީހަކަށް ގާނޫނީ އަމުރެއް ކުރަން. އަނެއްކާ ފުލުހުން ކުރާ އަމުރަކީ ގާނޫނީ ފަރާތަކުން ގާނޫނީ އަމުރެއް ކުރީމަ އެ އަމުރު އެންޑޯސްކޮށްފައި އެހެން އަމުރެއް ނެރެނީ."
އާޒިމާ ވިދާޅުވީ ތަހުގީގުކުރާ ކޮމިޝަނަކަށް މީހަކު ހާޒިރުކުރުމާއި އެ މީހަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަމުގެ އިތުރުން ހާޒިރުކުރާ ބޭނުން ވެސް އެންމެ ކުޑަމިނުން އެނގެން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ ކޮމިޝަނަށް ހާޒިރުވުމަށް އެ ކޮމިޝަނުން ޔާމީނަށް ކުރީ ގާނޫނީ އަމުރެއްތޯ އެއީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
"ސިޓީއެއް ފޮނުއްވާފައި ތިމަންނަމެންނަށް މައުލޫމާތެއް ދޭން އަންނާށޭ ބުނީމަ އެ ކުރެވެނީ ގާނޫނީ އަމުރެއްތޯ؟ އެ ސިޓީގައި އޮންނަ ގަޑިއަކަށް އެތަނަށް ހާޒިރު ނުވެއްޖިއްޔާ އެ މީހަކަށް ގާނޫނީ އަމުރަކާ ހިލާފު ވެވެނީތޯ؟" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ގާނޫނަކުން ބާރު ލިބިގެން ނޫނިއްޔާ ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއްވެސް މީހަކަށް އަމުރެއް ކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 64 ވަނަ މާއްދާގައި ބުނެފައިވާއިރު ރިޔާސީ ކޮމިޝަނަށް ޔާމީން ހާޒިރުވެވަޑައިގަތުމަށް އަމުރުކުރީ ގާނޫނީ ހުދޫދުގެ ތެރެއިންތޯ އެއީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކާއި ރައްޔިތުން އެ މައްޗަށް އަމަލުކުރުމަށް ސަރުކާރުން އަންގާ އެންގުންތައް އާންމުންނަށް ލިބެން ހުންނަންވާނެ ކަމަށް ގާނޫނު އަސާސީގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ވެސް އާޒިމާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ ކޮމިޝަނުން ޔާމީނަށް ކުރީ އަމުރެއްތޯ އާއި އެއީ އަމުރެއް ނަމަ އެކަން ކުރީ ގާނޫނީ ހުދޫދުގެ ތެރޭގައިތޯ ސާފުވާން ޖެހޭ ކަމަށެވެ. ފުލުހުންގެ ގާނޫނުގެ 6 ވަނަ މާއްދާގެ ( 12) ގައި ބުނެފައިވާ ގޮތުން ފުލުހުންނަށް ޖެހޭނީ ޝަރުއީ އަދި ގާނޫނީ ބާރު ލިބިގެން ކުރާ އަމުރުތައް ތަންފީޒު ކުރަން ކަމަށްވާއިރު ޝަރުއީ އަދި ގާނޫނީ އަމުރެއް ނެތް ހާލަތެއްގައި ޔާމީން ތަނަކަށް ހާޒިރު ކުރުމުގެ އަމުރު ފުލުހުންނަށް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އިއްޔެ ހަވީރު 30: 3 އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގެންނެވީ ފުލުހުންގެ ތަހުގީގަކަށް ކަމަށާއި ފުލުސް އޮފީހަށް ވަޑައިގެންނެވީ އެއީ ގާނޫނީ ގޮތުން ކުރައްވަން ޖެހޭ ކަމެއް ކަމަށް ވާތީ ކަމަށެވެ. އެހެން ނަމަވެސް ގާނޫނީ ހުދޫދުގެ ތެރޭގައި ރިޔާސީ ކޮމިޝަނަށް ހާޒިރުވާން ޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނަށް ޔާމީން ހާޒިރު ކުރަނީ އެސްޓީއޯގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަކާ ގުޅިގެން ކަމަށް ކޮމިޝަނުން ބުނެފައިވާތީ ހިޔާނާތުގެ އެއްވެސް ކަހަލަ މައްސަލައެއް އޮވެދާނެތޯ ދެންނެވުމުން ޔާމީން ވިދާޅުވީ އެފަދަ މައްސަލައެއް ނޯންނާނެ ކަމަށެވެ. އަދި ޔާމީން ވިދާޅުވީ އެސްޓީއޯގެ އޮޑިޓް ރިޕޯޓުގައި އެ ކުންފުނީގެ ޗެއާމަނަށް ރިފާކޮށްފައިވާ އެއްވެސް ކަމެއް ނެތް ކަމަށެވެ.
"އަޅުގަނޑަކީ އެސްޓީއޯ ބޯޑުގެ ޗެއާމަން. އަޅުގަނޑަކީ ދުވަހުން ދުވަހަށް ގޮސް އެތަން ހިންގާ މީހެއް ނޫން. އެސްޓީއޯގެ އެއްވެސް އެއްޗެއްގައި އެއްވެސް ލިޔުމެއްގައި އަޅުގަނޑު ނުޖެހޭ ސޮއިކުރާކަށް. ބޯޑުން ނިންމާ ރިޒޮލިއުޝަންގައި އަޅުގަނޑު ސޮއިކުރަން. އެސްޓީއޯގެ ބޯޑުގެ މެމްބަރުން އެތިބީ. އެސްޓީއޯގެ މެނެޖިން ޑިރެކްޓަރު ރާއްޖޭގައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ޔާމީންގެ ވަކީލާ، އާޒިމާއާ ދެ ބޭފުޅުން ފުލުސް އޮފީހުގައި ތިން ގަޑިއެއްހާއިރު ވަންދެން ތިއްބެވުމަށް ފަހު ރޭ އިރުއޮއްސި ހަތެއް ޖަހަން އުޅެނިކޮށް ނުކުމެ ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ބަޔަކު ފުލުސް އޮފީސް ކައިރިއަށް އެއްވެ ތިއްބެވެ. އަދި ޔާމީން ނުކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދެއްކެވި ވަގުތު އޭގެ ތެރެއިން ބައެއް މީހުން ޔާމީނަށް ނިސްބަތްވާ ގޮތަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވަމުން ދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ