އިންތިހާބަށް ނުފޫޒު ނުފޯރުވި ނަމަ ޑީއާރްޕީ އާއި ޕީއޭ މިހާރަށް ވުރެ ވެސް ގިނަ ގޮނޑި ކާމިޔާބުކުރާނެ: ޔާމީން

އާންމު އިންތިހާބަށް ސަރުކާރުން ނުފޫޒު ނުފޯރުވި ނަމަ ޑީއާރްޕީ އާއި ޕީއޭ އިން މިހާރަށް ވުރެ ވެސް ގިނަ ގޮނޑި ކާމިޔާބުކުރާނެ ކަމަށް ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުކުރު ވިލޭރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ގުޅިފައިވާ އެ ދެ ޕާޓީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޓަކައި ހެދި ގޮނޑުދޮށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވައި، ޑީއާރްޕީ އާއި ޕީއޭ އަށް ވަރަށް ވަރުގަދައަށް ދުއްތުރާ ކޮށްފައިވާ ކަމަށާއި އެހެން ނުވި ނަމަ އިތުރު ގިނަ ގޮނޑިތަކެއް އެ ދެ ޕާޓީ ކާމިޔާބު ކުރީސް ކަމަށެވެ.
ޔާމީން ވިދާޅުވީ އިންތިހާބަށް ފަހު ކުރިއަށް އޮތީ ގައުމީ މަސައްކަތުގައި ވަރަށް ވަރުގަދަ ޖިހާދެއްކުރަން ފެށުން ކަމަށާއި އާ ރައްޔިތުންގެ މަޖިލިސް ވަރަށް ފޯރިގަދަވާނެ ކަމަށެވެ. އާ މަޖިލީހާ އެކު ރައްޔިތުންނަށް ފާގަތިކަން ގެނެސްދިނުމަށް ސާބިތުވެ ތިބުމަށާއި ހާޒިރީ އަށް ފަރުވާތެރިވެ، ކެރިގެން ވާހަކަފުޅު ދައްކަވައި ގައުމީ ޖިހާދުގައި އޭނާއާ އެކު ބައިވެރިވާން ތައްޔާރުވުމަށް ވެސް އަލަށް މަޖިލީހަށް ހޮވިވަޑައިގެންނެވި ޑީއާރްޕީ އާއި ޕީއޭގެ މެންބަރުންނަށް ޔާމީން ގޮވާލެއްވި އެވެ. މީގެ އިތުރުން ޑީއާރްޕީ އަށް އޭނާ ގޮވާލެއްވީ ދެން މަޑުން ނުތިބެ ފޯރީގައި ނުކުތުމަށެވެ.
ޔާމީން ވިދާޅުވީ މިއީ މިނިވަން ނޫން އިންތިހާބެކޭ ދަންނަވަން ބޭނުންފުޅު ނުވި ނަމަވެސް މިއީ އިންތިހާބުތައް ބާއްވަން ޖެހޭ ގޮތަށް ބޭއްވި އިންތިހާބެކޭ ވިދާޅުނުވެވޭނެ ކަމަށެވެ. ތ. ތިމަރަފުށީ ދާއިރާ އަށް އެކަނި ބަލައިލިއަސް އެކަން އެނގި ފުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ނުދަންނަވާނަން މި އިންތިހާބާ މެދު އަޅުގަނޑުމެން މާ ހިތްހަމަޖެހިގެން ތިބި ވާހަކައެއް. ކުރިޔަށް އޮތް ދެ ހަފުތާއެއްހާ ދުވަހު ހައި ކޯޓަށް ވަންނަ ހުރިހާ މައްސަލައެއް ވާނީ އިންތިހާބާ ގުޅޭ މައްސަލަތަކަށް. އެހެންވީމަ މި އިންތިހާބަކީ އެހާ މޮޅަށް ބޭއްވުނު އިންތިހާބެކޭ ބުނާކަށް ފަސޭހައެއް ނޫން. މީ އެހާ ރީތި އިންތިހާބެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އިންތިހާބަށް ނުފޫޒު ފޯރުވައި ޑީއާރްޕީ އާއި ޕީއޭ އަށް ބޮޑެތި ދުއްތުރާތައް ކޮށްފައިވާ ކަމަށް އިޝާރާތްކުރައްވާ ޔާމީން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ގޮނޑިކޮޅު ދޫކުރައްވައި ތިން ހަފުތާ ވަންދެން އުޅުއްވީ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ކަމަށެވެ. ދައުލަތުގެ ހުރިހާ ރިސޯސްތަކާ އެކު އެމަނިކުފާނު މަސައްކަތްކުރެއްވީ އިންތިހާބަށް ނުފޫޒު ފޯރުއްވުމުގައި ކަމަށާއި އެއީ ޑިމޮކްރެޓިކް ހަމައިގެ ތެރޭގައި ބާއްވާ އިންތިހާބެއްގައި ވެގެންވާނެ ގޮތެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޖަލްސާގައި ޔާމީން ވަނީ ރައީސް ނަޝީދަށާއި އެމަނިކުފާނުގެ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރާއްޖެ މިހާރު އޮތް ހާލަތުގެ ޒިންމާ ވެސް ރައީސް ނަޝީދު ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ޔާމީން ވިދާޅުވީ މަދަނީ ބަސްނޭހުމާއި މުއައްސަސާތަކުގެ ބާރު ކަނޑުވައިލުމާއި ވައުދު ނުފުއްދުމާއި ހުވަފެން ދެއްކުމަކީ ރައްޔިތުން ބަލައިގަންނަ ކަންތައްތައް ނޫންކަން އިންތިހާބުން ސާބިތުވެފައިވާ ކަމަށާއި ރައްޔިތުން ބޭނުން ވަނީ ބީވެގެންދިޔަ ރީތި އަހުލާގުގެ ވެށި އަނބުރާ ގެނައުން ކަމަށެވެ. އަދި މީހުން މަގުތަކަށް ނެރެ ރާއްޖޭގައި ނާމާންވެއްޓެއް އުފެއްދުމުގެ ޒިންމާ އުފަލަން ޖެހޭނީ ދެ މީހެއް ކަމަށާއި އޭގެ ތެރެއިން އެކަކަށް ރައްޔިތުން ނޫނެކޭ ބުނެ ގެއަށް ފޮނުވާލާފައިވާ ކަމަށެވެ.
"އަނެއް ބޭފުޅާ އެ އިންނެވީ ގައުމުގެ އެންމެ މުގައްދަސު މަގާމު، ރައީސްކަމުގެ މަގާމުގައި. އެބަދަލަކީ ރާއްޖޭގެ ރައްޔިތުން ފަހުރުވެރިވާ ބަދަލެއް ނޫން. ރައްޔިތުން ބޭނުން ވަނީ ކުރީގެ ދިވެހިރާއްޖެ. އަނެއް ދިވެހި ރާއްޖެ ބޭނުމެއް ނުވޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ރައީސް ނަޝީދަށް އިލްތިމާސްތަކެއް ވެސް ކުރައްވައިފަ އެވެ. އެގޮތުން ގަދަބަސް ވިދާޅުނުވެ ޑިމޮކްރެޓިކް އުސޫލުތައް ދަސްކުރައްވަން ޔާމީން އިލްތިމާސް ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ