މަޓީގެ ޗެއާމަނަކަށް އަނެއްކާ ވެސް އެމްޔޫ މަނިކު ހޮވައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އާއްމު ބައްދަލުވުމުގައި ޗެއާމަނަކަށް ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ހޮވައިފި އެވެ.
ޓީވީ މޯލްޑިވްސް ކުރިމަތީގައި ހުންނަ އެ ޖަމިއްޔާގެ އޮފީހުގެ ޖަލްސާ ކުރާ ހޯލުގައި ބޭއްވި އިންތިހާބީ ޖަލްސާ އިން، އިންތިހާބު ބޭއްވުމުގެ ކުރިން، ނޫސްވެރިން ވަނީ ނެރިފަ އެވެ. އަދި އިންތިހާބުގައި ބޯޑް މެންބަރުންނަށް ވޯޓް ލިބިވަޑައިގަތް ގޮތް، ހާމަކުރުމަށް މަޓީން ވަނީ އިއުތިރާޒުކޮށްފަ އެވެ.
މަޓީން ހާމަކުރި ގޮތުގައި އެ އިންތިހާބުގައި ވައިސް ޗެއާމަނަކަށް ހޮވާފައި ވަނީ ކްރައުން ކޮމްޕެނީގެ ޗެއާމަން ޗަންޕާ ހުސެއިން އަފީފެވެ. އަދި ފައިނޭންޝަލް ކޮންޓްރޯލަރަކަށް ހޮވާފައި ވަނީ ކްރައުން ކޮމްޕެނީގެ އަހުމަދު ނަޒީރެވެ. މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލަކަށް ހޮވާފައި ވަނީ ފާރަވޭ ހޮލިޑޭސްގެ ސިމް އިބްރާހިމް މުހައްމަދެވެ. އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލަކަށް ހޮވާފައި ވަނީ ލިލީ ހޮޓެލްސްގެ އަހުމަދު ހަފީޒެވެ.
ހިންގާ ކޮމިޓީއަށް އިތުރު ހަތް މެމްބަރުން ވެސް މިއަދު ހޮވާފައިވެ އެވެ. އެ ގޮތުން ހޮވި މެމްބަރުންނަކީ ބަނޑޮސް އައިލެންޑް ރިސޯޓްގެ ވެރިޔާ އަދި ޔޫތު މިނިސްޓަރު މުހައްމަދު ވަހީދުއްދީނާއި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ޗެއާމަން އަދި ފައިނޭންސް މިނިސްޓަރު ގާސިމް އިބްރާހީމާއި ސަންލޭންޑްގެ ޑިރެކްޓަރު އަދި ފިޝަރީޒް މިނިސްޓަރު ހުސެއިން ހިލްމީ އާއި ސީޕްރިއާގެ ޗެއާމަން އަބްދުﷲ ސައީދާއި ސަންޓްރެވަލްގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދާއި ވޮޔެޖަސްގެ މެނޭޖިން ޑިރެކްޓަރު ސޮލާހު ޝިހާބު އަދި މީރު މާލޭ އޮފީހުގެ އިބްރާހިމް ނޫރައްދީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ