އައްޑޫ ސްކޫލު ކުދިންނަށް ބަސް ދަތުރުގެ އަގު ބޮޑުކޮށްފި

އައްޑޫގެ ގުޅިފައި އޮތް ރަށްރަށުން ހިތަދު އަށް ކިޔަވަންދާ ކުދިންނަށް ދޭ ބަހުގެ ހިދުމަތުގެ އަގު ބޮޑުކޮށްފި އެވެ.
ބަހުގެ ހިދުމަތް ދޭ ފޭދޫ އަމާޒު ޓްރެވަލްސް ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު ރަޝީދު ވިދާޅުވީ ބަސް ދަތުރުގެ އަގު ބޮޑުކުރަން ހަމަޖެއްސީ ތެލުގެ އަގު ވެސް ބޮޑުވުމާ ގުޅިގެން ކަމަށެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ބަހުން ދަތުރުކުރާ ކޮންމެ ކުއްޖެއްގެ އަތުން މަހު ފީއެއްގެ ގޮތުގައި 300ރ. ނަގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މިއީ މިހާރު ނަގާ އަދަދަށް ވުރެ 50ރ. ބޮޑު އަދަދެކެވެ.
"ކުރިން އަޅުގަނޑުމެން މިނަގަނީ ކުއްޖެއްގެ އަތުން މަހެއްގެ މައްޗަށް 250ރ. އެހެންނަމަވެސް ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން އަގު ބޮޑު ނުކޮށް މިހިދުމަތް މިހާރު ދިނުމަކީ ވަރަށް ދަތި ކަމެއް،" އޭނާ ވިދާޅުވި އެވެ. "މިހާރު ވެސް މިހިދުމަތް މިދެނީ ކިރިޔަ ކިރިޔާ އަޅުގަނޑުމެންނަށް އެއްޗެއް ލިބޭ ގޮތަށް."
އޭނާ އަދި ވިދާޅުވީ ތެލުގެ ހަރަދަށާއި ބަހުގެ މަރާމާތަށް ހަރަދު ކުރަން ޖެހޭ ނިސްބަތަށް ބަލައިފައި ފައިދާގެ ގޮތުގައި ލިބެނީ ވަރަށް ކުޑަ އެއްޗެއް ކަމަށެވެ. އެހެންނަމަވެސް މިކަމަކީ މުޖުތަމައަށް ދެވޭ ހިދުމަތަކަށް ވާތީ މާބޮޑު ފައިދާއެއް ނުވިޔަސް މިކަން ހުއްޓާ ނުލައި ކުރިއަށް ގެންދަނީ ކަމަށެވެ.
"އަޅުގަނޑުމެން އަގު ބޮޑުކުރި ނަމަވެސް ތެލުގެ އަގު ކުޑަވުމުން އަނެއްކާ ވެސް އަގު ކުޑަކުރާނަން. މިއީ ދާއިމީ ގޮތަކަށް ގެންނަ ބަދަލެއް ނޫން." އަހުމަދު ރަޝީދު ވިދާޅުވި އެވެ.
ބަހުގައި ދަތުރުކުރާ ކުދިން ބަހަށް ގެއްލުން ދިނުމާއި ބަސް ދަތުރުކުރާ މަގުމަތީގައި ބަހަށް ގެއްލުން ދިނުން ވަރަށް ބޮޑަށް މިއަހަރު ތެރޭގައި އިތުރުވުމާ ގުޅިގެން ބަސް ދަތުރުގެ ހިދުމަތް ހުއްޓާލަން ވެސް އަމާޒުން ނިންމައިފައިވެ އެވެ. އެހެންނަމަވެސް ބެލެނިވެރިންނާއި ކުދިންނަށް މިކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިދާނެތީ އަމާޒުން ގެންދަނީ ބަހުގެ ހިދުމަތް ހުއްޓާ ނުލައި ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ