އިޝާރުގެ މަރާ ގުޅިގެން ފޭސްބުކްގައި ދެ ގުރޫޕެއްގެ ދެމެދު ފޮޓޯތަކެއް ލީކުކޮށްލައި ބަހުގެ ހަނގުރާމަ ހޫނުވެފައި

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ގްރޫޕަކުން ގޮސް މަރާލި އަލީ އިޝާރު )ޗޯޓޭ( ގެ މަރާ ގުޅިގެން ފޭސް ބުކްގައި ފޮޓޯތަކެއް ލީކްކޮށްލައި ދެ ގުރޫޕެއްގެ މެދުގައި ބަހުގެ ހަމަލަތަކެއް ބަދަލުކުރަން ފަށައިފި އެވެ.
މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އެއް އެއް ވެބް ސައިޓް، "ފޭސްބުކް"ގައި، "އިން ދަ ލަވިން މެމޮރީ އޮފް ޗޯޓޭ" ގެ ނަމުގައި ހުޅުވާފައި އިން ގުރޫޕުގައި އެއް ގުރޫޕަކުން އަނެއް ގުރޫޕަކަށް ބަހުގެ ނުރައްކާތެރި ހަމަލަތަކެއް ބަދަލުކޮށްފައި ވެ އެވެ. ޗޯޓޭ ނިސްބަތްވާ ކުޑަހެންވޭރުގެ ބައެއް މީހުންނަށް ރައްދުކޮށް މަރުގެ އިންޒާރުތައް ދީފައިވާ އިރު، ޗޯޓޭގެ ދިފާއުގައި ވާހަކަ ދައްކާ ބައެއް މީހުން ވެސް ވަނީ ހަރުކަށިކޮން މަރުގެ އިންޒާރުތައް ދީފަ އެވެ.
ޗޯޓޭގެ މަރުގެ ހަނދާނުގައި ހަދާފައިވާ މި ގުރޫޕުގައި 1،200 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައި ވެ އެވެ. އޭގެތެރެއިން ވަރަށް ގިނަ މީހުން ޗޯޓޭ އަށް ހެޔޮ ދުއާކޮށްފައިވާ އިރު، ޗޯޓޭއާ ދިމާއަށް އެއްޗެހި ކިޔައި، އޭނާ އަކީ ފިނޑިއެއް ކަމަށް ބުނެފައި ވެ އެވެ. ހަމައެއާ އެކު، ޗޯޓޭ މަރާލި މީހުންގެ ކިބައިން ވަރަށް ރީތިކޮށް ބަދަލު ހިފާނެ ކަމަށް ވެސް ބައެއް ކޮމެންޓްތަކުގައި ބުނެފައި ވެ އެވެ.
ހުރިހާ ކޮމެންޓްތަކަށް ބަލާއިރު، ވަރަށް ހަޑިހުތުރު ބަހުން ދެ ގުރޫޕެއްގެ ދެމެދު ބަދަލުކޮށްފައިވާ ބަހުގެ ހަމަލާތައް ފާހަގަކުރެވެ އެވެ. އޭގެ ތެރެއިން ބޮސްނިއާ ފޭނާއި ރަސްޓަ މާލީ އާއި މުހަންމަދު ޑޮން އާއި ލެޖެންޑް ސެނާ އާއި މުހަންމަދު ޒިފާފުގެ ނަމުގައި ވާހަކަ ދައްކާ މީހުން ވަނީ އެކި މީހުންނަށް އެކި ސިފައިގައި މަލާމާތްކޮށް އިންޒާރު ދީ ހަދައިފަ އެވެ. މި ނަން ނަމުގައި ކޮމެންޓް ކޮށްފައި ވަނީ ޗޯޓޭ އަށް ނިސްބަތްވާ ކުޑަހެންވޭރު ނުވަތަ ޗޯޓޭގެ ރަހުމަތްތެރިންނާއި، ޗޯޓޭގެ މަރާ ގުޅިގެން ހޯދަމުންދާ ހުސެން ރަޒީން )ރަބަރޭ( ނިސްބަތްވާ "ބުރު" ގުރޫޕަށް ތާއީދުކުރާ ނުވަތަ އޭނާއާ ގުޅުންހުރި މީހުންނެވެ. ޗޯޓޭގެ މަރާ ގުޅިގެން ބަހުގެ ހަމަލަތައް ބަދަލުވަނީ މި ދެބައިމީހުންގެ ތެރޭގަ އެވެ. އަދި މީގެ ތެރެއިން ޗޯޓޭގެ މަރާ ގުޅިގެން ފުލުހުން ހޯދަން އިއުލާންކޮށްފައިވާ މުހަންމަދު އަހުސަން )އަހޫ( އާ އެކު ރަބަރޭ ހުރި ފޮޓޯތަކަކާއި ރަބަރޭގެ މޫނު ކްރޮޕް ކޮށްގެން ކަނޑި ހިފައިގެން ހަދައިފައިވާ ފޮޓޯތަކެއް ވެސް ފޭސް ބުކްގެ މި ގުރޫޕު ތެރޭގައި ވަނީ ލީކްކޮށްލައިފަ އެވެ. ރަބަރޭގެ ބައެއް ފޮޓޯތަކުގައި ކަޓަރެއް ވެސް ދައްކާފައި ވެ އެވެ. އަދި ޗޯޓޭގެ ފޮޓޯތަކަކާއި ރަބަރޭ އާއި އަހުސަންގެ އެހެން ފޮޓޯތަކެއް ވެސް ވަނީ މި ގުރޫޕު ތެރޭގައި ލީކްކޮށްލައިފަ އެވެ.
ރަބަރޭ ފެނިއްޖެ ނަމަ، އޭނާގެ ކަރަށް ކްލޮރިން އިންޖެކްޝަނަކުން އިންޖެކްޓް ކުރާނެ ކަމަށާއި އޭނާ މަރާލާނެ ކަމުގެ އިންޒާރު ދެމުން އެއް ކޮމެންޓެއްގައި ބުނެފައި ވަނީ "ރަބަރޭ ނިކަން އަހަރެން ކުރިމައްޗަށް އަރާބަލާށޭ" އެވެ. އޭގެ ރައްދުދެމުން ރަބަރޭ އަށް ތާއީދުކުރާ މީހަކު ވަރަށް ހަޑިބަހުރުވައިން ބުނެފައި ވަނީ "ރަބަރޭ ކަލޭ ކުރިމައްޗަށް އަރާކަށް ނުޖެހޭ" ކަމަށާއި "ތި ވައްތަރަށް ވާހަކަ ދައްކަންޏާ ވަޅިއަކުން ކޮށާލައި" މަންމަ އާއި ބައްޕަ އަށް ކާންދެވިދާނެ ކަމަށެވެ. މި ކޮމެންޓްތަކުން ދޭހަވާ އެންމެ ބޮޑު ކަމަކީ ޗޯޓޭގެ މަރުގެ ތުހުމަތު އޭނާގެ ރަހުމަތްތެރިން ރަބަރޭ އާއި އޭނާގެ ގުރޫޕުގެ ބޮލުގައި އަޅުވާ ކަމާއި ރަބަރޭގެ ރަހުމަތްތެރިން އެކަމުން ސަލާމަތްވާން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެއް ކޮމެންޓެއްގައި ރަބަރޭ އަށް ތާއީދުކުރާ މީހަކު ބުނެފައި ވެ އެވެ: "ޗޯޓޭ މަރާލި ތާނގައި ރަބަރޭއެއް ނުހުންނާނެ. ކަލޭ ޗޯޓޭ ކައިރީގައި އަހާބަލަ އެހުނު ގޮތަކަށް."
ރަބަރޭ އަށް ތާއީދުކުރާ އެހެން ކޮމެންޓެއްގައި، ރަބަރޭ ނުފެނިގެން ކުޑަހެންވޭރު ގުރޫޕުން ރަބަރޭގެ ކޮއްކޮގެ ގައިގައި ކަޓަރު އެޅީ ކަމަށާއި "ރަބަރޭގެ ކޮއްކޮ މަރާނުލީ ކީއްވެ" ތޯ އާއި "މަރާލާކަށް ވެސް ނުކެރޭނެ" ކަމަށާއި "މަރަށް މަރު ހިފަން ބުނާ ބަޔަކު ތިހާ ފިނޑީ ކީއްވެތޯ" ސުވާލުކޮށްފައި ވެ އެވެ. ރަބަރޭ އަށް ތާއީދުކުރާ ގުރޫޕުން ބަދަލު ހިފާނެ ކަމަށް ބުނެފައި އޮތް ކޮމެންޓެއްގެ ޖަވާބުގައި ކުޑަ ހެންވޭރަށް ނިސްބަތްވާ މީހަކު ބުނެފައި ވަނީ "ކަލެއަށް ކެރެންޏާ ޖެނުއަރީ 17 ވަނަ ދުވަހު 12 ޖަހާއިރަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް އާދޭ. މަ ބަލާނަން ތި-- އަށް ކޮށާލެވޭތޯ" އެވެ.
"އިން ދަ ލަވިން މެމޮރީ އޮފް ޗޯޓޭ"ގެ ނަމުގައި ހަދާފައިވާ ގުރޫޕުގެ އިތުރުން، ފުލުހުން ހޯދަން ބޭނުންވެގެން އިއުލާންކޮށްފައިވާ މީހުންގެ ތެރެއިން ރަބަރޭ އާއި އަހުސަން އާއި އެހެން ދެ މީހަކީ މިކަމާ ނުގުޅޭ ބައެއް ކަމަށާއި އެއީ ކުށެއް ނެތް ބައެއް ކަމަށް ބުނެ ވެސް ފޭސް ބުކްގައި ގުރޫޕެއް ހަދައިފައި ވެ އެވެ. މި ގުރޫޕުން ބުނެފައި ވަނީ ނޫސްތަކަށް ޗޯޓޭގެ އާއިލާ އިންނާއި ފުލުހުން ދީފައިވާ މައުލޫމާތަކީ ދޮގެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ