ބޮޑު ދެ ޕާޓީގެ ބައްދަލުވުމަށް ފަހު ބޭއްވި ހާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި

ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން، ހާއްސަ މަޖިލީހުގެ މެޖޯރިޓީ އޮތް ޑީއާރްޕީ އާއި އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ބުރާސްފަތި ދުވަހުގެ ބައްދަލުވުމަށް ފަހު، ބޭއްވި ހާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ކުރިއަށް ނުގެންދެވިގެން މިއަދު ހުއްޓާލައިފި އެވެ.
ފަނަރަ ދުވަހުގެ ޗުއްޓީއަކަށް ފަހު، މިއަދު އޮތް ހާއްސަ މަޖިލީހުގެ 139 ވަނަ ޖަލްސާ ފެށުނީއްސުރެ، 11 ޖަހާ އެހާކަންހާއިރު ޖަލްސާ ހުއްޓާލަން ދެން ވެސް ކުރިއަށް ދިޔައީ ނިޒާމީ ނުކުތާގެ ވަގުތުތަކެވެ. ނިޒާމީ ނުކުތާ ނެންގެވި މެންބަރުން ވިދާޅުވަމުން ގެންދެވީ ރިޔާސަތުން މުޅި މަޖިލީހުގެ މަސްލަހަތު ދެމެހެއްޓުމަށް ވުރެ، ބައެއް ފަރާތްތަކުގެ ނުފޫޒާ އެކު ވަކި ގޮތަކަށް ކަންކަން ނިންމަން މަސައްކަތްކުރައްވާ ކަމަށެވެ. އެހެންނަމަވެސް މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ހާއްސަ މަޖިލީހުގެ ނާއިބް ރައީސް ޝާހީން ހަމީދު ވިދާޅުވަމުން ގެންދެވީ އެ މަނިކުފާނު މަސައްކަތްކުރައްވަނީ ގާނޫނު އަސާސީ އާއި ހާއްސަ މަޖިލީޙުގެ ގަވާއިދުގެ ހުދޫދުގެ ތެރޭގައި ކަމަށާއި ރިޔާސަތުގައި އިންނަވައިގެން ޒާތީ މަސްލަހަތެއް އަދި ވަކި ބައެއްގެ މަސްލަހަތެއް ހިމާޔަތްކުރައްވަން މަސައްކަތް ނުކުރައްވާ ކަމަށެވެ.
ރާއްޖޭގައި ބާއްވަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމުގައި އާންމު ވޯޓު ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މެންބަރުން ހުށަހަޅުއްވާފައިވާ ގިނަ ހުށަހެޅުންތަކެއް ހާއްސަ މަޖިލީހުގެ ގަވާއިދާއި ގާނޫނު އަސާސިއާ ހިލާފުވާކަމަށް ވިދާޅުވެ ރިޔާސަތުން ބާތިލުކުރެއްވުމާ ގުޅިގެން މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާ އެންމެ ގިނައިން ނެންގެވި އެއް މެންބަރަކީ މާލޭ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ. އޭނާ ތަކުރާރުކޮށް އެއްކަމަކާ ގުޅޭ ގޮތުން ނިޒާމީ ނުކުތާ ނެންގެވުމާއި ރިޔާސަތުން އެންގެވި ނަމަވެސް ވާހަކަ ދެއްކެވުން ހުއްޓަވާ ނުލައްވައި ކުރިއަށް ގެންދެވުމުން ރިޔާސަތުން އޭނާ އަށް ތިން ފަހަރު އިންޒާރު ކުރެއްވުމަށް ފަހު އޭނާގެ ނަން ރިޔާސަތުން އިއްވެވި އެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުގައި އިންޒާރުކުރުމަށް ފަހު ރިޔާސަތުން މެންބަރެއްގެ ނަން އިއްވަވައިފި ނަމަ އެ މެންބަރަކު ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގަންނަވަން ޖެހެ އެވެ. އެހެންނަމަވެސް ރިޔާސަތުން މިއަދު މާލޭ މެންބަރު މުހައްމަދު ނަޝީދުގެ ނަން އިއްވަވައި މައިކް ކަނޑުއްވާލެއްވުމުން ވެސް ކޮޅަށް ހުންނަވައިގެން އޭނާ އަޑުހަރުކޮށް ހަރުކަށި އިބާރާތުން ރިޔާސަތާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ގެންދެވި އެވެ. އަދި އޭނާ އެ ބީދައިން ވާހަކަ ދައްކަވަމުން ގެންދެވި އިރު މ. އަތޮޅު މެންބަރު އަހުމަދު ޝަފީގާއި ތ. މެންބަރު ރިޔާޒު ރަޝީދު ގޮނޑިން ތެދުވެވަޑައިގެން، ދެ މެންބަރުން ވަކިވަކިން، ރަތް އަކުރުން ލިޔެފައިވާ ކަރުދާސްގަނޑެއް ރިޔާސަތަށް ފެންނަ ގޮތަށް ހިފަހައްޓައިގެން ތިއްބެވި އެވެ. އެ ކަރުދާހުގައި ލިޔެފައިވާ އެއްޗެއް އަޑުއަހާ މާލަމާ ހަމައިން ސާފުކޮށް އެނގޭ ވަރެއް ނުވެ އެވެ.
މުހައްމަދު ނަޝީދުގެ ނަން ރިޔާސަތުން އިއްވެވުމާ ގުޅިގެން ބައެއް މެންބަރުން ހިތްހަމަ ޖެހިވަޑައިނުގެން ކޮޅަށް ތެދުވެވަޑައިގެން ރިޔާސަތާ ދިމާއަށް އަތް އުއްކަވައި ވާހަކަ ދައްކަވަން ފެއްޓެވި އެވެ. އެކަން ދިގުލައި ދާން ފެށުމުން ރިޔާސަތުން ވިދާޅުވީ ޖަލްސާގެ ކަންތައްތައް ދާ ގޮތުން ޖަލްސާ ކުރިއަށް ގެންދެވެން ނެތުމުން ޖަލްސާ ހުއްޓާލީ ކަމަށެވެ.
މަޖިލީހުގެ ބާރުތަކަށް ރިޔާސަތުން ހުރަސް އަޅުއްވާ ކަމަށް ވިދާޅުވެ މާލޭ މެންބަރު އިބްރާހީމް އިސްމާއިލް މިއަދުގެ ޖަލްސާ ހުއްޓަވާލެއްވުމުގެ ކުރިން ވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންފަ އެވެ.
ނިޒާމީ ނުކުތާގެ އޮއިވަރު މަޖިލީހުގައި އެންމެ ބޮޑަށް ހަލަބޮލިވެގެން ދިޔަ ކަމަކީ ރާއްޖޭގައި އޮންނާނީ ކޮން ވައްތަރެއްގެ ވެރިކަމުގެ ނިޒާމެއްތޯ ކަނޑައެޅުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކަންތައްތައް، ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގެން ނަންނަވާ ވޯޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހުށަހަޅާފައި އޮތް ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އައްސަވާތީ އެވެ.
އެކަމާ އިންކާރު ކުރެއްވި މެންބަރުން، ގާނޫނު އަސާސީގެ 92 ވަނަ މާއްދާ އާއި 102 ވަނަ މާއްދާ އާއި ހާއްސަ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާ އާއި 55 ވަނަ މާއްދާއާ ހަވާލާ ދެއްވައި ވިދާޅުވީ އާންމު ވޯޓު ނެންގެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގެން ކުރައްވާ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ގާނޫނު އަސާސީ އާއި ހާއްސަ މަޖިލީހުގެ ގަވާއިދު ތަންނުދޭ ކަމަށެވެ.
ގާނޫނު އަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ހެދުމާއި ގާނޫނު އަސާސީ އަށް އުނިއިތުރު ގެނައުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހަށެވެ.
ރިޔާސަތުން ވިދާޅުވީ ކޮމިޝަނާ އޮފް އިލެކްޝަނާ ހަވާލުކުރައްވައިގެން އާންމު ވޯޓު ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މަޖިލީހުން ފާސްކުރައްވާފައި ވާއިރު އެކަން ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ނެގޭ ވޯޓަކަށް ވާން ޖެހޭނެ ކަމަށެވެ. އެގޮތުން ރިޔާސަތުން އިޝާރާތްކުރައްވަނީ ގާނޫނު އަސާސީގެ 132 ވަނަ މާއްދާ އަށެވެ.
ގާނޫނު އަސާސީގެ 132 ވަނަ މާއްދާގައި ވަނީ "ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމަށް ބޭނުންވާ ރައްޔިތުންގެ އާންމު ސިއްރު ވޯޓު ނެގުމާއި ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންގެ ހާއްސަ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމުގައި ބޭނުންވާ ވޯޓު ނެގުމާއި ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ނަގާ އާންމު ވޯޓު ނެގުމުގެ ހުރިހާ ކަމެއް ހިންގައި ބަލަހައްޓާނީ ކޮމިޝަނާ އޮފް އިލެކްޝަންސެވެ" މިހެންނެވެ.
ނިޒާމީ ނުކުތާ ނަންގަވައިގެން ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ނެޗުރަލް ލޯ ގެ އުސޫލުން ބަލާއިރު ނުވަތަ އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ވެސް މަނާނުކުރާ ކަމަކީ ހުއްދަ ކަމެއް ކަމަށް ވާއިރު އާންމު ވޯޓު ނެގުމުގެ ކަންތައްތައް ހާއްސަ މަޖިލީހަށް ކުރިއަށް ނުގެންދެވޭނެކަން އެއްވެސް ގާނޫނަކުން އަދި ގަވާއިދަކުން ވެސް މަނާވެގެނެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ