ތ. މެންބަރު އަފީފުގެ ދައުރު ނިމިފައިވާ ކަމަށް ބުނާ މައްސަލަ: ލޯނުގެ 25 ޕަސެންޓު ފައިސާ ދެ މަސް ފަހުން ދައްކައިފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި އިން) ރައްޔިތުންގެ މަޖިލީހުގެ ތ. މެންބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހަސަން އަފީފުގެ ހިއްސާ އޮތް ކްރޮސް ވޯލްޑުން ނަގާފައިވާ 85،185.27 1 ޑޮލަރު (ގާތްގަނޑަކަށް 2.3 މިލިއަން ރުފިޔާގެ) ލޯނުގެ 25 ޕަސެންޓު ފައިސާ ދައްކަންޖެހޭ މުއްދަތަށް ވުރެ ދެ މަސް ފަހުން ދައްކައިފި އެވެ.
އެސްބީއައި އިން މިއަދު ބުނީ އެ މައްސަލައިގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސަކަށް ވެސް ހުންނެވި އަފީފު އިއްޔެ އެ ބޭންކަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި ޑޮލަރު ޗެކަކުން ލޯނުގެ 25 ޕަސެންޓަށްވާ ގާތްގަނޑަކަށް ހަ ލައްކަވަރަކަށް ރުފިޔާ ދައްކަވާފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.
އެ ފައިސާ އަފީފް މިއަދު ދެއްކެވި ނަމަވެސް މަދަނީ ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ އެ ލޯނުގެ 25 ޕަސެންޓު ދައްކަންޖެހޭނީ ހުކުމްކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަމަށެވެ. މަދަނީ ކޯޓުން 2008 އޮކްޓޯބަރު 7 ގައި ކޮށްފައިވާ އެ ހުކުމުގައި ބުނަނީ ލޯނުގެ ބާކީ 75 ޕަސެންޓު ދައްކަންޖެހޭނީ ހުކުމްކުރާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ )ނ( ގެ އެއް ވަނަ ނަންބަރުގައި ބުނެފައި ވަނީ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ބަރާބަރަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ.
މަޖިލީހުގައި އަފީފުގެ ދައުރު ނިމިފައިވާ ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް އެދި މީހަކު ވަނީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
އެ މައްސަލައިގައި މަދަނީ ކޯޓުން 2007 އޮކްޓޯބަރު 7 ގައި ކޮށްފައިވާ ހުކުމުގައި ބުނަނީ އެ ފައިސާތަކަކީ ކްރޮސް ވޯލްޑުން އެސްބީއައި އަށް ދައްކަންޖެހޭ ފައިސާތަކެއް ކަމަށް އެ ކޯޓުން 2002 ވަނަ އަހަރު ވެސް ހުކުމްކޮށްފައި ވާނެ ކަމަށެވެ. ހުކުމް ތަންފީޒު ކުރުމަށް އެދި އެސްބީއައި އިން އެދިފައިވާ އެ މައްސަލައިގައި މަދަނީ ކޯޓުން ކޮށްފައިވާ ހުކުމުގައި އިތުރަށް ބުނަނީ 2002 ވަނަ އަހަރުގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ ކަމަށް ދެ ފަރާތުގެ ބަހުން ސާބިތުވާ ކަމަށެވެ.
އެ ފައިސާ ދެއްކުމަށް އެއްބަސްވެ އަފީފާއި ކުންފުނީގެ އަނެއް ދެ ހިއްސާދާރުން ހުށަހަޅާފައިވާތީ 2008 ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައްކަންޖެހޭ ފައިސާގެ 25 ޕަސެންޓު ހުކުމްކުރި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކުރީ ކަމަށް މަދަނީ ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ. އަދި ބާކީ 75 ޕަސެންޓު ހުކުމް ކުރި ތާރީހުން ފެށިގެން ހަ މަސް ތެރޭގައި ދެއްކުމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ. އެ ހުކުމުގައި ބުނެފައި ވަނީ ހަ މަސް ދުވަހުގެ ފުރުސަތެއް އަފީފާއި އަނެއް ދެ ހިއްސާދާރުންނަށް ދިނުމަށް އެސްބީއައި އިން ވެސް އެދިފައިވާ ކަމަށާއި އެ މުއްދަތުގައި ފައިސާ ދެއްކުމަށް ދައުވާ ލިބޭ ފަރާތްތަކުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ