މާމިގިލީގައި މަޑިފުށީ މީހުނަށް އަޅާ ގެތަކުގެ އަގު ތިން ވަނަ ފަހަރަށް ބޮޑުކޮށްފި

ބޮޑު ރާޅުގެ ހާދިސާއާ ގުޅިގެން މަޑިފުށިން މާމިގިއްޔަށް ދިރިއުޅުން ބަދަލުކުރި މީހުންނަށް މާމިގިލީގައި އަޅާ ގެތަކުގެ އަގު ތިން ވަނަ ފަހަރަށް ބޮޑުކޮށްފި އެވެ. އަގަށް އަލަށް ގެނައި ބަދަލާ އެކު އެ ރަށުގައި އަޅާ 38 ޔުނިޓުގެ ގެއަކަށް މިހާރު 379،225ރ. ޖެހޭ ކަމަށް ހައުސިން އިންފްރާސްޓްރަކްޗާ ރީޖަނަލް ޑިވެލޮޕްމަންޓް ޔުނިޓުން މިއަދު ވިދާޅުވި އެވެ. މިއީ އެންމެ ފަހުން ޔުނިޓެއްގެ އަގަށް ގެނައި ބަދަލަށްވުރެ، 79،225ރ. ބޮޑު އަދަދެކެވެ.
ރީޖަނަލް ޑިވެލޮޕްމަންޓް ޔުނިޓްގެ ޑެޕިއުޓީ ޑައިރެކްޓަރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވި ގޮތުގައި ކުރީގެ އަގަށް ބަދަލު ގެންނަން ޖެހުނީ، ގެތަކުގެ ސީލިން ފަހުން އަޅަން ޖެހުމުންނާއި ގެތަކުގައި ޓައިލްސް ޖެހުން ފަދަ ބައެއް މަސައްކަތް އިތުރުވުމުންނެވެ. އޭގެ އިތުރުން ސިމެންތި އާއި ދަގަނޑުގެ އަގު ވަރަށް ފަހުން ބޮޑުވެފައި ވުމަކީ ވެސް ގެތަކުގެ އަގު އުފުލެން މެދުވެރިވި ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޔުނިޓުން ވިދާޅުވި ގޮތުގައި، ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް ގަމުގައި ހައްދަވާ 240 ގެއިންކުރެ ކޮންމެ ގެއަކަށް ވެސް 30،000 ޑޮލަރު ( 385،500ރ.) ޖެހެ އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އާ ހަވާލުކޮށްގެން މާމިގިލީގައި ހަދާ ގެތައް ނިމޭއިރު، ހުންނާނީ ތިން ކޮޓަރި އާއި ބަދިގެ އަކާއި ކާތަނަކާއި ސިޓިން ރޫމަކާއި އަދި ދެ ފާހާނާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ކުރިން ވަނީ ވިދާޅުވެފަ އެވެ. އެއް ފާހާނާ މާސްޓާ ބެޑްރޫމާ އެޓޭޗްކޮށެވެ. އަނެއް ފާހާނާ އަނެއް ދެ ކޮޓަރި އަށް ވާ ގޮތަށެވެ.
ތޯރިގު ވިދާޅުވި ގޮތުގައި ގެތައް ހަވާލުކުރާއިރު ހުންނާނީ ކަރަންޓް ވައިރުކޮށް، ގޭތެރޭގެ މަސައްކަތް ނިމިފަ އެވެ. ނަމަވެސް ބޭރުން ގެ އަށް ކަރަންޓް ވެއްދުން ޕްރޮޖެކްޓުގައި ނުހިމެނޭ ކަމަށާއި ގޯތީގެ ވަށާފާރު ރޭނުން ވެސް ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާމިގިލީގައި ހަދާ 38 ޔުނިޓުގެ ތެރެއިން މަޑިފުށީ މީހުންނަށް ބޭނުން ވަނީ 36 ގެ ކަމަށް ރީޖަނަލް ޑިވެލޮޕްމަންޓް ޔުނިޓުން ވިދާޅުވި އެވެ. އަނެއް ދެ ޔުނިޓަށް އަދި ވަނީ ވަކި ގޮތެއް ނުނިންމާ ކަމަށް ވެސް އެ ފަރާތުން ވިދާޅުވި އެވެ.
މަޑިފުށީ މީހުންނަށް މާމިގިލީގައި ހައްދަވާ ގެތައް އިމާރާތް ކުރުމަށް ފުރަތަމަ އެމްޓީސީސީ އާ ހަވާލުކުރެއްވީ، ޔުނިޓެއް 251،000ރ. އަށެވެ. އޭގެ ފަހުން ޔުނިޓުތަކަށް ބައެއް ބަދަލު ގެންނެވުމާ އެކު ޔުނިޓެއްގެ އަގު 300،000ރ. އަށް ބަދަލުކުރެއްވި އެވެ. އެންމެ ފަހުން އަގަށް ގެންނެވި ބަދަލާ އެކު 38 ޔުނިޓަށް މިހާރު ޖެހޭ އަގަކީ 14.29 މިލިއަން ރުފިޔާ އެވެ. މިއީ ދެ ވަނަ އަށް އަގަށް ގެންނެވި ބަދަލަށްވުރެ، 3.01 މިލިއަން ރުފިޔާ ބޮޑު އަދަދެކެވެ. އަދި އެންމެ ފުރަތަމަ މަސައްކަތް ހަވާލު ކުރެއްވި އަގަށްވުރެ، 5.76 މިލިއަން ރުފިޔާ ބޮޑު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ