ދެ މަސް ތެރޭ 16 ރަށެއްގައި ބޮޑެތި މަޝްރޫއުތައް ފެށޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ކުރިއަށް މި އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މަދުވެގެން 16 ރަށެއްގައި ބޮޑެތި މަޝްރޫތައް ހިންގަން ސަރުކާރުން ފަށާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮންމެ ހުކުރު ދުވަހަކު ދެއްވާ ރޭޑިއޯ ހިތާބުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި ކުރިއަށް މި އޮތް ދެތިން މަހެއްގެ ތެރޭގައި ނަރުދަމާ އާއި ބަނދަރު ހެދުމުގެ "ވަރަށް ގިނަ އަދަދެއްގެ" މަސައްކަތް ކުރުމަށް އެކިއެކި ކުންފުނިތަކާއެކު ސަރުކާރުން ސޮއި ކުރާނެ އެވެ.
އެ މަނިކުފާނު ވިދާޅުވީ "މި ކަން މި ސަރުކާރަށް މި ފަސޭހައިން މި ހަމަޖެއްސުނީ" ސުނާމީ ރިކަވަރީ ޕްރޮގްރާމްގެ ދަށުން އެހީދޭ ބައިނަލް އަގުވާމީ ޖަމާއަތްތަކުން ރާއްޖޭގައި ހިންގަން އެއްބަސްވެފައި ހުރި މަޝްރޫއުތަށް "މުޅިންހެން" ހުއްޓާލާފައި ވަނިކޮށް އެ ޕްރޮގްރާމް މިހާރު އަލުން ފެށުމުން ކަމަށެވެ.
"ކަންވީ ގޮތަކީ ސުނާމީ ރިކަވަރީ ޕްރޮގްރާމްގެ ދަށުން އެހީދޭ ބައިވަރު އޭޖެންސީތަކުން ދިވެހިރާއްޖެ އަށް އެހީ ދިނުމަށް އޭރުގައި އެއްބަސްވި. އެހެން ނަމަވެސް ،2006 ،2007 ހާއްސަކޮށް 2007ގެ މެދާ ހިސާބުގައި އެހީ ދޭ ޖަމާއަތްތަކުން ހުރީ މި މަޝްރޫއުތައް މުޅިންހެން ހުއްޓާލައްވާފައި،" ރައީސްގެ 14 ވަނަ ރޭޑިއޯ ތަގުރީރުގައި ވިދާޅުވި އެވެ. "އެއީ ދިވެހި ސަރުކާރުގެ އަމަލެއްގެ ސަބަބުން...އެއީ ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކުން ދިވެހިރާއްޖެ އަށް އެހީ ދިނުމާ ގުޅޭގޮތުން އޭރުގައި ވިސްނަވަމުން ގެންދެވި ވިސްނުމުގެ ސަބަބުން. އެހެންވީމާ އަޅުގަނޑުމެންނަށް މިހާރު އިރާދަކުރައްވައިގެން މި ޕްރޮގްރާމްތައް ފެއްޓުނީ."
ރައީސް ވިދާޅުވިގޮތުގައި ބަޖެޓަށް ބޭނުވާ ފައިސާ ނެތިގެން އުޅުނު ނަމަވެސް ޕްރޮޖެކްޓެއް ހަދާފައި އެ ޕްރޮޖެކްޓަކަށް ބޭރުން ފައިސާ ހޯދުމުގެ ފުރުސަތު މިހާރު އޮތީ ކުރިއަށް ވުރެ މާބޮޑަށް ހުޅުވިފަ އެވެ.
"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ކުރިއަށް މި އޮތް މަސްތަކަކީ ހަމަ އުޖާލާ މަސްތަކަކަށް ވާނެއޭ. ޓޫރިސްޓުން އައުން އެބަ އިތުރުވޭ. މަސްވެރިކަން އެބަ ރަނގަޅުވޭ. އަޅުގަނޑުމެންނަށް އެކި ފަރާތްތަކުން ލިބޭ އެހީ އެބަ އިތުރުވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ