ރައީސް ނަޝީދު ރ. އަތޮޅުގައި

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ވަޑައިގަތީ އެ އަތޮޅު އިންނަމާދުއަށެވެ. އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ވައުދުތައް ފުއްދަމުން ގެންދެވޭކަމީ، ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކޮންމެ ވައުދަކީ، އެ ވައުދެއް ފުދުމުން، ރާއްޖެއަށް ތަރައްގީ ލިބޭނެ ވައުދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަން ހޯދައިދިނުމަށާއި ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމަށް ސަރުކާރުން ވައުދު ވެފައިވަނީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ ހައިހޫނު ކަމުގެ ރޮނގުން ތިރީގައި ތިބި ރައްޔިތުންކަން ދެނެގަނެ، ރައްޔިތުންގެ ގިނަ ބަޔަކު ހައިހޫނުކަމުގައި ތިއްބައި ރާއްޖެ ތަރައްގީ ނުކުރެވޭނެކަން ގަބޫލު ކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ވައުދު ފުއްދައިދިނުމުގެ ތެރެއިން، އިންނަމާދޫގެ 115 މީހަކަށް މަދަނައިގެ ތެރެއިން އަހަރަކު އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެއަށް މިއަދު ލިބިފައިވާ ތަރައްގީއެއް ލިބިފައި މިވަނީ އުމުރުން ދުވަސްމީހުންގެ ގޮތުގައި ތިބި މީހުން ކުރި މަސައްކަތުން ކަމަށާއި ޕެންޝަނެއް ހައްގުވަނީ ހަމައެކަނި ސަރުކާރުގައި މަސައްކަތް ކުރި މީހުންނަށް ކަމަށް ދުށުމަކީ ސަރުކާރަށް ގަބޫލު ކުރެވޭ ފަލްސަފާއެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތުން، އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް މަހަކު ދޭ 2000 ރުފިޔާގެ ޕެންޝަން އިންނަމާދޫގެ 27 މީހަކަށް ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި ގަވާއިދުން ލިބެމުންދިޔަކަމީ ސަރުކާރަށް އުފާވެރިކަން ލިބޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މި ޕެންޝަންގެ ގޮތުގައި އިންނަމާދުއަށް މަހަކު 54،000 ރުފިޔާ ވަންނަކަމީ އިންނަމާދޫގެ އިގްތިސާދަށާއި ކަންމަތީ ފިހާރަތަކަށްވެސް އެކަމުގެ ފައިދާ ވަރަށް ބޮޑަށް ލިބޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްގީއަށާއި ވޭތުވެދިޔަ ދެއަހަރު ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި މި ރާއްޖޭގެ ސަލާމަތްކަން ހިފެހެއްޓުނު އެންމެ މުހިންމު އެއްކަމަކީ ސަރުކާރުގެ އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ ރަށުގެ ތަރައްގީއަށް ސަރުކާރުން އެކުލަވާލާފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތުވެސް ހިއްސާ ކުރެއްވިއެވެ.
މިގޮތުން، އިންނަމާދޫ ރައްޔިތުން ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނޭ މިސްކިތެއް ބިނާކުރުން މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށާއި މި އަހަރު މިސްކިތް އަޅަށް ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދަތުރުފަތުރުގެ ނިޒާމްގެ ތެރޭގައި ހިމެނޭ ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް ފެށޭނެކަމާއި ރަށުގެ ބަނދަރުގެ ބޭރުތޮށި ހެދުމުގެ މަސައްކަތް މިއަހަރު ފެށޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންނާމާދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު އެއަތޮޅު ރަސްމާދުއަށް ވަނީ ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ