ގަން އެއާޕޯޓް ތަރައްގީކުރާނެ ފައިސާ އެބަހުރި: އެސްޓީއޯ

ސ. ގަމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ހިންގުމަށް އުފައްދާ ޗޮއިންޓް ވެންޗާ ކުންފުނިން ގަމުގެ ވައިގެ ބަނދަރު ތަރައްގީ ކުރުމަށް އިންވެސްޓް ކުރާނެ ފައިސާ އެބަހުރި ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
ގަމުގެ ވައިގެ ބަނދަރު ހިންގުމާ ހަވާލުވެފައިވާ ތިން ކުންފުނީގެ ތެރެއިން ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ (ޝާޑް) މިއަދު ހަވީރަށް ވިދާޅުވީ އެއްވެސް ދައްޗެއް ނެތި އެސްޓީއޯ އަށް ގަން އެއާޕޯޓް ތަރައްގީ ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަތުގައި މިހާރު ވެސް އެކަމަށް އިންވެސްޓް ކުރުމަށް ބޭނުންވާ ވަރަށް ފައިސާ އެބަހުރި. އަދި ބޭރުގެ ފަރާތްތަކާ ވާހަކަތަކާ މިކަމާ ގުޅޭ ގޮތުން މިހާރު ވެސް މަޝްވަރާތައް ކުރިއަށް އެބަދޭ. އެސްޓީއޯ އިން މިކަމަށް ކުރިމަތިލި އިރު ފައިސާގެ އެއްވެސް ދަތިކަމެއް ނެތް،" ޝާޑު ވިދާޅުވި އެވެ. "އަޅުގަނޑުމެން ދެން މި ބަލަނީ މިކަމުގައި ބައިވެރިވާ އަނެއް ދެ ކުންފުންޏަށް ކިހާވަރަކަށްތޯ ފައިސާ އިންވެސްޓް ކުރެވެނީ."
އެސްޓީއޯ އިން ބުނީ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާނެ މަސައްކަތަކީ އެއާޕޯޓުގެ ރަންވޭ ބޮޑު ކުރުމާއި އެތަނުގެ ސާފޭސް މިހާރު އޮތް ފެންވަރަށް ވުރެ، ބޮޑެތި ބޯޓްތަކަށް ދަތިކަމެއް ނެތި ޖެއްސޭ ވަރަށް ތަރައްގީ ކުރުން ކަމަށެވެ.
ޝާޑު ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން 60 ދުވަހުގެ ތެރޭގައި ދިރާސާތަކެއް ހަދަން ޖެހޭ އިރު އެކަންތައްތަކާ ގުޅޭ މަޝްވަރާތައް ގަން އެއާޕޯޓް ކޮމްޕެނީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ(އެމްއޭސީއެލް) އާ އެކު މިއަދު ގަމުގައި ފަށާފައިފައިވާ ކަމަށެވެ.
ޝާޑު އިތުރަށް ވިދާޅުވީ ގަމަށް އޮޕަރޭޓް ކުރުމަށް މިހާރު ވެސް ބޭރުގެ ބައެއް އެއާލައިންތަކާ ވާހަކަ ދެއްކަމުން އަންނަ ކަމަށެވެ. އެގޮތުން އިންޑިޔާގެ ދެ އެއާލައިނަކާ އެއާ އޭޝިއާ އާއި މެދު އިރުމަތީގެ ބައެއް ގައުމުތަކުގެ އެއާލައިންތަކާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ އެއާޕޯޓުގައި ހުރި ދަތިތައް ހައްލު ކުރެވުމުން ބޭރުގެ ގިނަ އެއާލައިންތަކެއް ގަމަށް އޮޕަރޭޓް ކުރަމުން އަންނާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
ޝާޑު ވިދާޅުވީ އިންޓަނޭޝަނަލް ފުލައިޓްތައް ގަމަށް އޮޕަރޭޓް ކުރުމުގައި މިހާރު އޮތް އެންމެ ބޮޑު ދައްޗަކީ ރަންވޭ ކުޑަވުމާއި އެއާޕޯޓުގެ ރަންވޭގެ ސާފޭސް މިޒާމަނަށް ނުފެތުން ކަމަށެވެ. އެހެންވެ ބޮޑެތި ބޯޓްފަހަރުތަކަށް އެއްވެސް ދަތިކަމެއް ނެތި ޖެއްސޭ ވަރަށް، ތާރު އަޅައިގެން ރަންވޭ ބޮޑު ކުރުމަކީ އެއާޕޯޓުގެ ތަރައްގީ އަށް އަޅަން ޖެހޭ ފިޔަވަޅު ކަމަށް ވެސް ޝާޑު ވިދާޅުވި އެވެ.
"އެހެންވެ އެންމެ ފުރަތަމަ ކުރާނެ މަސައްކަތްތަކުގެ ތެރެއިން ރަންވޭ އެކްސްޓެންޑް ކުރުމައި ސާފޭސް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ،" ޝާޑު ވިދާޅުވި އެވެ. "މިއަދު ބާއްވާ ބައްދަލުވުމުގައި އަޅުގަނޑުމެން މަޝްވަރާ ކުރާނީ ފުރަތަމަ ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ކުރަން ޖެހޭ ސާވޭތަކާއި ދިރާސާތަކާ ގުޅޭ ގޮތުން.
ރާއްޖޭގެ ދެވަނަ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ހިންގުމުގެ އެއްބަސްވުމުގައި އެސްޓީއޯ އާއި ގަން އެއާޕޯޓް ކޮމްޕެނީ އަދި އެމްއޭސީއެލް އިން ސޮއިކުރީ ޖެނުއަރީ ،13 2011 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ