ރޭ ކުޑަކުއްޖަކާ އެއްޖިންސުން ގުޅުންހިންގަން އުޅުނު މައްސަލަ ބަލަން ފަށަިއިފި، އަދި މީހަކު ހައްޔަރެއް ނުކުރޭ

މެދުރާއްޖެތެރޭ ރަށެއްގައި ކައުންސިލަރަކު، ފިރިހެން ކުއްޖަކާއި އެކު އެއްޖިންސުން ގުޅުން ހިންގަން އުޅުނު މައްސަލަ ފެންމަތިވުމާއި ގުޅިގެން އެ މައްސަލަ ފުލުހުންގެ އިދާރާއިން ތަހުޤީޤު ކުރަން ފަށައިފިއެވެ.
ފުލުހުން މިރޭ ވިދާޅުވީ، މި މައްސަލަ ފެންމަތިވީ މެދުރާއްޖެތެރެއާއި ދެކުނުގެ ޕޮލިސް ޑިވިޝަން ހިމެނޭ ރަށެއްގައި ކަމަށެވެ. އަދި މައްސަލައިގައި ޝާމިލުވަނީ ޒިންމާދާރު މަޤާމެއްގައި ހުރި މީހެއް ކަމަށާއި، އޭނާ ބަދުއަޚުލާޤީ އަމަލު ހިންގަން އުޅެފައި ވަނީ އުމުރުން 16 އަހަރުގެ ފިރިހެންކުއްޖަކާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ބަލަމުންދާކަން ފުލުހުން ހާމަކޮށްފައި ވީނަމަވެސް، ކުއްޖާ އާއި ބަދުއަޚުލާޤީ އަމަލު ހިންގަން އުޅުނީ ކައުންސިލަރެއް ކަމެށް ފުލުހުން ވިދާޅެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ބަލަމުން ދަނީ، އިއްޔެ އެ އިދާރާއަށް މައްސަލަ ހުށަހެޅުމުން ކަމަށެވެ. ނަމަވެސް މިހާތަނަށް މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުން ރޭ 7:30 ހާއިރު، މި މައްސަލަ ފެންމަތިވި ރަށުގެ ކައުންސިލަރެއްގެ މަޤާމުގައި ހުރި މީހާ ކުއްޖާ އާއި އެއްޖިންސުން ގުޅުން ހިންގަމުން ދަނިކޮށް ރަށު މީހުންނަށް އެމަންޒަރު ފެނިގެން ވީޑިއޯ ނަގާފައެވެ. "ވަގުތު" އަށް މަޢުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، އެ ކައުންސިލަރަކީ މީގެ ކުރިން ވެސް ކުޑަކުދިންނާއި އެއްޖިންސުން ގުޅުން ހިންގުމާއި އަދި އަންހެން ކުދިންނަށް ޖިންސީ ފުރައްސާރައިގެ މެސެޖް ކުރުމުގެ އެތައް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެއް ކަމަށެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަތައް ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާތީ މީގެ ހައެއްކަ މަސް ދުވަސް ކުރިން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީއަށް ވެސް ހުށަހެޅިއެވެ. އެކޮމެޓީން މައްސަލަ ބެލުމަށް ބައެއް އިދާރާތައް ވެސް ކޮމެޓީއަށް ހާޒިރު ކުރިއެވެ. ނަމަވެސް ފަހުން މައްސަލައަށް ވީގޮތެއް ސާފެއް ނުވެއެވެ.
އެރަށުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ކައުންސިލަރުގެ މައްސަލައެއްގެ ޝަރީޢަތް މިހާރު ވެސް ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދާ ކަމަށާއި އެމައްސަލައިގައި ހެކިބަސް ދޭ މީހުންނަށް ނުފޫޒު ފޯރުވަން ކައުންސިލަރު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް މިފަދަ ބައެއް މައްސަލަތަކުގައި ފުލުހުން އަމަލު ކުރަމުން އަންނަ ގޮތާއި މެދު ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ