އުކުޅަސް އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލައިފި

އއ. އުކުޅަހުގައި އެޅި އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލައިފިއެވެ.
މިއީ އުކުޅަހުގައި ކުޅިވަރު ކުރިއެރުވުމުގެ ޕޮލިސީގެ ދަށުން އެ ރަށު ކައުންސިލުން ތަރައްގީ ކުރި ޒަމާނީ ފެންވަރުގެ އައުޓްޑޯ ވޮލީބޯޅަ ކޯޓެވެ. މި ކޯޓުގެ މަސައްކަތް ނިމި މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. މި ކޯޓުގައި ވަނީ ރޭގަނޑުވެސް ކުޅެވޭ ގޮތަށް ލައިޓު ޖަހާފައެވެ.
އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިމުމުން އެކުޅަސް ކައުންސިލުން ވަނީ މި މަސައްކަތުގައި ކުޅިވަރާ ބެހޭ ވުޒާރާ އާއި އުކުޅަހު ގްލޯރިޔަސް ސްޕޯޓްސް ކްލަބުގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުކުޅަސް ކައުންސިލަކީ ރާއްޖޭގައި އޮތް އެންމެ ހިންގުންތެރި އެއް ކައުންސިލް ކަމަށާއި، އެ ރަށުގެ ޒުވާނުންނާ ގުޅިގެން ކައުންސިލުން ކުރިއަށްގެންދިޔަ މަސައްކަތަކީ ނަމޫނާއެއް ކަމަށެވެ.
އުކުޅަހުގައި އެޅި އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިމު ބޭނުންކުރަން ފެށިއިރު، މީގެ ކުރިން ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ކ. ހުރާގައިވެސް އައުޓްޑޯ ވޮލީބޯޅަ ކޯޓެއް އަޅާފައެވެ. އެއީ މިއީ ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖޭގައި އެޅި ފުރަތަމަ އައުޓްޑޯ ވޮލީބޯޅަ ކޯޓެވެ.
ރާއްޖޭގެ ދެ ރަށެއްގައި އައުޓްޑޯ ވޮލީބޯޅަ ކޯޓުތައް އެޅިއއިރު، ރާއްޖޭގައި ވޮލީބޯޅައަކީ ދެވަނައަށް އެންމެ މަގުބޫލް ކުޅިވަރެވެ. އަދި ވޮލީބޯޅަ ކުރިއެރުވުމަށް ކުޅިވަރާ ބެހޭ ވަޒީރު އިސް ނެންގެވައިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ