ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު ލިބިވަޑައިގަތް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު ލިބިވަޑައިގަތް ކަމަށާއި އެ ފައިސާ ބަލައި ވަޑައިގަތީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އާއި ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީން އެހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑަރިން ކުށުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުމުގައި ހައިކޯޓުގަ އެވެ. މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކޮށް ކްރިމިނަލް ކޯޓުން ކުރީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅުއެވެ. ހައިކޯޓުގައި އޮތް އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ ގޮތުން އެމަނިކުފާނަށް ލިބިވަޑައިގަތް ފަސް މިލިއަން ޑޮލަރު ބަލައި ވަޑައިގަތީ އަދީބާއި ޝައިނީ ކަމަށެވެ. ނަމަވެސް އެ ފައިސާ ބަލައި ވަޑައިގަތީ ކޮންތަނަކަށް ކަމެއް އަދި އެއީ ކާކު ކީއްވެ ދިން ފައިސާއެއް ކަމެއް ހާމަކޮށްފަ އެއް ނުވެއެވެ. ކުރީގެ ރައީސް ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުގާނު ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވުމާއި ހަމައަށް އެ ފައިސާ ހުރި އަދީބު އަތުގައި ކަމަށް ވިދާޅުވި އެވެ. އަދި އެ ދުވަހުން ފެށިގެން އެ ފައިސާ އަނބުރާ ދެއްވުމަށް އަދީބު އަރިހުގައި ދެންނެވި ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެ ފައިސާ ރައީސް ޔާމީންގެ އަތްޕުޅަށް ލިބިވަޑައިގަތް ކަމެއް ސާފުކޮށް ވިދާޅެއް ނުވެއެވެ. ސިޔާސީ ގޮތުން އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާތައް އޭރު ހުރީ އަދީބު އަތުގައިކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ، އެއީ އެމްއެމްޕީއާރުސީ ނުވަތަ ދައުލަތުގެ ފައިސާއެއް ވެސް ނޫން ކަމަށެވެ. އަދި ދައުލަތުގެ އެއްވެސް ފައިސާއެއް ހޯދުމަށް އަދީބު އަރިހުގައި ދަންނަވާފައި ނުވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ސިޔާސީ ގޮތުން ރައީސް ޔާމީނަށް ފަަސް މިލިއަން ޑޮލަރު ލިބިވަޑައިގަތް ކަމަށް ފުރަތަމަ ފަހަރަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު، މީގެ ކުރިން ވެސް އެކަމުގެ ތުހުމަތުތަކެއް އެމަނިކުފާނުގެ މައްޗަށް ވަނީ ކޮށްފަ އެވެ. އަދި އެ ފައިސާއަކީ ސައުދީއަރަބިއްޔާއިން އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާ ކަމަށް ވެސް އޭރު ވަނީ ތުހުމަތު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ