އައްޑޫގެ ހަތަރު ސަރަހައްދެއް ހިމާޔަތް ކޮށްފި

އައްޑޫ ސިޓީގެ ހަތަރު ސަރަހައްދެއް ހިމާޔަތް ކޮށްފި އެވެ.
އައްޑޫ ސިޓީ ކޮޑަ ކަނޑަ އާއި ކަނޑިހެރަ، ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅިގެ އިތުރުން ހުޅުދޫ މާފިށި ކިޅި އާއި (ކޭވަކާ ގޮނޑޮ) ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ހިމާޔަތް ކުރުމަށް ވަޒީރުންގެ މަޖިލީހުން މި މަހުގެ 8 ވަނަ ދުވަހު ނިންމުމާއި ގުޅިގެން އެ ސަރަހައްދުތައް މިއަދުން ފެށިގެން ހިމާޔަތް ކޮށްފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ސަރަހައްދުތައް ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތަބައީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދުވާ ގޮތުގެ މަތިން ކަމަށެވެ.
ހިމާޔަތްކުރި ހަތަރު ސަރަހައްދަކީ އައްޑޫ ސިޓީ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް ސެޕްޓެންބަރު 30، 2019 ގައި ޔުނެސްކޯ އަށް ހުށަހެޅިފައިވާ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދުތަކެކެވެ.
އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށް ޔުނެސްކޯއަށް ހުށަހަޅާފައިވަނީ އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭއިން އައްޑޫ ސިޓީގެ 97 ޕަސެންޓް ރައްޔިތުން ބޭނުންވާތީ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އަދި މި ސަރަހައްދުތައް ހިމާޔަތްކުރުމަށް ހުށަހެޅީ ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާއި އެކި ސިނާއަތްތަކާވެސް މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އަދި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 11 ސަރަހައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު ވަނީ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅާ ގެޒެޓް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ