ސްޕެއިންގެ އޮލިމްޕިކް ޓީމުގައި، ޔޫރޯ ޓީމުގައި ކުޅުން އަލްބާ، މާޓާ އަދި މާޓިނޭޒް ހިމަނައިފި

ސްޕެއިންގެ އޮލިމްޕިކް ޓީމުގައި، މިފަހަރު ޔޫރޯ ޓީމުގައި ކުޅުން އަލްބާ، މާޓާ އަދި މާޓިނޭޒް ހިމަނަން ނިންމައިފިއެވެ.
ޗެލްސީގެ މެދުތެރެއަށް ކުޅެމުން އަންނަ ހުއާން މާޓާ އަދި އަންނަ ސީޒަން ބާސެލޯނާގައި ފަށާ ޖޯޑީ އަލްބާއާ ދެކުޅުންތެރިންވެސް ވަނީ ޖުލައި އެކެއްގައި އިޓަލީއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި ގޯލްޖަހާފައެވެ.
މި މަހުގެ ފަހުކޮޅުގައި ފެށޭ އޮލިމްޕިކް ގޭމްސްގެ ސްޕެއިންގެ ފުޓުބޯޅަ ޓީމުގައި މެންޗެސްޓާ ޔުނައިޓަޑުގެ ގޯލް ކީޕާ ޑޭވިޑް ޑެ ގޭ ވެސް ވަނީ ހިމަނާފައެވެ. އަދި މީގެ އިތުރުން އެތުލެޓިކޯ މެޑްރިޑްއަށް ކުޅެމުން އަންނަ އެޑްރިއާން ލޮޕޭޒްވެސް ވަނީ ޓީމަށް ނަގާފައެވެ.
ސްޕެއިންގެ އޮލިމްޕިކް ޓީމުގެ ކޯޗު ލުއިސް މިލާ އޭނާގެ ޓީމު އެކުލަވާލީ، ޔޫރޯ ކާމިޔާބު ކުރި ޓީމު އެނބުރި ގައުމަށް އައިތާ އެއްދުވަސް ފަހުންނެވެ.
"ޔޫރޯގައި ސްޕެއިން ގެ ޓީމުން ދެއްކި ކުޅުން މި ޓީމުން ފެންނާނެ ކަމަށް އުންމީދު ކުރުން އެއީ ވެވޭ ބޭއިންސާފެއް. ޔޫރޯގައި ކުޅުނީ މުޅިން އެހެން ޓީމެއް. މީ (އޮލިމްޕިކް ޓީމް) މުޅިން އެހެން ޓީމެއް. ކުޅުމާ ފިލޯސަފީ އެއްގޮތް ކަމަށް ވިޔަސް މީ ތަފާތު ޓީމެއް،" މިލާ ބުންޏެވެ.
ސްޕެއިންގެ އޮލިމްޕިކް ޓީމު މުބާރާތް ފެށުމުގެ ކުރިން ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މިމަހުގެ 13 ވަނަ ދުވަހު ސެނެގަލްއާ ދެކޮޅަށް ކުޅޭ މެޗަކާއި 18 ވަނަ ދުވަހު މެކްސިކޯ އާ ދެކޮޅަށް ކުޅޭ މެޗެވެ. އޮލިމްޕިކް ގޭމްސްގައި ސްޕެއިންގެ ގުރޫޕުގައި ހިމެނެނީ ޖަޕާން ހޮންޑުރާސް އަދި މޮރޮކޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ