ގާސިމާއި ޔާމީން ދިރިއުޅުއްވަމުން ގެންދަވާ ގެ، ބަލައި ފާސްކުރުމަށްފަހު ޔާމީންގެ ލެޕްޓޮޕެއް ފުލުހުން ގެންގޮސްފި

19:00ގޭބަންދުގައި ބައިތިއްބައިފައިވާ ގާސިމް އިބްރާހިމާއި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދިރިއުޅުއްވަމުން ގެންދަވާ ގެ، ޖިނާއީ ކޯޓުގެ އަމުރެއްގެ ދަށުން ބަލައި، ޔާމީންގެ ލެޕްޓޮޕެއް ފުލުހުން ގެންގޮސްފި އެވެ.ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަމުގެ ތުހުމަތުގައި މި މަހުގެ 15 ވަނަ ދުވަހުގެ ރެއާ ހަމަ އަށް ގޭބަންދުގައި ބައިތިއްބާފައިވާ މި ދެބޭފުޅުންގެ ތެރެއިން ޔާމީންގެ އަތްޕުޅުން ލެޕްޓޮޕެއް ގެންދިޔަ ނަމަވެސް ގާސިމްގެ ގެއިން ތަހުގީގަށް ބޭނުންވާ އެއްވެސް އެއްޗެއް ފެނިފައެއްނުވެ އެވެ.ޔާމީން ދިރިއުޅުއްވާ ގ. ދޫވެއްސާއި ގާސިމް ދިރިއުޅުއްވާ، މ. މާފަންނުވިލާ މިއަދު 3 ގެ ފަހުން ފާސްކުރުމަށް ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސޮއިކުރައްވާ ކޯޓު އަމުރެއް ނެރުއްވާފައި ވަނީ މިދިޔަ މަހުގެ 29 ގަ އެވެ. ގާސިމާއި ޔާމީން ދިރިއުޅުއްވާ ކޮޓަރީގެ އިތުރުން، އެބޭފުޅުންގެ ކޮމްޕިއުޓަރާއި ލެޕްޓޮޕާއި އަދި އެ ދެ ބޭފުޅުންގެ ފައިސާގެ މުއާމަލާތްތަކާ ގުޅޭ ލިޔުންތައް ޗެކްކުރުމަށް އެ ކޯޓު އަމުރުގެ ދަށުން ފުލުހުންނަށް ވަނީ ހުއްދަ ދެއްވައިފަ އެވެ. ފުލުހުންގެ ފޮރެންސިކް ޓީމުން ޔާމީނާއި ގާސިމްގެ ގެ ބަލައި ފާސްކޮށްފައި މިވަނީ، އެ ދެ ބޭފުޅުންނާއި މީޑިއާގެ ވެސް ހާޒިރުގަ އެވެ.ޔާމީން ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ރިޝްވަތުގެ މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އޭނާގެ ގެއިން ފެނިފައިނުވާ ކަމަށެވެ. އެގޮތުން ރިޝްވަތު އެގްރިމެންޓެއް، ނަކްލީ ރަސީދުކޮޅެއް އަދި ރިޝްވަތުގެ ފައިސާއެއް ވެސް އޭނާގެ ގެއިން ފުލުހުންނަށް ފެނިފައިނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. މީގެ އިތުރުން ސަރުކާރު ވައްޓާލުމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކުރާއިރު، ދައުލަތް ވައްޓާލުމަށް ކޮށްފައިވާ އެގްރިމެންޓެއް ވެސް އަދި ފިސްތޯލަ ފަދަ ހަތިޔާރެއް ވެސް އޭނާގެ ގެއިން ފެނިފައިނުވާނެ ކަމުގެ ޔަގީންކަން ޔާމީން ދެއްވި އެވެ. ޔާމީން އިތުރަށް ވިދާޅުވީ، ފުލުހުން އަދާކުރަނީ އެ މީހުންގެ ޤާނޫނީ ވާޖިބު ކަމަށާއި މިއަދު އޭނާގެ ގެ ފާސްކޮށްފައި ވަނީ އިހްތިރާމާއެކު ކަމަށްވާތީ ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، ހަމައެކަނި ހިތްޕުޅުހަމަޖެހިވަޑައިނުގަތީ އޭނާގެ ލެޕްޓޮޕެއް ފުލުހުން ގެންދަން މަސައްކަތްކުރުމުންކަން ޔާމީން ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް، ފުލުހުން އެ ލެޕްޓޮޕް ގެންގޮސް، ބަލައި ފާސްކުރާނީ ޔާމީންގެ ފަރާތުން ފޮނުއްވާ އައިޓީ ސްޕެޝަލިސްޓެއްގެ ވެސް ހާޒިރުގައި ކަމަށް ފުލުހުން އެއްބަސްވެފައިވާތީ، އެކަމާ އިތުރަށް އިއުތިރާޒެއް ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ