އިންޑިއާ އާއި ޕާކިސްތާންގެ ވެރިން މަޝްވަރާތައް ބާއްވަވައިފި

ސަތާރަވަނަ ސާކް ސަމިޓަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާ އާއި ޕާކިސްތާންގެ ލީޑަރުން މިއަދު ހެނދުނު އައްޑޫގައި ބައްދަލުކުރައްވައިފި އެވެ. އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާއި ޕާކިސްތާންގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ޝަންގްރި-ލާ ވިލިނގިލި ރިޒޯޓްގައި މަޝްވަރާތައް ބޭއްވެވުމުގެ ކުރިން މީޑިއާގެ ކުރިމަތީގައި ސަލާމްކުރެއްވި އެވެ. ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ދެ ބޭފުޅުން ވިދާޅުވީ ކުރިމަގުގައި ދެ ގައުމުގެ ދެމެދުގައި ބާއްވާ ރަސްމީ ވާހަކަތަކުން އެކަށީގެންވާ ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ. ދެ ބޮޑުވަޒީރުން ވިދާޅުވިގޮތުގައި ދެ ގައުމުގެ ގުޅުން އަންނަނީ ރަނގަޅުވަމުންނެވެ. ނަމަވެސް ދެން ބައްދަލުވުމެއް ބާއްވަވާނީ ކޮން އިރަކު ކަމެއް ވިދާޅެއް ނުވި އެވެ. "އަޅުގަނޑުމެން މިއަދު ވަރަށް ދިގުކޮށް މަޝްވަރާކޮށްފިން. އަދި ރަނގަޅު ފިޔަވަޅުތަކަށް އަޅުގަނޑުމެން މަރުހަބާ ކިޔަން. އެކަމަކު އަދިވެސް ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ،" ސިންގް ވިދާޅުވި އެވެ. ގީލާނީ ވިދާޅުވީ ސިންގްއާ އެކު ބޭއްވި އެއް ގަޑިއިރުގެ ބައްދަލުވުމުގައި "ހުރިހާ މައްސަލަތަކެއް" މަޝްވަރާކުރެއްވި ކަމަށާއި އޭގެ ތެރޭގައި ކަޝްމީރުގެ މައްސަލަ ވެސް ހިމެނޭ ކަމަށެވެ. "ދެން ބާއްވާ ވާހަކަތައް އަދި މިއަށް ވުރެ މާ އުފެއްދުންތެރި ވެދައި ދެ ގައުމުގެ ތާރީޚުގައި އާ ބާބެއް ހުޅުވައިދޭނެ،" ގީލާނީ ވިދާޅުވި އެވެ. އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ މައްސަލަތަކަށް، ސާކްގެ ގުޅުމުގެ ތެރެއިން ފިނިކަމެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޕާކިސްތާންގެ ޚާރިޖީ ވަޒީރު ހީނާ ރައްބާނީ އިއްޔެ ހިތަދޫގައި ނޫސްވެރިންނަށް ވިދާޅުވި އެވެ. ސާކް ސަމިޓުގެ ކުރިން ބާއްވާ ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުން ފެށުމުގެ ހަވާސާގައި އޭނާ ވިދާޅުވީ އިންޑިއާ އާއެކު އޮންނަ ގުޅުން ހަރުދަނާކުރުމަށްޓަކައި ދާންޖެހޭ މަގު އަދިވެސް ވަރަށް ދިގު ކަމަށެވެ. ނަމަވެސް ސާކްގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އެހެން ހުރިހާ ގުޅުމަކަށް ވުރެ ވެސް ހަރުދަނާ ވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ ކަމުގެ އުއްމީދު އެބައޮތް. ދެ ގައުމުގެ ދެމެދުގައި މިހާރު އުފެދިފައިވާ ރަނގަޅު މާހައުލުގެ ތެރެއިން ކުރިއަށް ދެވޭނެ ކަމަށް އުއްމީދުކުރަން،" ޒުވާން ފޮރިން މިނިސްޓަރު ވިދާޅުވި އެވެ. "ދެ ގައުމުގެ ދެމެދުގައި އެތައް، އެތައް އަހަރެއް ވަންދެން ދެމިއޮތް އިތުބާރުނުކުރުމުގެ މައްސަލަ މިހާރުވަނީ ވަރަށް ބޮޑުތަން ކުޑަވެފައި." ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ހީނާ ރައްބާނީ (ކ) އާއި އިންޑިއާގެ ފޮރިން މިނިސްޓަރު އެސްއެމް ކްރިޝްނާ އިއްޔެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި. ރާއްޖެ އަށް ވަޑައިގެންނެވި މަގުމަތީގައި އޭއެފްޕީއާ ވާހަކަދައްކަވަމުން އިންޑިއާގެ ފޮރިން މިނިސްޓަރު އެސްއެމް ކްރިޝްނާ ވެސް ވިދާޅުވީ ޕާކިސްތާނާ ދެމެދު އޮތް "އިތުބާރު ނެތުން" ކުޑަވަމުން އަންނަ ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި "ވަރަށް ރަނގަޅު މާހައުލެއް" އޮތް ކަން ފާހަގަކުރައްވަމުން ކްރިޝްނާ ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާން ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ސްޓްރެޓެޖީއެއް އެކުލަވާލުން ވަރަށް މުހިންމު ކަމަށެވެ. ޕާކިސްތާންގެ ލަޝްކަރޭ ތައިބާ (އެލްއީޓީ) ގެ ހަނގުރާމަވެރިން މުމްބާއީ އަށް 2008 ގައި ދިން ހަމަލާތަކުގައި 166 މީހުން މަރާލުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ގޯހުންގޯހަށް ގޮސްފަ އެވެ. އެލްއީޓީ އާއި ޕާކިސްތާންގެ ސަލާމަތީ ބާރުތަކާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް އިންޑިއާ އިން ވަނީ އެ ހަމަލާތަކަށް ފަހު ސުލްހައިގެ ވާހަކަތަކުން ވަކިވެފަ އެވެ. ނަމަވެސް އޭގެ ފަހުން ސަމިޓްތަކާއި މަޝްވަރާތަކުގެ ތެރެއިން ދެ ގައުމުން އަންނަނީ މަޑުމަޑުން ގުޅުން ރަނގަޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ