ގާނޫނުގެ ބާރާއި މިނިވަން ޝަރުއީނިޒާމު ފުނޑައިލުން

މިއަދު ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމަކީ ރާއްޖޭގައި ގާއިމްކުރެވިފައިވާ ގާނޫނީ މިންގަޑާއި ދުސްތޫރީ ހަމަތަކާއި މުވައްސަސާތަކަށާއި އާންމު ފަރުދުންނަށް ލިބިދީފައިވާ ހައްގުތަކާއި ރައްކާތެރިކަމަށް ދިމާވެފައިވާ ގޮންޖެހުމެވެ. ގާނޫނީ ވެރިކަމަކީ ހަމަޖެހިފައިވާ ދުސްތޫރަށް އެންމެން ތަބާވެ އޭގެ އިމުގެތެރޭގައި އެންމެން ހިނގުމެވެ. ގާނޫނީ ވެރިކަމެއްގައި އެންމެބާރުގަދަ ފަރާތަކީ ރައްޔިތުންކަން ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކުރުމާއި ގާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ގާނޫނުގެ ސިޔާދަތަކީ ގާނޫނުއަސާސީއާއި އެއްގޮތަށް އަމަލުކުރުންކަން ބަޔާންކޮށްފައިވަނީ ސަބަބުތަކަށްޓަކައެވެ.
ގާނޫނުއަސާސީއެއްގެ ދަށުން ވެރިކަންކުރުމުގެ ނުވަތަ ވެރިކަމެއް ހިންގުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ކޮންމެ ރައްޔިތަކަށްވެސް ހައްގުތައް ކަށަވަރުކޮށްދީ ލިބިގަތުމަށްޓަކައެވެ. އަދި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އެގޮތުގައި އަދާކުރުމުވެ. އެެހެންކަމުން ދައުލަތެއްގެ ސިފަ ގާއިމުވަނީ ކޮންމެ މީހެއްގެ ހައްގަށްވެސް އިހުތިރާމްކޮށް އެކަން އެގޮތުގެ މަތިން ހިފެހެއްޓިގެންނެވެ. މިއަދު މިދިމާވީ އަދުލުގެ އިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތު އަދާކުރުުމުގެ ޒިއްމާ ގާނޫނުއަސާސީގެ 141 (ށ) ގެ ދަށުން ސްޕްރީމް ކޯޓުން އަދާކުރުމުން ދިމާވި މައްސަލައެކެވެ. މިމާއްދާގައި އެކޯޓުގެ އެންމެ އިސްފަރާތަކީ އުއްތަމަފަނޑިޔާރުކަމަށާއި ކޯޓުތަކާއިބެހޭ ގާނޫނުގެ 4 ވަނަ މާއްދާގައި ސްޕްރީމް ކޯޓް ހިންގަންވާނީ އުއްތަމަފަނޑިޔާރުކަމަށް ބަޔާންކޮށްފައި އޮތުމުން ސަރުކާރަށް ދިމާވި އުދަގުލެއްގެ ވާހަކަވެސް އެބައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅުން ދޭހަވަނީ ސްޕްރީމްކޯޓުން 1 ފެބްރުއަރީގައި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުން ބަލައިނުގަނެވޭކަމަށެވެ. އިމަޖެންސީ ހިންގައި ފަނޑިޔާރުން ހައްޔަރުކުރުމުން ގާއިމުމިވީ ގާނޫނުއަސާސީގެ ސިޔާދަތަށްވުރެ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ ބާރެވެ.
ރައްޔިތުންގެ ބާރު އޮންނަ ވެރިކަމަކީ ހަމައެކަނި މިޒަމާނުގެ ހުޅުވިފައިވާ ޑިމޮކްރަސީ ނިޒާމްތަކުގައި އޮތްކަމެއް ނޫނެވެ. އިސްލާމްދީނުގައިވެސް އެކަންއޮތީ އެހެންނެވެ. އެއީ ހަމަހަމަކަމާއި އަދުލުވެރިކަމުގެ ލާމަސީލު މިސާލު އެދީނުން ގެނެސްދީފައިވާ މަތިވެރި ދީނެވެ. ކޮންމެ މީހެއްގެ މަސްއޫލިއްޔަތާއި ހައްގުތަކަށް އިހުތިރާމް ކުރަންޖެހޭކަމަށް ދީނުގައި އައިސްފައިވަނީ ވަރަށް ފުރިހަމައަށެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ އުމަރުގެފާނު ވަނީ އެކަލޭގެފާނާއި އާންމުމީހާއާއި ދެމެދު އިންސާފު ގާއިމުކުރުމުގައި ހަމަހަމަކޮށް މުއާމަލާތުކުރުމަށް ޒައިދު ބިން ހާރިސް ކިއުނު ސަހާބީއަކަށް އަންގަވާފައެވެ. އިސްލާމްދީނުގައި މިނިވަން ޝަރުއީނިޒާމުގެ މިފަދަ އެތަކެއް މިސާލު ފެންނަން އެބަހުއްޓެވެ. އެކަމަކު މިއަދު ދިވެހިންނަށް ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ ހަމަހަމަކަމަށް މިވީ ކިހިނަކުންހެއްޔެވެ؟
ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ގާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ހަަމަހަމަ މީހެއްކަމަށް ބަޔާންވެގެންވެއެވެ. އެކަމަކު ގާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ދަށުން ދައުލަތުން ކުރިން ހުއްދަ ހޯދުމަކާއި ނުލައި އެއްވެ އުޅުމުގެ މިނިވަންކަންވެސް މިއަދު ހަމަހަމަކަމާއެކު ރައްޔިތުންގެ މައްޗަށް ގާނޫނު ހިންގުމުގެ މަސްއޫލިއްޔަތު ގާނޫނުއަސާސީގެ 237 ވަނަ މާއްދާއިން މަތިކޮށްފައިވާ ސަލާމަތީ ޚިދުމަތްތަކަށް ފެންނަނީ ވެރިކަންކުރާ ޕާޓީން މާނަކުރާ ނުވަތަ އެދޭގޮތަށެވެ. ގާނޫނުއަސާސީގެ މިމާއްދާގައި ގާނޫނު ނަގަހައްޓައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ސަލާމަތީ ފަރާތްތަކާއި މަތިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެހެން ފަރާތަކުން އެދޭގޮތަކަށް އެކަންކުރުމަށް ނޫންކަން ކަށަވަރެވެ. ވީއިރު 1 ފެބްރުއަރީގައި ފަސްފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމަށް ސަލާމަތީ ފަރާތްތަކުންނާއި ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގެ ޒިއްމާ އުފުއްލަވަން ތިއްބެވި ބޭފުޅުން އަމަލު ނުކުރެއްވީ ގާނޫނީ ވެރިކަން ރާއްޖޭގައި ނިމުމަކަށް އައިކަމަށް ގަބޫލްކޮށްގެންތޯ ސުވާލު އުފެދެއެވެ.
ރާއްޖޭގައި ގާނޫނުގެ ވެރިކަން ދެމެހެއްޓުމުގެ މަސްއޫލިއްޔަތަކީ ގިނަބައެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެވެ. ޚާއްސަކޮށް ސަލާމަތީ ފަރާތްތަކަށެވެ. އާންމުރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު އަމަލުކުރަންޖެެހެއެވެ. ރާއްޖޭގެ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު ކަންކަން ހިންގުމަށް ގާނޫނު އަސާސީގެ 246 ވަނަ މާއްދާއިން ލާޒިމްކުރެއެވެ. މިހަމަތަކާއި އުސޫލުތައް ބަލައިގަތުގެ އިތުރަށް އަޅުގަނޑުމެން ވަނީ ބައިނަލްއަގްވާމީ އެތައް މުއާހަދާތަކެއްގެ ދަށުން ގިނަގުނަ ހައްގުތަކެއް ރައްކާތެރި ކުރުމަށާއި މިނިވަން އިންސާފުގެ ނިޒާމެއް ގާއިމްކުރުމަށް އެއްބަސްވެފައެވެ. ބައިނަލްއަގްވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާއިބެހޭ މުއާހަދާގައި އަޅުގަޑުމެން ސޮއިކޮށްފައިވާއިރު އެމުއާހަދާގެ 14 ވަނަ މާއްދާއިން މިނިވަން އިންސާފުގެ ނިޒާމެއް ދެމެހެއްޓުމަށް ވަނީ ލާޒިމްކޮށްފައެވެ.
މިކަން މިހެން ހުރުމާއެކުވެސް މުވައްސަސާތައް އަތްދަށުލައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނައިރު މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތްތަކުން އެކަން ނުކުރަނީ ކީއްވެގެންބާވައެވެ؟ ޝަރުއީ އެންމެމަތީ ފަނޑިޔާރުގެއަށް އަރައިގަތުން ބަލައިގަނެވެނީ ކޮންއުސޫލަކުންބާވައެވެ؟ ފަނޑިޔާރުންގެ ތެރޭގައި އެކުވެރިކަން ނެތި އެކަކުވެސް މަދުވުމުން އަނެކަކު މަގާމަށް ފާރަލައިގެން ހުރުމުގެ ސަގާފަތް އޮތްކަމަށް ގަބޫލުކުރަންވީހެއްޔެވެ؟ އަދި މިވާދަވެރިކަން ނިމޭނީ ކޮންފަދަ ހިތިގޮތަކަށްބާވައެވެ؟ މިފަދަ ކަމެއް ވެގެން އުޅޭއިރު ފަނޑިޔާރުގެއިން އުއްތަަމަފަނޑިޔާރާއި ދެންހުންނެވި ފަނޑިޔާރު ދޫކުރަން ކުރަންޖެހޭ ހުކުމް ނުކުރެވި ކޯޓުގެ ހުރުމަތް މުސްތަގްބަލްގައި ގާއިމްވާނެބާވައެވެ؟ ކުރިން އެންމެ ފަނޑިޔާރަކު ހައްޔަރުކުރުމުން މުޅި ރައްޔިތުން ނިކުމެ އިންސާފުގެ އަޑުއުފުލި ހަނދާން މިއަދު ފަނޑިޔާރުންގެ ވިސްނުނުންފުޅުން ނެތިގޮސް ވާދަވެރިކަމާއި ހަސަދަވެރިކަމުގެ ތެރޭގައި ހީނުކުރާފަދަ ގެއްލުމަކާއި ދިވެހި ޝަރުއީނިޒާމް ކުރިމަތިލަނީ ކަމަށް ޔަގީންކުރެވެއެވެ. ކުރިޔަށް އޮތީ ވަރަށް ކަޅުއަނދިރި ދުވަސްތަކެކެވެ.
މިދިމާވެގެން އުޅޭ މައްސައަލައަކީ 1932 ގައި ގާނޫނުއަސާސީއެއް ވުޖޫދަށް އައުމަށްފަހު މިހާތަނަށް ދިމާވި އެންމެ ޚުތޫރަތްތެރި އެއްމައްސަލައެވެ. މުޅި ދުސްތޫރީ ނިޒާމު ނެތިދިއުމުގެ ބިރެވެ. ގާނޫނީ ވެރިކަން ނެތިދިއުމާއި ރާއްޖޭގައި ހީނުކުރާފަދަ ހާލަތަކަށް ރައްޔިތުންގެ ބާރު ނެތިދިއުމުގެ ބިރެވެ. ރައްޔިތުންގެ މަޖިލީހުގެ އިޚްތިސާސް ނެތިދިއުމުގެ ބިރެވެ. ޝަރުއީ ކޯޓްތަކުގެ މިނިވަންކަމާއި ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ނެތިދިއުމުގެ ބިރެވެ.
އާންމު ރައްޔިތުންނަށް އަދި ވިޔަފާރިތަކަށް ލިބޭނީ ގައުމެއްގައި އޮންނަ ގާނޫނީ ނިޒާމުން ލިބޭނެ ރައްކާތެރިކަމެކެވެ. މިއަދު ސަރުކާރުން ގާއިމުކުރަން މިއުޅޭ ގަދަބާރުން ކަންކަން ނިންމުމުގެ ނުބައި އުސޫލު ބިނާވެއްޖެނަމަ ދެން އެހެންބަޔަކަށް ވަކިން ލިބޭނެ ރައްކާތެރިކަމެއް އޮންނާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. ދީނާއި ދުނިޔެ ދައްކާދީފައިވަނީ ހާލަތު ބަދަލުކުރާނީ ރައްޔިތުންކަމެވެ. އެހެންވީމާ އެގޮތުގައި ސާބިތުވެތިބެ މަސައްކަތްކުރަމާ ހިންގަވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ