ކަފިހި ހުރަސްމަތިން އެކްސިޑެންޓްވެ މީހެއްގެ ހާލު ސީރިއަސްވެއްޖެ

ސެނެހިޔާ ކައިރީ ކަފިހި ހުރަސްމަތިން އެކްސިޑެންޓެއްވެ މީހެއްގެ ހާލު ސީރިއަސް ވެއްޖެއެވެ. ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު އިރުއޮއްސި 6:24 ހާއިރު ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ އެ ހާދިސާގައި މީހަކަށް އަނިޔާވެފައިވަނީ، ކަފިހިހުރަސް މަތީ ހުރަސް ކުރި މީހެއްގެ ގައިގައި ކާރަކުން ޖެހި، ހިނގި ހާދިސާއަކާ ގުޅިގެން ކަމަށެވެ. ކާރުން ޖެހުނު މީހާ އަށް އެއްވެސް އަނިޔާ އެއް ލިބިފައި ނުވެއެވެ. ނަމަވެސް އެކްސިޑެންޓް ހިނގުމުގެ ސަބަބުން، އެމީހާ ގައިގައި ޖެހުނު މީހާ އަށް ސިރީއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. "[ކާރުން ޖެހުނު މީހާގައިގައި ޖެހި] އޭނާ އަށް އަނިޔާވެފައި ވަނީ ސްޕީޑް ބްރޭކަރުގައި ޖެހިގެން. އޭނާގެ ބޮލަށް ވަނީ ސީރިޔަސް އަނިޠަކެއް ލިބިފައި،" ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި އެވެ. އަނިޔާ ލިބިފައިވާ މީހާއަށް މީހަރު އޭޑީކޭ ހޮސްޕިޓަލް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ފަރުވާދެމުން ދަނީ 45 އަހަރުގެ އަންހެނަކަށް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ. "ސަން" އަށް އެނގިފައިވާގޮތުގައި އެމީހާގެ އޮތީ ހޭނެތިފައެވެ. އަދި އޭނާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ. މާލޭގައި ކަފިހި ހުރަސް މަތީ ހުރަސްކުރާއިރު، ގިނަ ފަހަރު ދުއްވާ އުޅަދުތައް ހިނގާ މީހުންނަށް ސަމަލުކަމެއް ނުދީ، ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާކަމަށް ވަނީ ފާހަގަކުރެވިފައެވެ. މިއީ ހިނގާ މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ