މާލޭގެ ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކަށް މާލެއާއި ތިލަފުށި، ގުޅީފަޅު، ވިލިމާލެ ގުޅުވާލަންޖެހޭ: ނަޝީދު

މާލެއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިލަފުށި، ގުޅީފަޅު، ވިލިމާލެ އަދި މާލެ ގުޅުވާލަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މާލެއަށް މިވަގުތު އެންމެ ބޭނުން ވަނީ ބޯހިޔާވަހިކަމަށް ހައްލެއް ކަމަށާއި އެ ވައުދު މި ސަރުކާރުން ފުއްދައިދޭނެ ކަމަށެވެ.
އެގޮތުން ވެށިފަހި މާލެ ޕްރޮގްރާމްގެ ތެރެއިން ތިލަފުއްޓާއި ގުޅީ ފަޅާއި ވިލިމާލެ އަދި މާލެ އާއި ހުޅުމާލެ ގުޅާލުމަށް ވިސްނާފައި އޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތިލަފުއްޓާއި މި ފަސް ރަށް ގުޅާލުމުގެ ސިޔާސަތެއް ގެންގުޅުއްވި އެވެ. އެ މަޝްރޫއުގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތު އޭރު ހުޅުވާލިއިރު ކިއުގައި ޖެހިގެން ގިނަ ބަޔަކު ގޯއްޗަށް އެދި ހުށަހެޅިއެވެ.
އަދި ފުށިދިއްގަރުފަޅު ހިއްކައި ބޭނުން މީހަކަށް 1000 އަކަފޫޓުގެ ގޯއްޗެއް ދޫކުރުމުގެ ސިޔާސަތެއްވެސް ރައީސް ޔާމީން ސަރުކާރުން ގެންގުޅުއްވިއެވެ.
އެ މަޝްރޫއުތައް ހުއްޓާނުލުމަށް އޭރުގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހަށްދަކުން މީހުން މާލެ އައުމުގެ ދައުވަތުވެސް ރައީސް ޔާމީން ވަނީ ދެއްވާފައެވެ.
ރައީސް ނަޝީދު އޭރު އެކަމާ ދެކޮޅުހެއްދެވި ނަމަވެސް ރޭގެ ރަސްމިއްޔާތުގައި ވިދާޅުވީ ތިލަފުށި، ގުޅީފަޅު، ވިލިމާލެ އަދި މާލެ ގުޅުވާލައިގެން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ