ރައީސް ޔާމީން ފުލުހަށް ހާޒިރުވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުވެއްޖެއެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުމަށް ފުލުހުން ޗިޓް ފޮނުވާފައި އޮތީ މިއަދު 1:30 އަށެވެ. އެމަނިކުފާނު މިއަދު ފުލުހަށް ވަޑައިގެންފައި ވަނީ ކާރުކޮޅުގައެވެ. ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރި ވަގުތު ފުލުހުންގެ އިދާރާ ކައިރި، ވެހިކަލް ނުވަދެވޭ ގޮތަށް ބަންދު ކޮށްފައިވާ އިރު، އެ ސަރަހައްދަށް މިއަދު ގިނަ ސަޕޯޓަރުންތަކެއް އެއްވެފައެއް ނުވެއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީގެކުރިންވެސް، ޔާމީން ވަނީ ފުލުހަށް ގެންދެވި، ސުވާލު ކުރެވިފައެވެ. މިއަދު ޔާމީން ފުލުހަށް ގެންދާ ވަކި ސަބަބެއް ހާމަކޮށްފައި ނުވާ އިރު،
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ރައީސް ޔާމީން ހުޅުވާފައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައަކާއި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެހެން އެކައުންޓަކަށް 22 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.
ރައީސް ޔާމީންގެ މައްސަލަ ފުލުހަށް ހުށަހެޅި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.
މައްސަލަތަކުގެ ތަހުގީގަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާއާއެކު ޔާމީންގެ އެކައުންޓްތައް ވަނީ ފްރީޒް ކޮށްފައެވެ. އެކައުންޓްތައް ފްރީޒް ކުރި މައްސަލަ ޔާމީން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރާއިރު ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލުކަން އާއިޝަތު އާޒިމާ ޝަކޫރަށް ދެން ނުކުރެވޭނެކަން ފުލުހުން ވަނީ އެކަމަނާއަށް އަންގާފައެވެ.
އެމްއެމްޕީއާރްސީގެ މައްސަލާގައި އާޒިމާ ވަނީ ދެފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މަނީ ލޯންޑަރިންނަށް އެހީތެރިވެދިންކަމުގެ ތުހުމަތެވެ. މަނީ ލޯންޑްރިން މައްސަލައިގައި އާޒިމާގެ މައްޗަށް ވެސް ތުހުމަތު ކުރިއިރު އާޒިމާ އަކީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ވަޒީރެވެ. ބޮޑެތި ގިނަ ނިންމުންތައް ނިންމެވުމުގައި ޔާމީން އެންމެ ބޮޑަށް ހޯއްދެވީ އާޒިމާގެ ޚިޔާލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ