އައިޖީއެމްއެޗްގެ ސީޓީ ސްކޭންގެ ހިދުމަތް ވަގުތީގޮތުން ޓްރީޓޮޕަށް

އައިޖީއެމްއެޗުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ހޮސްޕިޓަލުގެ ސީޓީ ސްކޭން މެޝިންތަކަށް ވަރަށް ބޮޑަށް ދުންވަދެ، ސީޓީ ސްކޭން ހެދުން މެދުކެނޑިފައިވާތީ އައިޖީއެމްއެޗުން އިމަޖެންސީކޮށް ހަދަންޖެހޭ ސީޓީ ސްކޭންތައް ވަގުތީގޮތުން ޓްރީޓޮޕް ހޮސްޕިޓަލުން ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުން ނެރުނު ނޫސްބްޔާނެއްގއި ބުނެފައިވަނީ އެ ހޮސްޕިޓަލުން ހަދަންޖެހޭ ސީޓީ ސްކޭން ހެދުމަށް ޓްރީޓޮޕަށް ފޮނުވާ ފަރާތްތަކުގެ ސްކޭން ހެދުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަށް އެ ހޮސްޕިޓަލާ އާސަންދަ ކުންފުންޏާ ދެމެދު އެއްބަސުމަކަށް އާދެވިފައިވާ ކަަމަށެވެ.
އައިޖީއެމްއެޗްގެ ސީޓީ ސްކޭން މެޝިނާއި އައިޓީގެ ބައެއް މެޝިނަރީތަކަށް ބެކައަޕް ކަރަންޓު ދިނުމަށް ގާއިމްކޮށްފައިވާ ޔޫޕީއެސް ސިސްޓަމްގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އައިޖީއެމްއެޗުން ބުނީ އަލިފާނުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު އިމަޖެންސީގެ ޔެލޯ ޒޯނަށާއި، ގްރީން ޒޯން އަދި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއަށް ކޮށްފައިވާ ކަމަށެވެ. އަދި ޔެލޯ ޒޯންގައި ފަރުވާދެމުން ދިޔަ 22 މީހަކު ކުރިން ފިޒިއޮތެރަޕީގެ ހިދުމަތް ދެމުން ގެންދިޔަ ސަރަހައްދަށް ބަދަލުކޮށްފައިވާ ކަަމަށާއި އަދި ގްރީން ޒޯންގައި ދެމުންދިޔަ ހިދުމަތްތައް ވަގުތީގޮތުން އޯޕީޑީ ސަރަހައްދަށް ބަދަލުކޮށްފައިވާ ކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
މިހާދިސާގެ ސަބަބުން އައިޖީއެމްއެޗުގައި އެވަގުތު ހަރަކާތްތެރިވި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަަމަށްވެސް އައިޖީއެމްއެޗުން ވަނީ މައުލޫމާތު ދީފަ އެވެ. އަދި ހޮސްޕިޓަލުންދޭ ހިދުމަތްތަކަށް އެއްވެސް މެދުކެނޑުމެއް ނައިސް ހިދުމަތްތައް ކުރިއަށްދާ ކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ