"ޒިންމާދާރު ރައްޔިތުން ބިނާކުރުން" ތ. ވޭމަންޑޫގައި ފަށައިފި

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 13 ވަނަ މަސައްކަތު ބައްދަލުވުން ތ. ވޭމަންޑޫގައި ފަށައިފި އެވެ.
ބުދަ ދުވަހު ވޭމަންޑޫގައި ފެށި މި މަސައްކަތު ބައްދަލުވުންތަކުގައި ޖުމްލަ 12 ރަށަކުން ވަނީ ބައިވެރިވެފައެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ވޭމަންޑޫ، ވިލިފުށި، މަޑިފުށި، ދިޔަމިގިލި، ކަނޑޫދޫ، ވަންދޫ، ހިރިލަންދޫ، ތިމަރަފުށި، ކިނބިދޫ، ގުރައިދޫ، އަދި އޮމަދޫއިންނެވެ.
ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގެ އެކި މުއައްސަސާތަކުން ބައިވެރިވި މި މަސައްކަތު ބައްދަލުވުމުގައި ތ. އަތޮޅުން ބައިވެރިވެފައި ވަނީ ކައުންސިލްތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، އަންހެނުން ކޮމިޓީތަކާއި، ތައުލީމީ ދާއިރާއާއި، ޞިއްޙީދާއިރާގެ އިތުރުން އަދުލް އިންސާފްގެ ދާއިރާގެ މުއައްސަޞާތަކުންނެވެ.
ވޭމަންޑޫގައި ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި 12 ރަށަކުން 70 އަށްވުރެން ގިނަ ބައިވެރިން ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މިފަހަރުގެ މަސައްކަތު ބައްދަލުވުމުގައި އަށް ދާއިރާއަކުން ފެސިލިޓޭޓަރުން ބައިވެރިވެވަޑައިގެން ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީ، މޯލްޑިވްސް ޕޮލިސް ސަވިސް، ޖުވެނައިލް ޖަސްޓިސް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް ހެލްތް، ނޭޝަނަލް ޑްރަގް އެޖެންސީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ބޭފުޅުން ސެޝްންތަށް ނަގައިދެއްވާނެ އެވެ.
ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގުރާމަކީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުމެކެވެ. މަސައްކަތު ބައްދަލުވުންތައް ކުރިއަށްގެންދަނީ ސަރުކާރުގެ އޮފީސްތަކުގެ ބައިވެރިވުމާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ