ފަނޑިޔާރު ޝުޖާއު އުސްމާނުގެ މައްސަލަ ޖޭއެސްސީ އަށް!

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޚިޔާނާތުގެ މައްސަލައެއްގައި ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ހުކުމް ކުރެއްވީ ޗުއްޓީގައި ހުންނަވައިގެން ކަމަށް ސީއެންއެމް އިން ރިޕޯޓު ކުރުމާއެކު އޭނާގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި ފަނޑިޔާރު ޝުޖާއު އުސްމާނުގެ އެ ސުލޫކީ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާފައި ވަނީ މިއަދެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމެވެ.
ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް އެޑްރެސް ކުރައްވައި މީކާއީލް ފޮނުއްވި ސިޓީއެއްގައި ވަނީ އަދީބު 77 މިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވިކަމުގެ މައްސަލަ ފަނޑިޔާރު ޝުޖާއު އުސްމާން ނިންމަވާފައި ވަނީ ޗުއްޓީގައި ހުންނަވައިގެން ކުއްލިއަކަށް ކޯޓަށް ވަޑައިގެން ކަމަށެވެ. އަދި އެ މައްސަލަ ބައްލަވައި އަދީބު ކުށުން ބަރީއަ ކުރުމަށް ފަހު އަނެއްކާ ވެސް ޗުއްޓީ ކުރިއަށް ގެންދެވި ކަމަށް ވެސް މީކާއީލްގެ އެ ސިޓީގައި ބުނެފައިވެ އެވެ. އެހެންކަމުން މިކަމުގައި ފަނޑިޔާރު ޝުޖާއު އުސްމާނުގެ އެއްވެސް ސުލޫކީ މައްސަލައެއް އުޅޭ ނަމަ، މިކަން ވީ އެންމެ އަވަސް ފުރުސަތެއްގައި ބައްލަވައި ދެއްވުމަށް މީކާއިލް އެދިވަޑައިގަންނަވާފައި ވެއެވެ.
އަދީބުގެ މައްޗަށް ތަފާތު ތިން މައްސަލައެއްގައި އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރި އިރު، އެ މައްސަލަތަކުގެ ތެރެއިން އެންމެ ފަހު މައްސަލަ، ހައި ކޯޓުން ބާތިލް ކުރި ގޮތާއި މެދު ގާނޫނީ ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.
ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރި ނަމަވެސް، ހައި ކޯޓުން ފަހުން އެ ހުކުމް ވަނީ ބާތިލް ކޮށްފަ އެވެ. އަދި އެއަށްފަހު، ފިސްތޯލައެއް ގެންގުޅު މައްސަލާގައި އަދީބުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ސްޕްރީމް ކޯޓުން ބާތިލް ކުރީ އެވެ.
އެ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ސުވާލު އުފެދިފައި ވަނީ ތިން ވަނަ މައްސަލަ ކަމަށްވާ، ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް އަދީބު ހިޔާނާތްތެރިވިކަން ސާބިތުވުމުން 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކޮށްފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރި ގޮތާއި މެދު އެވެ.
އެގޮތުން މެއި މަހުގެ 30 ވަނަ ދުވަހު ހައި ކޯޓުން އެ ހުކުމް ބާތިލް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރޭގައި އަދީބުގެ ހުކުމް ބާތިލް ކުރީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަގުލަބިއްޔަތުންނެވެ.
އެ މައްސަލާގައި ސުވާލު އުފެދިފައި ވަނީ، ޗުއްޓީގައި ހުންނެވުމަށް ފަހު އިސް ފަނޑިޔާރު ޝުޖާއު ސީދާ އެ މައްސަލަ ބެއްލެވުމަށް ކޯޓަށް ވަޑައިގެންނެވުމުންނެވެ. އަދި އެ މައްސަލަ އަށް ފަހު އަލުން އެނބުރި ފަނޑިޔާރު ޗުއްޓީގެ ބާކީ ބަޔަށް ވަޑައިގެންނެވީ އެވެ. އެހެންކަމުން ސީދާ އެ މައްސަލަ އަށް އެކަނި އިސް ފަނޑިޔާރު ވަޑައިގެންނެވުމުން، އެ ކަމުގައި އެހެން ކަންތައްތަކެއް ނުވަތަ ގޯސްތަކެއް އުޅޭ ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.
ޗުއްޓީގައި ހުންނެވުމަށް ފަހު އިސް ފަނޑިޔާރު ޝުޖާއު ސީދާ އަދީބުގެ މައްސަ އަށް ކޯޓަށް ވަޑައިގެން، އަދީބު މިނިވަން ކުރުމަށް އަގުލަބިއްޔަތު ހޯއްދަވައި ދެއްވުމަށް ފަހު، އެނބުރި ޗުއްޓީ އަށް ވަޑައިގެންނެވި ނަމަވެސް، ފަހުން ޗުއްޓީ އެއްކޮށް ނުނިމި އުޅެނިކޮށް ރަސްމީ މަސައްކަތަށް އެނބުރި ވަޑައިގެންނެވި ކަން އެނގިފައި ވެއެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔު ވަނީ ތަފާތުވެފަ އެވެ. އެގޮތުން އެ މައްސަލާގައި ހުށަހެޅުނު ހެކިތަކަށް ބަލާއިރު އަދީބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި، ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ފަނޑިޔާރު ޝުއައިބުގެ ރައުޔުގައި ބުނެފައި ވެއެވެ.
އޭގެ އިތުރުން އެ މައްސަލާގައި އަދީބާ އެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް އަށް އަހަރަށް އަދި ހާމިދު އިސްމާއިލް ދެ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓާފައި ވާކަން ފަނޑިޔާރު ޝުއައިބު ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ