ރިޔާސީ ކޮމިޝަންތަކުގެ ބިލުގެ މައްސަލައިގައި ރައީސްގެ ކަންބޮޑުވުން ކެބިނެޓާ ހިއްސާކުރައްވައިފި

ކޮރަޕްޝަނާއި ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވައިފައިވާ ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބިލު ފާސްނުވެ، ދިގު ދެމިގެން ދާތީ އެކަމުގެ ކަންބޮޑުވުން ރައީސް ސޯލިހު އެމަނިކުފާނުގެ ކެބިނެޓާ ހިއްސާކުރައްވައިފި އެވެ.
"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު މިއަދު ވިދާޅުވީ ސަރުކާރުގެ މެޖޯރިޓީ މަޖިލީހެއް އޮވެމެ، އެ ބިލު ފާސްނުވެ ދިގު ދެމިގެން ދިއުމުން ރައީސް އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެހެން އެކަން ވެގެން ވާނެކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"ރައީސްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ކަމުގެ ތުހުމަތު އެތައް ބައެއްގެ ބޮލުގައި އެޅި މީހުން ބަދުނާމުވަމުންދާ އިރު އެކަންކަން ބެލުން ލަސްވަމުން ދާތީ. އަދި ސަރުކާރަށް ރައްޔިތުންގެ ކުރި އިތުބާރާކީ އެ ފަދަ ހުރިހާ ކަމެއް ބެލުން ކަމަށްވާ އިރު، އޭގެ ފާޑިކިޔުންތައް ވެސް ސަރުކާރަށް ދެއްތޯ މި އަންނަނީ. އެހެންވީމަ ރައީސް ވަރަށް ބޮޑަށް ބޭނުންފުޅޭ ބިލު އަވަހަށް ފާސްވާން." ހޫދު ވިދާޅުވި އެވެ.
ހޫދު ވިދާޅުވީ އިއްޔެ އޮތް ކެބިނެޓު ބައްދަލުވުމުގައި، މި ބިލު އަވަސްކުރުމަށް ކޮށްދެއްވެން އޮތް ހުރިހާ މަސައްކަތެއް ކެބިނެޓު މެންބަރުން ވެސް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލު މަޖިލީހަށް ފޮނުވާފައި އޮންނަތާ އެތައް މަހެން ވެގެން ދިޔަ އިރު، މިދިޔަ ދައުރުގެ ފަހު ޖަލްސާގައި ވެސް އެ ބިލަށް ވޯޓަށް އެހޭ ގޮތެއް ނުވި އެވެ. ފަހުން ބޭއްވި ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއްގައި ރައީސްގެ އެދިވަޑައިގަތުމަކާ ގުޅިގެން، ދައުރު މެދުން ޖަލްސާއެއް ބޭއްވުމަށް ވެސް މަސައްކަތްކުރި އެވެ. އެހެން ނަމަވެސް އެ ޖަލްސާ ބޭއްވޭ ގޮތެއް ނުވި އެވެ.
މި ދައުރުގެ ޖަލްސާތައް ފަށައިގެން ކުރިޔަށް ދާ އިރު، ފުރަތަމަ ބޭއްވި ދެ ޖަލްސާއަށް އެ ބިލު އެޖެންޑާ ކުރި އެވެ. އެހެން ނަމަވެސް ފުރަތަމަ ދުވަހު ބިލަށް ވޯޓަށް ނޭހުނީ އެންމެ މެންބަރެއް ތަޅުމުގައި މަދުވެގެންނެވެ. ރައްޔިތުން އެ މައްޗަށް އަމަލުކުރާން ޖެހޭ ބިލަކަށް ވޯޓަށް އެހޭނީ އެ ވަގުތު ތަޅުމުގައި މަދުވެގެން 43 މެންބަރުން ވަޑައިގެން ތިއްބެވި ނަމަ އެވެ. އެހެން ނަމަވެސް މިދިޔަ ހޯމަ ދުވަހު ބިލަށް ވޯޓަށް އެހި ގަޑީގައި ތަޅުމުގައި ތިއްބެވީ 42 މެންބަރުންނެވެ.
އިއްޔެ ޖަލްސާގައި ބިލަށް ވޯޓަށް ނޭހުނީ ތިން މެންބަރުން މަދުވެގެންނެވެ. އިއްޔެގެ ޖަލްސާގައި ބިލުގެ ވޯޓަށް ޖެހުނު އިރު ތަޅުމުގައި ތިއްބެވީ 37 މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ