އެޖެންޑާ 19ގެ ކެމްޕެއިނަށް ނަޝީދު ލަންކާއަށް!

އެމްޑީޕީގެ އެޖެންޑާ 19 ގެ ކެމްޕެއިނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ލަންކާއަށް ފުރާ ވަޑައިގަންނަވައިފިއެވެ.
އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ކެމްޕެއިންގެ އެކި މައުލޫމާތުތައް ދިނުމަށް ކޮންމެ ދުވަހަކު ކުރިއައްގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ކެމްޕެއިން ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ލަންކާގެ ކޮލަމްބޯއަށް ވަޑައިގެންނެވީ، އެމްޑީޕީގެ މަޖިލިސް ކެމްޕެއިން، އެޖެންޑާ 19 ގެ އިވެންޓެއްގައި ބައިވެރިވެ ވަޑައި ގަތުމަށް ކަމަށެވެ.
މި އިވެންޓްގައި ބައިވެރިވުމަށް ރައީސް ނަޝީދާއެކު އެޑިއުކޭޝަން މިނިސްޓަރ އައިޝަތް އަލީ، ފައިނޭންސް މިނިސްޓަރ އިބްރާހީމް އަމީރް އަދި އާސަންދަ ކުންފުނީގެ އެމްޑީ މަރިޔަމް ޝަފީގް ލަންކާއަށް ވަޑައިގެންނެވިއެވެ. މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި، ލަންކާ ގަޑިން މިރޭ 7 ޖަހާއިރު އެވެ.
ލަންކާއަށް މި ކުރައްވާ ދަތުރުފުޅުގައި އޭޝިއާ ސްޕެސިފިކް ޑިމޮކްރެޓް ޔޫނިއަން ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ