ވެރިކަމުގެ ނިޒާމަށް ބަދަލު އަންނަންޖެހޭ: ރައީސް ނަޝީދު

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު އަންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި މައްޗަންގޮޅީ މެދު ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލު އަންނަންޖެހެނީ ކޮން ވަގުތަކުކަން ނިންމޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މުޅި ޕާޓީ އާއި ރާއްޖޭގެ ރައްޔިތުން ވެސް ވާހަކަ ދައްކައިގެން ކަމަށެވެ. "އާދެ. އަޅުގަނޑު ދެކޭގޮތުގައި ވެރިކަމުގެ ނިޒާމަށް ރާއްޖޭގައި ބަދަލެއް އަންނަންޖެހޭ. ދެން ކޮން ވަގުތެއްގައިތޯ އަންނާނީ. އެއީ ރައީސުލްޖުމްހޫރިއްޔާ އާއި މުޅި ޕާޓީ އާއި އަދި ރާއްޖޭގެ ރައްޔިތުންނާ ވެސް ވާހަކަ ދައްކައިގެން އަޅުގަނޑުމެންނަށް ނިންމޭނެ ނިންމުމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުވާ ދުވަހަކުން ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ހުރިތޯ ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ކަންކަމުން އެމަނިކުފާނު ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކައެއް ދައްކަވާ ކަމަށްވަންޏާ އެންމެ ފުރަތަމަ އެ ވާހަކަ ދައްކަވަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އުނދަގޫފުޅުވާގޮތަކަށް ވެރިކަމުގެ ނިޒާމް ބަދަލުކުރަން ދުވަހަކުވެސް ނޫޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެއީ އަޅުގަނޑުމެން މިހާރު ވެރިކަމުގައި މިތިބީ. ރައީސުލްޖުމްހޫރިއްޔާ ވެސް އެއީ އެމްޑީޕީ. ރައްޔިތުންގެ މަޖިލީސް ވެސް އެއީ އެމްޑީޕީ. މިވަގުތަށްބަލާއިރު އޭގެން އަޅުގަނޑުމެންނަށްވާ އުނދަގުލެއް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތުގައި ބަރުލަމާނީ ނިޒާމް ރާއްޖޭގައި މާ ރަނގަޅަށް ހިނގާނެ ކަމަށާއި ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ވިސްނުން ބަދަލުކުރަންޖެހޭ ސަބަބެއް ނާންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. "އަޅުގަނޑަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ މީހެއް. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގައި މާ ރަނގަޅަށް ހިނގާނެ ބަރުލަމާނީ ނިޒާމް. ރައީސުލްޖުމްހޫރިއްޔާ ހުންނަވާފަ އަދި ބޮޑުވަޒީރަކު ހުންނެވުން ވަރަށް ބޭނުންވޭ. ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ސާފުވާންވާނެ. މިސާލަކަށް ފުލުހުންނާއި ސިފައިންގެ ވެރިއަކަށް ރައީސުލްޖުމްހޫރިއްޔާ ހުންނަވަންޖެހޭނެ. އަދި އެހެންވެސް މުސްތަގިއްލު މުއައްސަސާތަކާ އެކިއެކި މަގާމްތަކަށް ބޭފުޅުން އައްޔަންކުރުމާއި މިހެންގޮސް ދައުލަތުގެ އެންމެ މަތީގަ ހުންނަވަންޖެހޭ ބޭފުޅެއް. ހުރެފަ ދެން ސަރުކާރެއް މި ހިނގަންޖެހެނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް 2007 ވަނަ އަހަރު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން މެޖޯރިޓީ ލިބުނީ ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ