ބޮޑު އަޣުލަބިއްޔަތެއް ލިބުނަސް، ހިތުހުރި ގޮތަކަށް ގާނޫނު އަސާސީއަށް ބަދަލެއް ނުގެވޭނެ: ރައީސް ޔާމީން

ބޮޑު އަޣުލަބިއްޔަތެއް ލިބުނަސް، ހިތުހުރި ގޮތަކަށް ގާނޫނު އަސާސީއަށް ބަދަލެއް ނުގެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްގެންދާ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހިތުހުރި ގޮތަކަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
"މިއަދު މި ބޮޑު އަޣުލަބިއްޔަތު ލިބުނީމަ، ގާނޫނު އަސާސީ ހިތުހުރި ގޮތަކަށް ބަދަލުކުރުމަކީ ރައްޔިތުން އެއަށް މޯރަލް އޮތޯރިޓީދީ، އެއީ ހައްގު ކަންކަން ކަމަށް ގަބޫލުކުރާނެ ކަންކަމެއް ނޫން. އެހެންވީމާ ފޭރުމާ ހަމައަށް އަންނަ އިރު، އަޅުގަނޑަށް އެންމެ އުނދަގޫވާ ކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ތިން ބާރު ވަކިވެފައި އޮތް ނިޒާމަކާއި އެއް ބާރު އަނެއް ބާރު ފާރަވެރިވެ، އޮންނަ ނިޒާމުގެ ތެރޭގައި ފާރުތައް ފޫއަޅުވާލާ މައްސަލަ. އެއީ މިދެންނެވި ބޮޑު އަޣުލަބިއްޔަތު ލިބުނީމަ ވާ ގޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މަޖިލީހަށް ރައްޔިތުންގެ މެމްބަރުން އިންތިހާބުވިއެއް ކަމަކު އެ މެމްބަރުން ކުރާ ހުރިހާ ކަމަކީ ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުތައް ބަޔާންކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުތައް އަޅުގަނޑަށް ވެސް ކޮންމެވެސް ވަރަކަށް އެނގެންވާނެ. ހަމަ އެ ބާރުތައް ބޭނުންވެސް ކުރިން. އެހެންދެއްތޯ ވާނީ ހަނދުކޭތަ ހިފަންޏާ. އެ ބާރުތައް ބޭނުންކުރާ އިރުވެސް އަޅުގަނޑު ހިތަށް މިއަރަނީ 115 ވަނަ މާއްދާއިން މި ލިބޭ ބާރުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަންކަން ބެލުމަށްޓަކައި ދިމާވާ ބޮޑެތި މައްސަލަތައް، ކާރިސާތައް ދިމާވީ ކިހިނެއްތޯ އެސެސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކޮމިޝަން ހެދުމަށްޓަކައި ޖާގަ އެބަ ލިބޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރިޔާސީ ކޮމިޝަންތަކެއް އުފެއްދުމުގެ ބާރު ލިބުނު ކަމުގައިވިޔަސް، އެއީ ގާނޫނުން މީހުން ހިފާ ހައްޔަރުކުރުމުގެ ބާރު ލިބުނީކީ ނޫން ކަމަށާއި ކޯޓުތަކުގެ ބޭރުން އެ ކޮމިޝަންތަކަށް މީހުން ހިފާ ހައްޔަރުކުރުމުގެ ބާރު ނުލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ