ކޯޓު ހުކުމުން ދޭން ނިންމާ ފައިސާއާމެދު ކުރީގެ ރައީސް ނަޝީދު ސުވާލު އުފައްދައިފި

ކޯޓްތަކުން އަމިއްލަ ފަރާތްތަކަށް ދޭން ހުކުމް ކުރާ ފައިސާތައް އެއީ ދޭންޖެހޭ ފައިސާތޯ ކަށަވަރު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން މިވީ ހަމަސް ދުވަސް ތެރޭގައި އާދަޔާ ހިލާފަށް ގިނަ ފައިސާތަކެއް އަމިއްލަ ފަރާތްތަކަށް ދޭން ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ. އެ ފައިސާ ތަކަކީ ދޭން ޖެހޭ ފައިސާތޯ ކަށަވަރު ކުރުމާއި، ސަރުކާރަށް އެންމެ ރަނގަޅު ގޮތް ހޯދައި ދިނުމަކީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ވާޖިބެއް ކަމަށް ވެސް އެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އަކީ ނަޒާހަތްތެރި ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ތަޖުރިބާތަކަށް ބަލާއިރު ރިފްއަތު ކޮރަޕްޝަންގެ އެއްވެސް އަމެލެއް ހިންގަވާނެ ބޭފުޅެއް ނޫން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ބެލެވޭ ގޮތުގައި ނަޝީދު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކައިފައި މިވަނީ އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދޭން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމުން ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ކުރި ހުކުމާއި ގުޅިގެންނެވެ.އެ މައްސަލަ ކޯޓުން ބޭރުން ނިންމަން ބޭނުންވާ ކަމަށް ވިދާޅުވެ އޭޖީ ރިފްއަތު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ކޯޓުން ބޭރުން މައްސަލަ ނިންމަން އުޅުނީ ކޮރަޕްޝަން ހިންގަން ކަމަށް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ. އޭޖީ އޮފީހުން މިމަހުގެ 14 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދީބާޖާއަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބާތިލްކުރަން ދައުލަތުން ސިވިލް ކޯޓުގައި އެދިފައިވާ ކަމަށެވެ.އަދި މައްސަލަ ބާތިލް ކުރަން ކޯޓުގައި އެދުނީ ހުކުމް ތަންފީޒު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލާ ހިލާފަށް، އެ މައްސަލައިގެ ހުކުމް ތަންފީޒު ކުރުމުގެ ބައި ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ. ނަމަވެސް ދީބާޖާ ކުންފުނިން ބުނެފައިވަނީ، ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރުމުން ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ކުރި ހުކުމުގެ ތަންފީޒީ މަރުހަލާއާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ހަދަނީ ދޮގު ކަމަށެވެ.2010 ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރިއެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭންޖެހޭ ކަންކަން ފުރިހަމަ ނުކޮށް އޮތުމުން 2013 ވަނަ އަހަރު އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ