ދައުލަތުން ޑަބްލިއުއެލްޓީ އަށް ފައިސާ ދެއްކީ ހުކުމާ ހިލާފަށް ކަމަށް ތުހުމަތުކޮށްފި

ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ރިސޯޓެއް ތަރައްގީ ކުރާނެ ރަށެއް ދޭން އެއްބަސްވުމަށް ފަހު އެކަން ކޮށްފައި ނުވާތީ، ދައުލަތުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ފައިސާ ދިނީ ހުކުމާ ހިލާފަށް ކަމަށް އެ ކުންފުނީގެ ހިއްސާދާރަކު ތުހުމަތުކޮށްފި އެވެ.
އެއްބަސްވުމާ އެއް ގޮތަށް ޑަބްލިއުއެލްޓީ އަށް ރަށް ނުދިނުމުން ސުޕްރީމް ކޯޓުން ހުކުމުކޮށްފައި ވަނީ އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 15 މިލިއަން ޑޮލަރު (231.8 މިލިއަން ރުފިޔާ) ދިނުމަށެވެ. އެ އަދަދުން ޓެކްސަށްވާ ފައިސާ ކެނޑުމަށް ފަހު 130 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ.
ޑަބްލިއުއެލްޓީ އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ޓްރެވެލްސްގެ 90 އިންސައްތަ އަދި ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހްމަދު ޝަރީފް ގެ 10 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. އިއްޔެ ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުން ކުންފުންޏަށް ފައިސާ ދިނީ ހުކުމާ ހިލާފަށް ކަމަށެވެ.
އެގޮތުން ކޯޓުގެ ހުކުމުގައި ފައިސާ ދައްކާއިރު، ކުންފުނީގެ ހިއްސާދާރުންނަށް އެކަން އަންގަން ޖެހޭ ކަމަށް އޮތް ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން އޭނާ އަށް ނާންގާ ކަމަށް ބުނެފައި ވެއެވެ. އެއީ ކޯޓުން ކުރި ހުކުމާއި މުޅިން ހިލާފު ކަމެއް ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޑަބްލިއުއެލްޓީ އަށް ދައުލަތުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން 5.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 86.5 މިލިއަން ރުފިޔާ) އެ ކުންފުންޏަށް ދޭން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓް ހެދުމަށްޓަކައި ޑަބްލިއުއެލްޓީ އަށް ތިން ރަށެއް ދޭން 2007 ގައި އެއްބަސްވުމަށް ފަހު، އެ ރަށްތައް ނުދިނުމުންނެވެ.
އެ މައްސަލާގައި ޑަބްލިއުއެލްޓީން ދައުވާކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރާއި އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށެވެ. ޑަބްލިއުއެލްޓީ އަށް ބަދަލު ދިނުމަށް ދައުލަތާއި އެއިމްސް ކުންފުނީގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ މާޗް 28 ގައި ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ