ނަޝީދު ވިދާޅުވަނީ ލުތުފީ ލަންކާ އެމްބަސީއަށް ދިޔައީ ބޮމުގެ ހަމަލާގެ ކުރިން ކަމަށް

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިޔައީ ސްރީލަންކާއަށް ދިން ޓެރެރިސްޓް ހަމަލާގެ އެއް ދުވަސްކުރިން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ ހުރި ކަމަށް އެންމެ ފުރަތަމަ ހާމަ ކުރީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެކަމާ ގުޅިގެން ފުލުހުން ބެނެފައިވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު ލުތުފީ އަމިއްލައަށް އައިސް ލަންކާ އެމްބަސީއާ ހަވާލުވެފައިވާ ކަމަށެވެ. އަދި އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލުތުފީ އެމްބަސީއާ ހަވާލުވީ ލަންކާގައި ދާދިފަހުން ދިން ޓެރެރިސްޓް ހަމަލާ ދިނުމުގެ އެއް ދުވަސް ކުރިން ކަމަށެވެ. އެ ހަމަލާ ލަންކާއަށް ދީފައިވަނީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު އެވެ. އެހެން ކަމުން ނަޝީދު ވިދާޅުވާ ގޮތުން ނަމަ ލުތުފީ އެމްބަސީއާ ހަވާލުވީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އެވެ. "އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ ލުތުފީ އަމިއްލަފުޅަށް ވަޑައިގަތް ސަރަންޑާ ކުރެއްވީ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާ. އެއީ ކޮންމެ ދިވެއްސަކައް ވެސް ކުރެވޭނެ ކަމެއް. އޭގެ އަނެއް ދުވަހު ސިލޯންގައި ނުވަ ތަނަކު ބޮން ގޮއްވީ،" ނަޝީދު ވިދާޅުވި އެވެ. މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވިގެން އުޅޭ ސަބަބާއި ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ވީހާވެސް އަވަހަށް ލުތުފީ ރާއްޖެ ގެންނާނެ ކަމަށެވެ. އަދި ލުތުފީ ރާއްޖެ ނުގެނެވި ލަސްވީ އެ ހަމަލާއާ ގުޅިގެން ލަންކާ ސަރުކާރަށް އެޅި ލޮޅުމާއި ގުޅިގެން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ