ހަރުކަށި ރަޝިއާ، މިހާރު ހިތްހެޔޮ ކަމުގެ ނަމޫނާއެއް!

ފީފާ ވޯލްޑް ކަޕާއެކު ރަޝިއާގެ މަލަމަތި މުޅި ދުނިޔެއަށް ވަރަށް ބޮޑަށް އިސްތިހާރު ވެއްޖެއެވެ. ވޯލްޑް ކަޕް ފަދަ ފުޓުބޯޅައިގެ މުހިއްމު މުބާރާތެއް ރަޝިއާގައި ބާއްވަން ނިންމި ހިސާބުންވެސް އެކަމަށް ވިލާތުގެ ބޮޑެތި މީޑިއާތަކުން ފާޑުކިޔާފައިވެއެވެ. ހާއްސަކޮށް ރަޝިއާގެ މުށްބާރު ސިޔާސުތަކާ ހެދި ވޯލްޑް ކަޕަށް ޒިޔާރާތްކުރާ އެތަކެއް ސަޕޯޓަރުންނަށް އެކަން އުނދަގުލަކަށް ވާނެ ކަމަށް މީޑިއާތަކުން އިންޒާރުދެމުން ދިޔައެވެ. "ރަޝިއާ މީހުން ނުހޭނެ،" މިއީ އިނގިރޭސި މީޑިއާގައި ރަޝިއާ ސިފަކުރަން އާއްމުކޮށް ބޭނުން ކުރާ ޖުމްލަތަކެވެ. ހާއްސަކޮށް ރަޝިއާގެ މިލިޓަރީ ސިފައިންނަކީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާ ބައެކެވެ. ހަރުކަށިކަމާ، އުސޫލުތަކުގެ ހައްދު ފަހަނަ އެޅުމަށެވެ. ވޯލްޑް ކަޕް ފެށުމާއެކު ގައުމުގެ ރައީސް ލަޑީމިއާ ޕުޓިން ވިދާޅުވީ، ރަޝިއާއިން މުޅި ދުނިޔެއަށް މަރުހަބާ ކިޔަން ތައްޔާރު ކަމަށެވެ. ނަސްލެއް އަސްލެއް ނެތި އަންނަންވީ ކަމަށެވެ. ޕުޓިންގެ ވާހަކައާއެކު އެކަން އެހެން ވާނެތޯ ގިނަ ބަޔަކު ސުވާލުވެސް އުފެއްދިއެވެ. އެ ސުވާލަށް ދޭނެ ޖަވާބު މިފަހަރުގެ ވޯލްޑް ކަޕަށް ރަޝިއާއަށް ދިޔަ ތިން މިލިއަނަށްވުރެ ގިނަ ސަޕޯޓަރުންނާއި މީޑިއާގެ ބޭފުޅުން އަތުގައިވެސް އޮންނާނެއެވެ. ފޭން އައިޑީ - ވޯލްޑް ކަޕަށް ރަޝިއާ ހުޅުވާލި ކަމުގެ ހެއްކެއް ރަޝިއާގެ ކޮންމެ ސިޓީއެއްގައިވެސް ފޭން އައިޑީ ސެންޓަރުތައް ގާއިމް ކޮށްފައިވޭ --- ފޮޓޯ/ މީސް މީޑިއާ ވޯލްޑް ކަޕާ ދިމާކޮށް ކޮކާކޯލާއިން ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮމޯޝަނެއްގައި ބައިވެރިވެ، ވޯލްޑް ކަޕްގެ މެޗެއް ބަލާލުމުގެ ފުރުސަތު 30 ދިވެއްސަކު ހޯދިއެވެ. އެ ދިވެހިންގެ ތަޖުރިބާގައި ބައިވެރިވެލުމަށް އަޅުގަނޑަށްވެސް ފުރުސަތު ލިބިފައިވާ އިރު، ރަޝިއާގެ ވޯލްޑް ކަޕް މާހައުލުން ފާހަގަ ކޮށްލެވުނު އެންމެ މުހިއްމު ތަޖުރިބާއަކީ "ފޭން އައިޑީ"އެވެ. މޮސްކޯގެ ޑޮމެޑޮޑޯވޯ އެއާޕޯޓަށް ފޭބުމާއެކުވެސް ރަޝިއާއިން ވޯލްޑް ކަޕަށް ކޮށްފައިވާ ފުރިހަމަ އިންތިޒާމް ފެނިގެންދިޔައެވެ. "ފޭން އައިޑީ"ގެ އިލެކްޓްރޯނިކް ކޮޕީއެއް "ވިސާއަކަށް" ފުދެއެވެ. ދިމާވާ ކޮންމެ ސެކިއުރިޓީ މީހަކުވެސް ހިނިތުންވުމާއެކު ވޯލްޑް ކަޕަށް މަރުހަބާ ކިޔަމުންދިޔައެވެ. ރަޝިއާ ވޯލްޑް ކަޕަށްދިޔަ ކޮންމެ މީހެއްގެ ކަރުގައި ފޭން އައިޑީއެއް އޮންނާނެއެވެ. އުނދަގުލުން ހޯދަން ޖެހޭ ވިސާގެ ބަދަލަކީވެސް އެއީއެވެ. ކޮންމެ ހިސާބަކުން ވޯލްޑް ކަޕަށްދާ ސަޕޯޓަރުންނަށް ފޭން އައިޑީއާއެކު ހާއްސަ އެތައް ކަމެއް ލިބިގެންދިޔައެވެ. ރަޝިއާއަށް އެތެރެވެ ފޭން އައިޑީ ހެދޭ ހިސާބުން "ރަސްމީ ސަޕޯޓަރަކަށް" ވެވުނީއެވެ. ފޭން އައިޑީ ހެދުމަށް އެތައް ހާސް ބަޔަކު ދުވާލަކު ދިޔަ ނަމަވެސް އެކަންވެސް ލަހެއް ނުވެއެވެ. ކުރިން ނަހައްދާ އޮތްނަމަ ވަގުތުން ވަގުތަށް ފޮޓޯ ނަގައިލައިގެން ފަސް ވަރަކަށް މިނެޓް ތެރޭގައި އެކަން ނިންމާ ލެވެއެވެ. "ފޭން އައިޑީ"އާ ހިސާބުން ރަޝިއާގެ މެޓްރޯ ރެއިލް ވިއުގަވެސް ހިލޭވީއެވެ. ޕަބްލިކް ޓްރާންސްޕޯޓްގައި ހިމެނޭ ބަސް ދަތުރުތައްވެސް މުޅިން ހިލޭއެވެ. މޮސްކޯގެ އެއް ސްޓޭޑިއަމްއިން އަނެއް ސްޓޭޑިއަމްއަށް ދިއުމުގައި ދައްޗެއް ނެތެވެ. ހުރިހާ ދިމާލެއްގައިވެސް ފޭން އައިޑީއެއް އޮތް މީހަކީ އެންމެންވެސް ހިނިތުންވުމުން މުއާމަލާތް ކުރާނެ މީހެކެވެ. ހާއްސަކޮށް އެއް ގައުމެއްގެ ސަޕޯޓަރުން އަނެއް ގައުމެއްގެ ސަޕޯޓަރުންނަށް ދޭ އިހުތިރާމް އޭގެ ސަބަބުން ބޮޑު ވެގެންދެއެވެ. ސަލާމަތީ ކަންކަން ލުއި - އުނދަގުލެއް ނެތް މޮސްކޯގެ ލުޒްނީކީ ސްޓޭޑިއަމްގެ ބޭރުގައި ސިފައިން ފޯރި މަރަނީ --- "ވޯލްޑް ކަޕް ވެގެންދިޔައީ ތާރީހީ ދަތުރަކަށް. އަހަންނަށް ހީވަނީ ހުރިހާ އެންމެނަށްވެސް ފެނިގެން ދިޔައީ ތަފާތު ރީތި ގައުމެއްހެން. އިންސާނިއްޔަތަށް ބާރު އަޅާ ގައުމެއް. އެކުވެރި، ކޮންމެ މީހަކަށްވެސް މަރުހަބާ ކިޔާ ރަޝިއާއެއް ފެނިއްޖެ. އާއްމުކޮށް ލިޔުންތަކުގައި ލިޔެފައި އޮންނަ ރަޝިއާއާ މުޅިން ތަފާތު ރަޝިއާއެއް މިއީ،" ވޯލްޑް ކަޕްގެ ކާމިޔާބީއާ ގުޅޭގޮތުން ފީފާގެ ރައީސް އިންފެންޓީނޯ ވިދާޅުވެފައިވެއެވެ. ރަޝިއާގެ ރައްޔިތުން ވޯލްޑް ކަޕަށް ތައްޔާރުވީވެސް އެގޮތަށެވެ. މަގުތަކުން ފެންނަ ސަލާމަތީ އޮފިސަރުންނާއި ގައިޑުންވެސް ހިނިތުންވުމާއެކު މަރުހަބާ ކިޔައެވެ. ދިވެހިންގެ ތެރެއިން ވޯލްޑް ކަޕްގެ މެޗެއް ބެލުމަށް މޮސްކޯއަށް ދިޔަ ޓީމަށްވެސް އިހުސާސް ކުރެވުނީ ރަޝިއާގެ ހޫނު މަރުހަބާއެވެ. "ފުރަތަމަ އަންނަން އުޅުނު އިރުވެސް އެކުވެރިންވެސް ބުނި ރަޝިއާއޭ ތީ. ވަރަށް ބަލައިގެން އުޅެއްޗޭ. ވަރަށް ހަރުކަށިވާނެ. ވަރަށް ގޮތެއް ފޮތެއް ނެތް މީހުން އުޅޭނޭ. ހިތް ހެވެއް ނުވާނޭ ރަޝިޔާ،" ދިވެހިންގެ ތެރެއިން ދިޔަ މީހަކު ކިޔައިދިނެވެ. ވޯލްޑް ކަޕް މެޗު ބަލަން ދިޔަ ބައެއް ދިވެހިން --- ސަން ފޮޓޯ/ މުހައްމަދު ޝަމްޢޫން އެހެން ނަމަވެސް މޮސްކޯގައި އޭނާ ހޭދަކުރި މަދު ދުވަސް ކޮޅުން ދަސްވީ މުޅިން ތަފާތު މާހައުލެކެވެ. ކޮކާކޯލާގެ ދަތުރުގައި ދިވެހިންނަށް ހާއްސަ ޓުއާތަކާއި ބޯޓު ކުރޫސްތައްވެސް ރާވާލެވިފައި އޮތް އިރު، ކޮންމެ ދުވަހަކުވެސް މުޅިން އާ އެތައް ތަނަކަށް ދެވެއެވެ. އެތައް ބަޔަކާ ބައްދަލުވެއެވެ. ޕާކުތަކާއި މުހިއްމު މަގުބަރާތަކުންވެސް ފެނުނީ ހިތްހެޔޮ ކަމެވެ. "މި ހުރިހާ ތަނަކުންވެސް ދިމާވާ އެންމެވެސް ހެވިފަ މަރުހަބާ ކިޔާ. ހީކުރީ ގޮތާ ހިލާފް، ގަބޫލުވެސް ކުރަން ދަތި،" ދިވެހިންގެ ތެރެއިން މީހަކު މޮސްކޯގައި ހުރެ ބުނެފައިވެއެވެ. ސަލާމަތީ ކަންކަމަށް ގެނައި ލުއިކަން މުޅި މޮސްކޯއިން ސިފަވެއެވެ. ވޯލްޑް ކަޕް ވެގެންދިޔައީ ރަޝިއާއަށް އީދަކަށެވެ. ހާއްސަކޮށް ރައްޔިތުންނަށް، ރަޝިއާގެ ހިތްހެޔޮކަން ދައްކާލަން ލިބުނު ބޮޑު ފުރުސަތަކަށެވެ. އެކަން ސާބިތުވެސް ކޮށްދީފިއެވެ. ފީފާގެ ރައީސަށްވެސް އެކަން ޔަގީން ކުރެވިއްޖެއެވެ. "އަހަންނަށް އެނގޭ ރަޝިއާއަށް އައި އެތައް ހާސް ބަޔަކު ރަޝިއާގެ ހޫނު މަރުހަބާގެ ޖާދުލުގައި ޖެހިއްޖެކަން. ވޯލްޑް ކަޕްގެ ކުރިން ރަޝިއާއާ ދޭތެރޭ ދެކެމުން އައި އެތައް ކަމެއް މިހާރު ބަދަލުވެއްޖެ. ރަޝިއާގެ ހަގީގަތް ފެނިއްޖެ. ހުރިހާ ޝުކުރެއް ވޯލްޑް ކަޕަށް،" ފީފާގެ ރައީސް އިންފެންޓީނޯ ވިދާޅުވިއެވެ. އިންފެންޓީނޯ ވިދާޅުވީ ރަޝިއާއަށް ވޯލްޑް ކަޕާ ދިމާކޮށް ގެނައި އީދުގެ ހަގީގަތަކީ ރަޝިއާގެ ރައީސް ޕުޓިން ކަމަށެވެ. މިއީ މިހާތަނަށް އެންމެ ފުރިހަމަ ވޯލްޑް ކަޕްގެ ގޮތުގައިވެސް އިންފެންޓީނޯ ވަނީ ސިފަކުރައްވާފައެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ 22،000 ޓިކެޓް ވިކުނު - އެމީހުންގެ ތަޖުރިބާއަކީ ކޮބާ؟ ފުޓުބޯޅައަކީ ވަކި މީހަކަށް، ވަކި ކުލަކައަށް ހާއްސަ ކުޅިވަރެއް ނޫނެވެ. ވޯލްޑް ކަޕްގެ މައިގަނޑު މެސެޖަކީވެސް އެއީއެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ހާއްސަކޮށް ގިނަ ކަންތައްތަކެއް ފަހިވުމަކީ ކާމިޔާބު ވޯލްޑް ކަޕަކަށް ކޮންމެހެންވެސް މުހިއްމުވާނެ ވަސީލަތްތަކެކެވެ. ރަޝިއާގެ ވޯލްޑް ކަޕަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ 22،000 ޓިކެޓް ވިކިފައިވާ އިރު، އެ ގައުމުގައި އެފަދަ މީހުންގެ އިންތިޒާމް އޮތީ ކިހާ މިންވަރަކަށްތޯއޭ، އެއީ ކުރެވުނު ސުވާލެކެވެ. އިންގްލެންޑްގެ ސަޕޯޓަރެއް ކަމަށްވާ ޕައުލް ލެޓާސް "ކްރޯނިކް ނާވް ޑިޒީޒް" ހުންނަ މީހެކެވެ. އޭނާއަށް ހިނގާބިނގާވެ އުޅުމަށް ނުކުޅެދިފައިވާ އިރު، އޭނާ ވޯލްޑް ކަޕް ބަލަން ގޮސް އެއްތަނުން އަނެއް ތަނަށް ގޮސްފައިވަނީ އިށީނދެގެން އިނދެ ދުއްވާ ސްކޫޓަރެއްގައެވެ. ޕައުލް ބުނެފައިވަނީ ފުރަތަމަ ރަޝިއާއަށް ދިޔަ އިރު، އޭނާ ގިނަ ކަންތައްތަކަކަށް ޖެހިލުންވި ކަމަށެވެ. އެހެން ނަމަވެސް ރަޝިއާގެ ފިހާރަތަކާއި މުހިއްމު ހުރިހާ ތަނެއްގައިވެސް ނުކުޅެދޭ މީހުންގެ ގޮނޑިތަކަށް ހާއްސަ ލޭންތައް ހުރި ކަމަށް ޕައުލް ބުންޏެވެ. ޕައުލް ބުނެފައިވަނީ އެންމެ ގިނަ ބައެއްގެ އެހީތެރިކަން އޭނާއަށް ލިބުނީ ރަޝިއާގެ މެޓްރޯގެ ތެރެއިން ކަމަށާއި، މެޓްރޯ ތެރެއިން އޭނާއަށް ހާއްސަވެގެން ހަތަރު މީހަކު އޭނާއަށް އެހީވި ކަމަށެވެ. އެހެން ނަމަވެސް ރަޝިއާގެ ރައްޔިތުން ބުނެފައިވަނީ ވޯލްޑް ކަޕަށް ރަޝިއާއިން ދައްކަމުން ދިޔައީ އެގައުމުގެ އަސްލު ސިފަ ނޫން ކަމަށެވެ. ރަޝިއާގެ ނުކުޅެދޭ މީހެއް ކަމަށްވާ ލަޑިސްލޭވް ފޮކިން ބީބީސީއަށް ބުނެފައިވަނީ އާއްމުކޮށް ރަޝިއާގައި ގޮނޑި ދުއްވާފައި އުޅުމަކީ ދަތިތައް ކުރިމަތިވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު ހުރިހާ ކަމެއް ފަސޭހަ ކަމަށްވެސް ލަޑިސްލޭވް ބުނެފައިވެއެވެ. ރަޝިއާގެ ވޯލްޑް ކަޕްގައި ނުފެންނަ ފަޅިއެއް އޮވެދާނެއެވެ. އިންސާނީ ބޮޑެތި ހައްގުތައް ބައެއް މީހުން އަތުން ނިގުޅައިގަނެ، ވޯލްޑް ކަޕްގައި ތަފާތު ކުރުންތައް ގެންގުޅެފައިވާ ކަމަށް ބައެއް މީހުން ބުނެފައިވާ އިރު، ވޯލްޑް ކަޕްގެ އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ފީފާގެ ރައީސް އިންފެންޓީނޯ ވަނީ އެ ކަމަށްވެސް ޖަވާބުދާރީ ވެފައެވެ. "ނާއިންސާފުންވެސް ކަންކަން ހިނގާފައިވާނެ. އެންމެން ބޭނުންވާ ގޮތަށް. އެންމެނަށް އިންސާފުކޮށް ދުނިޔޭގެ އެއް ކަމެއްވެސް ނުހިނގާނެ،" އިންފެންޓީނޯ ވިދާޅުވެފައިވެއެވެ. ރަޝިއާއިން ގެންގުޅޭ ނަސްލީ ތަފާތުކުރުންތަކާއި، ހަރުކަށި ބައެއް ސިޔާސަތުތައް ފީފާއިން މީޑިއާއަށް ފޮރުވި ކަމަށާއި، ވޯލްޑް ކަޕްގެ ސަބަބުން އެ މަންޒަރުތައް އާންމުންނަށް ގެއްލުނު ކަމަށް ބުނެފައިވާ އިރު، އިންފެންޓީނޯ ވިދާޅުވީ ވޯލްޑް ކަޕަށް ސަމާލުކަން ދިން ވަރަށް ގައުމުގެ އެހެން ކަންކަމަށް ސަމާލުކަން ނުދެވި އޮތް ނަމަވެސް، އަބަދުވެސް ވިސްނާނީ ފުޓުބޯޅައިން ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ. "ފުޓުބޯޅައަށް ދުނިޔޭގެ ހުރިހާ މައްސަލައެއް ހައްލު ނުވެދާނެ. ފުޓުބޯޅައަށް ވޭތުވެދިޔަ ތަނާ މެދު ކަމެއް ނުކުރެވިދާނެ. އެކަމަކު ފުޓުބޯޅައަށް މުސްތަގުބަލު އުޖާލާ ކުރެވިދާނެ. ވޭތުވެދިޔަ ތަނުން ކަންކަން ބަލާ މުސްތަގުބަލު އުޖާލާ ކުރުމަށް ފުޓުބޯޅަ އެހީވާނެ. އިހުތިރާމް ކުރުމާއި ތަފާތު ނުކުރުމުގެ ވިސްނުމަކީ ފުޓުބޯޅަ،" އިންފެންޓީނޯ ވިދާޅުވެފައިވެއެވެ. ރަޝިއާގެ ލުޒްނީކީ ސްޓޭޑިއަމްގައި މިރޭ ކުރިއަށް ދިޔަ ވޯލްޑް ކަޕް 2018 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޕީ މިފަހަރުގެ ވޯލްޑް ކަޕުން ތަފާތު މަންޒަރުތަކެއް ދައްކުވައިދީފިއެވެ. ދަނޑުމަތީގެ ނަތީޖާތައް އަންދާޒާ ކޮށްލަން ނޭނގުނެވެ. ހައިރާން ކުރުވަނިވި ނަތީޖާތަކެއްވެސް ފެނިގެން ގޮސްފިއެވެ. ފްރާންސަށް ތަށި ލިބުނު އިރު، ވޯލްޑް ކަޕަކީ ހަމައެކަނި ދަނޑިމަތީގެ ކަމެއް ނޫނެވެ. ވޯލްޑް ކަޕަކީ މުބާރާތް ބާއްވާ ގައުމުގެ އިޝްތިހާރެކެވެ. ހާއްސަކޮށް އެ ގައުމެއްގެ ރޭވުންތެރިކަމާއި، ގައުމުގެ ސިޔާސަތުތަކަށް މުޅި ދުނިޔެ ހުޅުވާލެވޭ ހުޅުވާލުމެކެވެ. ރަޝިއާއިން އެ ޓެސްޓުން ފާސްވެއްޖެއެވެ. ހަމަ ޔަގީނުންވެސް ވޯލްޑް ކަޕްގެ ތަޖުރިބާއަށް އެގައުމަށް ދިޔަ މަދު މީހަކު ނޫނީ އެނބުރި ގައުމަށް ދިޔައީ ހިތްހަމަ ޖެހިގެންކަން ޔަގީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ